ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް ހާއްސަކުރި "ފަހިވޭ" އެޕް ބޭނުންކުރަން ޓޫރިސްޓު ފެސިލިޓީތަކަށް މަޖުބޫރުކޮށް، އެޕް ރަސްމީކޮށް ލޯންޗުކުރާނީ އަންނަ އަހަރުގެ ޖޫން މަހު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ "ފަހިވޭ" އެޕަކީ ޓޫރިޒަމް މަސައްކަތްތެރިންނާއި ޓޫރިސްޓު ފެސިލިޓީތައް ގުޅާލާ ޕްލެޓްފޯމެކެވެ. މި އެޕުގެ ޒަރިއްޔާއިން މުވައްޒަފުންގެ މައުލޫމާތާއި، ޓޫރިޒަމް ވަޒީފާތަކުގެ މައުލޫމާތުތައް ހިއްސާކުރެވިގެން ދާނެ އެވެ.
"ފަހިވޭ" އެޕް ބޭނުންކުރަން ފެށުމުން ހުރިހާ ރިސޯޓަކާއި، ގެސްޓްހައުސްތަކާއި، ހޮޓާތަކުގެ އިތުރުން ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މައުލޫމާތު މި އެޕްގެ ޒަރިއްޔާއިން މިނިސްޓްރީއަށް ލިބޭނެ އެވެ. އަދި މި މައުލޫމާތުތަކުގެ ޒަރިއްޔާއިން ޓޫރިޒަމް މަސައްކަތްތެރިންގެ ދަފްތަރު އެކުލަވާލާށާއި ރެގިއުލޭޓުކުރަން ފަހިވެގެން ދާނެ އެވެ.
ކުރިން މި އެޕް ރަސްމީކޮށް ލޯންޗުކުރަން ހަމަޖެއްސީ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.
އެކަމަކު ޓޫރިސްޓު ފެސިލިޓީތަކުގެ މައުލޫމާތު އެޅުމުގެ ތެރޭގައި ދިމާވި މައްސަލަތަކަކާ ގުޅިގެން އިތުރު ވަގުތު ބޭނުންވާތީ އަންނަ އަހަރަށް ފަސްކުރަން ޖެހުނީ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު ރިފާތު ރަޝީދު "އަދަދު" އަށް ވިދާޅުވި އެވެ.
"ސިސްޓަމަށް މައުލޫމާތު އެޅުމުގެ ތެރެއިން ބަގްތަކެއް ފާހަގަކުރެވުނީ. އެ ކަންކަން ހައްލުކުރަން އިތުރަށް ވަގުތު ދިނުމުގެ ގޮތުން ރަސްމީކޮށް ބޭނުންކުރުން ފަސްކުރީ," އޭނާ ވިދާޅުވި އެވެ.
މި މައްސަލަތަކާ ގުޅިގެން ޓޫރިޒަމުން ނިންމީ ޓޫރިސްޓު ފެސިލިޓީތައް އިތުރަށް އަހުލުވެރިވުމަށާއި އެތަންތަނުގެ އެޗްއާރް ސިސްޓަމްތައް އަދާހަމަކޮށް ސިސްޓަމާ ގުޅާލަން އޮކްޓޯބަރު މަހުން ފެށިގެން އިތުރު ހަ މަސް ދުވަސް ދިނުމަށެވެ.
އެޕް ރަސްމީކޮށް ބޭނުންކުރަން ނުފެށި ނަމަވެސް، މިހާރު ވެސް ޕޯޓަލްއަށް ފެސިލިޓީތަކުން މައުލޫމާތު އަޅަމުންދާ ކަމަށާއި، އެ މަސައްކަތަަށް ހުރިހާ ފެސިލިޓީތަކުން އެއްބާރުލުން ލިބޭ ކަމަށް ރިފާތު ވިދާޅުވި އެވެ.
"ފުދޭވަރަކަށް ބޮޑު ސިސްޓަމެއް ވީމާ މައްސަލަތައް ދިމާވާނެ. އެކަމަކު އުއްމީދުކުރަނީ ކުރިއަށް އޮތް ދުވަސްތަކުގެ މައްސަލަތައް ހައްލުކޮށް ޖޫން ހިސާބުގައި ރަސްމީކޮށް ބޭނުންކުރަން ފެށުން" އޭނާ ވިދާޅުވި އެވެ.
މިއީ ޓޫރިޒަމް މަސައްކަތްތެރިންނަށް ހާއްސަ އެޕެއް ނަމަވެސް، މި އެޕްގެ ޒަރިއްޔާއިން މަސައްކަތްތެރިނާއި ޓޫރިސްޓު ފެސިލިޓީތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރަން ފަހިވާނެ ކަމަށް ޓޫރިޒަމުން ބުނެ އެވެ. އަދި މި ދާއިރާގެ މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތައް ފަސޭހައިން ދެނެގަނެވި، ހައްލުކުރަން އިތުރަށް ފަސޭހަވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.










