މިހާރު ހިންގާ ސްޕީޑުގައި، މިހާރު ކުރާ ގިނަމިނުގައި ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއު ހިންގި ދުވަސްވަރެއް މި ނޫނީ ނުދެކޭ ކަމަށާއި ނިމިފައިވާ މަޝްރޫއުތަކާއި ކުރިއަށް ހުރި މަޝްރޫއުތަކާ އެކު ޖުމްލަ 373 ބާވަތުގެ މަސައްކަތް މި ސަރުކާރުން ކުރިއަށްގެންދާ ކަމަށް މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ކ. މާފުށްޓަށް އިތުރުކުރި ބިމާއި ޕިކްނިކް އައިލެންޑް ރަށު ކައުންސިލާ ހަވާލުކުރަން މިއަދު ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ ކޮވިޑުގެ ހާލަތަކާ އެކު ކުރިމަތިވި އިގްތިސާދީ ދަތިކަމުގެ ތެރޭގައި ވެސް ރާއްޖޭގެ ތަރައްގީ އުމްރާނީ ހުއްޓޭކަށް ރައީސް ސޯލިހު ބޭނުންފުޅުވެވަޑައިނުގެންނެވި ކަމަށެވެ. އެހެންވެ އެ މަސައްކަތްތައް ކުރިއަށް ގެންގޮސް އާ މަސައްކަތްތަކެއް ވެސް ފެށްޓެވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު އުމުރުންވީހާ ދުވަހު ސަރުކާރުގެ އެކިއެކި މަގާމްތަކުގައި މަސައްކަތް ކޮށްފިން އަދި މަޝްރޫއު ހިންގާ ސްޕީޑް ދެކެފިން. މިއަދު ހިންގާ ސްޕީޑުގައި، މިއަދު ހިންގާ ގިނަމިނުގައި މަޝްރޫއު ހިންގި ދުވަސްވަރެއް އަޅުގަނޑުގެ ހަޔާތުގައި ނުދެކެން،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ މި މަސައްކަތުގައި ދެމި ތިބެން ބޭނުން ކަމަށާއި ޓްރެކް ރެކޯޑަށް ބަލާއިރު ބާކީ ހުރި މަސައްކަތްތައްކޮށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކާ ކައިރިއަށް ގެންގޮސް ދިނުމަށް އިތުރު ދައުރެއްގައި ރައީސް ހުންނަވާނެ ކަމަށެވެ.
"އެމަނިކުފާނު އިރާދަކުރެވިއްޔާ މި ފަސް އަހަރަށް ވުރެ އިތުރަށް ހުންނަވާނެ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ދެއްވި ތަފާސް ހިސާބުތައް
- ބަނދަރު: 25 ރަށެއް ނިމިފައި، 39 ރަށެއްގެ މަސައްކަތް ކުރިއަށްދޭ، 13 ރަށެއްގެ މަސައްކަތް ފެށުމުގެ މަގުމަތީގައި، 8 ރަށެއް ޓެންޑާގައި
- ބިން ހިއްކުން: 4 ރަށެއް ނިމިފައި، 5 ރަށެއްގެ މަސައްކަތް ކުރިއަށްދޭ، 7 ރަށެއްގެ މަސައްކަތް ފެށުމުގެ މަގުމަތީ، 2 ރަށެއް ޓެންޑާގައި
- ގޮނޑުދޮށް ހިމާޔަތްކުރުން: 4 ރަށެއް ނިމިފައި، 11 ރަށެއްގެ ކުރިއަށްދޭ، 11 ރަށެއްގެ މަސައްކަތް ފެށުމުގެ މަގުމަތީ، 2 ރަށެއް ޓެންޑާގައި
- ތާރު އަޅައިގެން މަގުހެދުން: 5 ރަށެއް ނިމިފައި، 12 ރަށެއްގެ ކުރިއަށްދޭ، 9 ރަށެއްގެ މަސައްކަތް ފެށުމުގެ މަގުމަތީގައި، 1 ރަށެއް ޓެންޑާގައި
- ފެނުގެ ހިދުމަތް: 64 ރަށެއްގެ މަސައްކަތް ކުރިއަށްދޭ، 53 ރަށެއްގެ މަސައްކަތް ފެށުމުގެ މަގުމަތީ، 23 ރަށެއްގެ މަސައްކަތުގައި މާދަމާ ސޮއިކުރާނެ
- ނަރުދަމާ: 57 ރަށެއް މަސައްކަތް ކުރިއަށްދޭ، 32 ރަށެއްގެ މަސައްކަތް ފެށުމުގެ މަގުމަތީ، 216 ރަށެއްގެ މަސައްކަތުގައި މާދަމާ ސޮއިކުރާނެ
- އެއާޕޯޓް ހެދުން: 1 ރަށެއްގެ މަސައްކަތް ނިމިފައި، 2 ރަށެއްގެ މަސައްކަތް ކުރިއަށްދޭ. 1 ރަށެއް ސޮއިކޮށްފައި، 5 ރަށެއް ޓެންޑާގައި.
އަސްލަމް ވިދާޅުވީ ނިމި، ހިނގަމުންދާ އަދި ފެށުމަށް ތައްޔާރުވަމުންދާ 373 ބާވަތުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ނިމިފައިވާ މަސައްކަތްތަކަށް 1.86 ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ. އަދި ކުރިއަށް ހިނގާނެ ހަރަދުތަކުގެ އަގު 16.2 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށާއި ފަސް އަހަރުގެ ތެރޭގައި ޖުމްލަ 18 ބިލިއަން ރުފިޔާގެ މަސައްކަތްކުރާނެ ކަމަށް އެމަނިކުފާނު ވިދާލުވި އެވެ.
"ކުރަން ހުރި މަސައްކަތް ބައިވަރު. މިއީ ތަރައްގީވަމުން އަންނަ ގައުމެއް. އަދި 18 ބިލިއަން ރުފިޔާއަކުން ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަސައްކަތްކޮށް ނުނިމޭނެ،" އަސްލަމް ވިދާޅުވި އެވެ.












