މިއަދު ހެނދުނު އިރު އެރީ އެތައް ސަތޭކަ ކުޑަކުދިންނެއް އާއިލާއާއެކު ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދަށް މަޖާވެފައި ތިއްބަ އެވެ. އެ ކުދިން ތައްޔާރުވެ އެ ތިބީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން" އަށެވެ.
ހަތަރު އުމުރުފުރާއެއްގެ ޖުމްލަ 900 އަށް ވުރެ ގިނަ ބައިވެރިން މި ފަހަރުގެ ދުވުމުގައި ބައިވެރިވި އެވެ. މިއީ ހަމައެކަނި ދުވެލާފައި ނިންމާލި ހަރަކާތެއް ނޫނެވެ. ގައުމީ ބޭންކުގެ މި ހަރަކާތަކީ އެހެން އެންމެނަށް ވެސް ރަނގަޅު މިސާލެކެވެ.

މިއަދު ބޭއްވި ދުވުމުގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް
އެ ދުވުމާ ގުޅުވައިގެން މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތް ޑިސަބިލިޓީސް (އެމްއޭޕީޑީ) އަށް 100،000 ރުފިޔާ ވެސް ބޭންކު ހަދިޔާކުރި އެވެ. އެ ދީލަތި އެހީ ހަވާލުކޮށް ދެއްވީ ބޭންކުގެ ބޯޑުގެ ޗެއާމަން ޔޫޝައު ސަޢީދު އާއި ބޭންކުގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރު ސަހާ ވަހީދު އެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި އެމްއޭޕީޑީ އިން އެ ފައިސާ ހޭދަ ކުރާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފިޒިއޯ ތެރަޕީ ދިނުމާއި ބިހޭވިއާ، ސްޕީޗް އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުމަށެވެ.
މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި އަޅުގަނޑުމެން ބާއްވާ ހާއްސަ ހަރަކާތެއް. އަދި މި ފަހަރުގެ ދުވުމާ ގުޅުވައިގެން ބޭންކުން އެހީތެރިކަން ފޯރުކޮށްދެވޭ ޕްރޮގްރާމަކީވެސް މުޖުތަމައަށް ވަރަށް ވެސް ބޭނުންތެރި ޕްރޮގްރާމެއް،" ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވި އެވެ.
އެއީ، ހާއްސަ އެހީތެރިކަމަށް ބޭނުންވެފައިވާ، ފަރުވާ އަށް ބޭނުންވެފައިވާ އެތައް ކުދިންނަށް ވަރަށް ބޮޑު އެހީ އެކެވެ. އަދި އެއީ އެފަދަ އާއިލާތަކަށް މި ވެގެންދާނީ ލިބޭ ވަރަށް ބޮޑު ހަމަޖެހުމެކެވެ.

މިއަދު ބޭއްވި ދުވުމުގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް
އުމުރު ފުރާތަކާ ގުޅޭ ގޮތަށް މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ 1.3 ކިލޯ މީޓަރާއި ދެ ކިލޯމީޓަރާއި ތިން ކިލޯ މީޓަރު އަދި ހަތަރު ކިލޯ މީޓަރގެ ދިގުމިނަށެވެ. ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފަ އެވެ.
އާއިލީ، ފޯރިގަދަ މި ހަރަކާތަށް އަހަރުން އަހަރަށް ލިބޭ ތަރުހީބު ވަނީ އިތުރެވެ.













