ޓިއުރިން (ޑިސެމްބަރު 22) - އިޓާލިއަން ލީގުގައި ލަނޑެއް ނުޖެހި 43 މެޗު ފާއިތުވި ފަހުން، ޔުވެންޓަސްގެ ވިންގް، ފެޑެރީކޯ ބެރްނަޑެސްކީ ޖެހި ލަނޑާއެކު ލީގުގައި ރޭ ކަގްލިއާރީ އަތުން 2-0 އިން މޮޅުވެ، ތާވަލްގެ ފަސް ވަނަ އަށް ޔުވެންޓަސް އަށް ޖެހިލައިފި އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ޔުވެންޓަސް އިން ލީޑު ނެގީ މޮއިސް ކީން ޖެހި ލަނޑުންނެވެ. ލަނޑުޖެހުމުގެ ފުރުސަތު ކީން އަށް ފަހިކޮށްދިނީ ބެރްނަޑެސްކީ އެވެ.
ޔުވެންޓަސްގެ ދެވަނަ ލަނޑު މެޗުގެ 83 ވަނަ މިނިޓުގައި ބެރްނަޑެސްކީ ޖެހިއިިރު، މިއީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ފަހުން އޭނާ ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ. ލީގުގައި ބެރްނަޑެސްކީގެ ލަނޑެއް ނުފެނި 513 ދުވަސް ވަނީ ފާއިތުވެފަ އެވެ.
މި މޮޅާއެކު، ޔުވެންޓަސް ވަނީ 34 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. ތާވަލްގެ އެއްވަނައިގައި އޮތް އިންޓަ މިލާން އޮތީ ޔުވެންޓަސް އަށްވުރެ ނުވަ ޕޮއިންޓް ކުރީގަ އެވެ.
"އަހަރަމެން ފާއިތުވި ދެ ތިން މެޗުގައި ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެފި. އެކަމަކު ކުރިއަށް މި އޮތީ ވެސް ވަރަށް މުހިންމު މަހެއް،" މެޗަށް ފަހު ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުންޏެވެ.
ވިންޓާ ބްރޭކަށް ފަހު، ޔުވެންޓަސް އަށް ވަރުގަދަ މެޗުތަކެއް އެބައޮތެވެ. ފެބްރުއަރީ މަހުގެ ތެރޭގައި ނަޕޯލީ، ރޯމާ، އޭސީ މިލާން އަދި އެޓަލާންޓާއާ ދެކޮޅަށް ޔުވެންޓަސް ކުޅެންޖެހެ އެވެ. -- ބީބީސީ












