މެޑްރިޑް (ޑިސެމްބަރު 20) - ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ 0-0 އިން އެއްވަރުކޮށް، ރެލިގޭޝަން ޒޯނުގައި އޮތް ކަޑިޒް އިން ޕޮއިންޓެއް ހޯދައިފި އެވެ.
މި ނަތީޖާއާ އެކު ރެއާލް ލީގުގެ އެއް ވަނައިގައި އޮތީ ހަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއީ 18 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ސެވިއްޔާ އަށް 17 މެޗުން ވަނީ 37 ޕޮއިންޓް ލިބިފަ އެވެ. ސެވިއްޔާ އަށް ދެން އޮތީ އަންގާރަ ދުވަހުގެރޭ ބާސެލޯނާއާ ކުޅޭ މެޗެވެ.
ސެޕްޓެމްބަރު މަހަށް ފަހު ފުރަތަމަ ފަހަރަށް ރޭ ރެއާލުން ވަނީ ލީގުގެ މެޗެއްގައި އެޑެން ހަޒާޑަށް ފުރަތަމަ އެގާރައިން ޖާގަ ދީފަ އެވެ.
ފުރަތަމަ ހާފުގައި ރެއާލްގެ ފެޑެރީކޯ ވަލްވޭޑޭ އޭރިއާބޭރުން ޖެހި ޝޮޓެއް ކަޑިޒްގެ ކީޕަރު ޔެެރެމީއަސް ލެޑެސްމާ ވަނީ މަތަކޮށްފަ އެވެ. އަދި ދެެ ވަނަ ހާފުގެ ކުރީކޮޅުގައި ޓޯނީ ކްރޫސް ނަަގައިދިން ހުރަހަކުން އޭރިއާތެރެއިން ހަޒާޑް ބޮލުން ޖެހި ބޯޅަ ވެސް ކީޕަރު ލެޑެސްމާ ވަނީ ހުއްޓުވައިފަ އެވެ.
މެޗުގެ 61 ވަނަ މިނިޓްގައި ރެއާލްގެ ތަރި ވިނީޝިއުސް ޖޫނިއާ ޖެހި ބޯޅައެއް ވެސް މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ލެޑެސްމާ ވަނީ މަތަކޮށްފަ އެވެ. މިއީ ލަލީގާގައި ވިނީޝިއުސް ކުޅުނު 100 ވަނަ މެޗެވެ.
ކަޑިޒް އަށް މެޗުގައި ގޯލެއް ޖަހައިދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ އަލްވާރޯ ނެގްރޭޑޯ އަށެވެ. އޭރިއާތެރެއިން ހުސްކޮށް ކަހަލަ ގޮތަކަށް ނެގްރޭޑޯ އަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. މެޗުގެ ފަހު ކޮޅުގައި ހިލޭ ޖެހުމަކުން ކަރިމް ބެންޒެމާ ޖެހި ބޯޅަ އާއި ކޯނަރަކުން ތަނަވަސްކުރި ފުރުސަތެއްގައި ކްރޫސް ފޮނުވާލި ހަމަލާ ވެސް ކީޕަރު ލެޑެސްމާ ވަނީ މަތަކޮށްފަ އެވެ.
ލީގުގެ ތިން ވަނައިގައި އޮތް ރެއާލް ބެޓިސް ވަނީ ރޭ 3-2 އިން އެތުލެޓިކް ބިލްބާއޯ އަތުން ބަލިވެފަ އެވެ.












