ނިއުކާސަލް (ޑިސެމްބަރު 28) - އެޑިންސަން ކަވާނީ، ދެ ވަނަ ހާފުގައި ޖެހި ގޯލާ އެކު އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިނުވެ ސަލާމަތްވެ، 1-1 އިން އެއްވަރުވެއްޖެ އެވެ.
މި ނަތީޖާއާ އެކު ޔުނައިޓެޑް ލީގުގެ ފަސް ވަނަ އަށް ލިބުނު ފުރުސަތު ގެއްލި، މި ވަގުތު އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. އެއީ 17 މެޗުން 28 ޕޮއިންޓާ އެކު އެވެ. ރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު ނިއުކާސަލް އޮތީ 19 ވަނައިގައި 19 މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ.
ޔުނައިޓެޑުން ރޭގެ މެޗަށް ނުކުތީ ދެ މަހެއްހާ ދުވަސް ތެރޭ ފުރަތަމަ ފަހަރަށް ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. އެކަމަކު، ނިއުކާސަލް އިން ލީޑުނެގި ގޯލަކީ ވަރާން އަތުން ގެއްލުނު ބޯޅައެއް ހޯދައިގެން މެޗުގެ ހަތް ވަނަ މިނިޓްގައި ނިއުކާސަލްގެ އެލަން ސެއިންޓް-މެކްސިމައިން ޖެހި ގޯލެކެވެ. އޭރިއާތެރެއިން ސެއިންޓް-މެކްސިމައިން މި ގޯލު ޖެހީ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ކައިރިން ނައްޓާފައި ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.
ލީޑުފުޅާކުރަން ނިއުކާސަލްގެ ކަލުމް ވިލްސަން ފުރަތަމަ ހާފުގައި ޖެހި ގޯލެއް އޮފްސައިޑް ކަމަށް ނިންމިއިރު، އޭރިއާބޭރުން ޖޮންޖޯ ޝެލްވޭ ޖެހި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ މަތަކުރި އެވެ. އަދި ދެ ވަނަ ހާފުގައި ކުޑަ އޭރިއާތެރެއިން ސެއިންޓް-މެކްސިމައިން ޖެހި ބޯޅަ ވެސް ޑެހެއާ ވަނީ ހުއްޓުވައިފަ އެވެ.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ކަވާނީ ޔުނައިޓެޑަށް އެއްވަރުކޮށްދިނީ މެޗުގެ 71 ވަނަ މިނިޓްގަ އެވެ. ޑިއޯގޯ ޑަލޯ ހުރަސްކުރި ބޯޅައެއް ކަވާނީ ފުރަތަމަ ފޮނުވާލުމުން ވަނީ ބްލޮކްވެފަ އެވެ. ދެ ވަނަ ފަހަރަށް ފޮނުވާލަން އުޅުނު ބޯޅަ އެންމެ ރަނގަޅަށް ފަޔަށް ނޭރި ކަމުގައި ވިޔަސް ނިއުކާސަލް ޑިފެންޑަރުންގެ ތެރެއިން ގޮސް ވަނީ ގޯލުގެ ކަނަށެވެ.
އަލުން ލީޑުނަގަން ނިއުކާސަލްގެ ޖޭކަބް މާފީ ޖެހި ޝޮޓެއް ގޯލުގެ ދަނޑީގައި ޖެހިފައި ބޯޅަ ލިބުނީ ނިއުކާސަލްގެ މިގޭލް އަލްމިރޯން އަށެވެ. ޕެރަގުއޭ ގައުމީ ޓީމަށް ވެސް ކުޅޭ އަލްމިރޯން ދުރު ކަނަށް ޖަހަން ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ގޯލުގައި ރޭ މޮޅު ކުޅުމެއް ދެއްކި ޑެހެއާ ވަނީ މަތަކޮށްފަ އެވެ.
މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް ބުނީ ރޭގެ މެޗުގައި އެ ޓީމުގެ ފަރާތުން ފެނުނު ކުޅުން އޭނާ އަށް އެއްވެސް ވަރަކަށް ކަމުނުދާ ކަމަށާއި މުޅި މެޗަށް ބަލާއިރު ވެސް ކޮންޓްރޯލް ކޮށްގެން މެޗުން މޮޅުވުމުގެ ރޫހެއް ޔުނައިޓެޑްގެ ކިބައިން ނުފެނުނު ކަމަށެވެ.
"އަހަރެމެން ޝަކުވާކޮށް ނޫނީ މޮޅުނުވެވުނު އުޒުރުތަކެއް ދެއްކުމުގެ ބޭނުމެއް ނެތް. އަހަރެމެން ޖެހޭނީ އަމިއްލަ ނަފްސަށް ބަލައިގެން. ގޯސްކޮށް ކުރެވުނު ކަންތައްތައް ރަނގަޅުކުރަން،" ރަންގްނިކް ބުންޏެވެ.
ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ބުނީ ޖުމްލަކޮށް ކުޅުމަށް ބަލާއިރު، މެޗުން މޮޅުވެވޭ ވަރަށް ކުޅުނީ ނިއުކާސަލް އިން ކަމަށެވެ. އަދި އޭނާގެ ކުޅުންތެރިން ދެއްކި ހިތްވަރާއި ތަނަވަސްކުރި ފުރުސަތުތަކަށް ބަލާއިރު، ތިން ޕޮއިންޓް ހައްގުވާ ކަމަށް ހޯވް ވަނީ ބުނެފަ އެވެ.












