ލަންޑަން (ޑިސެމްބަރު 19) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލީޑްސް ޔުނައިޓެޑް އަތުން 4-1 އިން މޮޅުވެ، އާސެނަލުން ހަތަރު ވަނައިގައި ހަތަރު ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.
އާސެނަލް ހަތަރެއްގައި އޮތީ 18 މެޗުން 32 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑުން މިރޭ ނޮރިޗް ސިޓީއާ މިރޭ ކުޅެން އޮތް މެޗު ވަނީ ކޮވިޑް-19ގެ ސަބަބުން ފަސްކޮށްފަ އެވެ. ވެސްޓް ހޭމަށް 17 މެޗުން ވަނީ 28 ޕޮއިންޓް ލިބިފަ އެެވެ.
ލީޑްސް ޔުނައިޓެޑްގެ އެލަންޑް ރޯޑްގައި ކުޅުނު މިރޭގެ މެޗުގައި އެ ޓީމުން ކުޅުނީ އަނިޔާ އާއި އެކި މައްސަލަތަކުގެ ސަަބަބުން މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނުލަ އެވެ. މެޗުގެ ފުރަތަމަ 28 މިނިޓް ތެރޭގައި އާސެނަލްގެ ބްރެޒިލް ފޯވާޑް ގަބްރިއެލް މާޓިނޭލީ ވަނީ އެ ޓީމަށް ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ. ފަަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި މާޓިނޭލީ ފުރަތަމަ ގޯލު ޖެހީ މެޗުގެ 16 ވަނަ މިނިޓްގައި އަލެކްސަންޑަ ލަކަޒޭޓް ދިން ބޯޅައަކުންނެވެ. އަދި 28 ވަނަ މިނިޓްގައި މާޓިނޭލީގެ ދެ ވަނަ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ގްރޭނިޓް ޝާކާ އެވެ.
މާޓިނޭލީ އަކީ 2014 ވަނަ އަހަރު ކްރިސްޓަލް ޕެލަސް ކޮޅަށް އުމުރުން 20 އަހަރާއި 171 ދުވަސްވީއިރު ދެ ގޯލު ޖެހި އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން އަށް ފަހު އެންމެ ޒުވާން އުމުރުގައި ލީގު މެޗެއްގައި އާސެނަލަށްް ދެ ގޯލު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާ އެވެ. މިރޭ ދެ ގޯލު ޖެހި މާޓިނޭލީގެ އުމުރަކީ 20 އަހަރާއި 183 ދުވަހެވެ.
ފުރަަތަމަ ހާފު ނިމުމުގެ ކުރިން ބުކާޔޯ ސަކާ ވަނީ އާސެނަލްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މެޗުގެ 75 ވަނަ މިނިޓްގައި ރަފިނިއާ ޕެނަލްޓީ އަކުން ލީޑްސް އަށް ގޯލެއް ޖަހައިދީފައިވަނިކޮށް ބަދަލެއްގެ ގޮތުގައި ކުޅެން އަރައި އެމީލް ސްމިތު ރޯވް ވަނީ އާސެނަލްގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ.
ލީޑްސްގެ ކޯޗު މާސެލޯ ބިއެލްސާ ބުނީ ދެ ވަނަ ހާފުގެ ކުޅުމަށް ބަލާއިރު، އޭނާގެ ޓީމަށް މި މެޗުގައި ނަތީޖާ އެއް ނެރެވޭނެ ކަމަށާއި މައްސަލަ ދިމާވީ ފުރަތަމަ ހާފުގައި ވަރަށް އާދައިގެ ގޮތަކަށް ދިއުމުން ކަމަށެވެ. އަދި މެޗުތައް ފަށައިގެން ރަނގަޅަށް ކުޅެން މަސައްކަތްކުރަން ލީޑްސް އިން ޖެހޭ ކަމަށް ބިއެލްސާ ވަނީ ބުނެފަ އެވެ.












