ޕީރިއަޑް ދުވަސްވަރު މާ ގިނައިން ލޭ އައުމަކީ ނުވަތަ 'ހެވީ ފްލޯ' ގައި ލޭ އައުމަކީ އަންހެން ކުދިން ކުރާ އެންމެ އުނދަގޫ އެއް ތަޖުރިބާ އެވެ. ގިނައިން ލޭ އަންނަ ނަމަ ކައިރި ކައިރީގައި ޕެޑް ނުވަތަ ޓެމްޕޮން ބަދަލުކުރަން ޖެހުމުގެ އިތުރުން އެއްބައި ހާލަތު ތަކުގައި އެނީމިއާ އަށް ވެސް މަގުފަހި ވެ އެވެ - އެނީމިއާ އަކީ އާދަޔާ ހިލާފަށް ލޭގައި ރެޑް ބްލަޑް ސެލް ހިމެނޭ މިންވަރު މަދުވުމެވެ. މި ހާލަތު މެދުވެރިވުމުން މީހާ މާ ބޮޑަށް ވަރުބަލިވެ، ބޯ އަނބުރާ ގޮތް ވުމާއި ނޭވާ ކުރުވުން ފަދަ ކަންކަން ތަޖުރިބާ ކުރެ އެވެ.
ޕީރިއަޑް ދުވަސްވަރު އާދަޔާ ހިލާފަށް ގިނައިން ލޭ އައުމަށް މެދުވެރިވާ ސަބަބުތަކެއް ހުރެ އެވެ. މީގެ ތެރޭގައި ދަރިމައިވުމުގެ ނިޒާމުގެ އެތެރޭގެ ހާލަތު ހުންނަ ގޮތާއި ދަރިމައިވުމުގެ ނިޒާމުގެ ބޭރުން، ފުރަމޭ (ލިވާ) އާއި ކިޑްނީ ގެ ބަލިތަކާއި ތައިރޮއިޑް މައްސަލަތަކާ ހެދި ވެސް ގިނައިން ލޭ އަންނަން މެދުވެރިވެދާނެ އެވެ. ރަނގަޅު ސަބަބު ހޯދުމުން މިއީ ޑޮކްޓްރީ ފަރުވާ ހޯދިދާނެ މައްސަލައެކެވެ.
އެންޑޯމެޓްރިއޯސިސް
އެންޑޯމެޓްރިއޯސިސް އަކީ ރަހިމުގެ ފަށަލަތަކުގެ ތެރެއިން އެންމެ އެތެރެ ފަށަލަ ކަމުގައިވާ 'އެންޑޯމެޓްރިއަމް' ގެ ސިފަތަށް ރަހިމުން ބޭރު އެހެން ތަނެއްގައި ހުރުމެވެ. އޭގެ މާނައަކީ، ކޮންމެވެސް ސަބަބަކާ ހެދި އަންހެނާގެ ރަހިމުގައި ހުންނަ ލޭގެ ފަށަލަތަކުގައި ހުންނަ ޓިޝޫ ހަށިގަނޑުގެ އެހެން ގުނަވަންތަކުގައި އުފެދޭ ގޮތް މެދުވެރިވުމެވެ. އޭގެ ސަބަބުން، ޕީރިއަޑް ވާއިރު، އެ ޓިޝޫތަކުން ވެސް ހަށިގަނޑުގެ ތެރެއަށް ލޭ ލީކުވެ އެވެ. މިގޮތަށް ލީކުވާ ލޭ ބޭރުވާނެ ގޮތެއް ނުހުންނާތީ، މި ލޭގެ ސަބަބުން މި ޓިޝޫތައް އުފެދޭ ގުނަވަންތައް ބައެއް ފަހަރު އެއް ގުނަން، އަނެއް ގުނަވަނާ ޖެހި ތަތްވާ ގޮތް ވެސް މެދުވެރިވެ އެވެ.
މި ހާލަތު ހުންނަ ނަމަ، ގިނައިން ލޭ އައުމާ އެކު، އެންޑޯމެޓްރިއޯސިސްގެ ސަބަބުން ދަރިމައިވުމުގައި ވެސް ހުރަސް ކުރިމަތިވެ އެވެ. އަދި ޖިންސީ ގުޅުން ހިންގާ އިރު ތަދު ވުމާއި، ދަށް ބަނޑު ހިސާބުގައި ނުވަތަ ބުރަކަށީގައި (ލޯވާ ބެކް) ގައި ރިއްސުން ފަދަ އަލާމާތްތައް ހުރެ އެވެ.
އެންޑޯމެޓްރިއޯސިސް އާންމުކޮށް މެދުވެރިވަނީ، އުމުރުން 25 އަހަރާއި 40 އަހަރާ ދެމެދުގެ އަންހެނުންނަށެވެ.

އައިޔޫޑީ
އިންޓްރައުޓެރައިން ޑިވައިސަސް ނުވަތަ އައިޔޫޑީ އަކީ ދަރިމައިވުމުން ދުރުކޮށްދިނުމަށް އަންހެންމީހާގެ ޔުޓިރަސް އަށް ލައްވާ ޓީ-ސޭޕް އަށް ހުންނަ ކުޑަ ޑިވައިސް އެކެވެ. ބައެއް އައިޔޫޑީ ގައި ހޯމޯން ހުރެ އެވެ. އަނެއްބައި އެއްޗެހީގައި ހޯމޯން ނުހުރެ އެވެ. ހޯމޯން ނުހުންނަ އައިޔޫޑީ ލެއްވުމުން ބައެއް ފަހަރު އާދަޔާ ހިލާފަށް ޕީރިއަޑްގެ ތަދާ އެކު ގިނައިން ލޭ އައުމަށް މެދުވެރިވެ އެވެ. އަދި ދިގު މުއްދަތަށް ގިނައިން ލޭ އައުމަށް ވެސް މެދުވެރިވެ އެވެ. އަދި ޖިންސީ ގުޅުން ހިންގާ އިރު ތަދުވުން ފަދަ އަލާމާތްތައް ވެސް ބައެއް މީހުން ތަޖުރިބާ ކުރެ އެވެ. މިއިން އެއްވެސް އަލާމާތެއް، އައިޔޫޑީ ބޭނުންކުރުމުގެ ސަބަބުން ފާހަގަވާނަމަ ދަރިމައިވުން ކޮންޓްރޯލްކުރަން ހުރަސް ބޭނުން ކުރުމާ ބެހޭ ގޮތުން ޑޮކްޓަރާ މަޝްވަރާ ކުރަންވާނެ އެވެ.
ޔުޓިރައިން ފައިބްރޮއިޑްސް
ޔުޓިރައިން ފައިބްރޮއިޑްސް އަކީ ޔުޓިރަސްގެ މަސް ތަކުގައި އުފެދޭ ކެންސަރު ނުހުންނަ ސިސްޓު ގޮތަށް ހުންނަ އެއްޗިހި ތަކެކެވެ. މި ފައިބްރޮއިޑްސް، ޔުޓިރަސްގެ ބޭރުގައި ވެސް އުފެދިދާނެ އެވެ. ގިނައިން ލޭ އައުމުގެ އިތުރަށް، ޔުޓިރައިން ފައިބްރޮއިޑްސް ގެ ސަބަބުން މައްސަރު ދުވަސްވަރުގެ ތަދު ބޮޑުވުމާއި އުނަގަނޑުގައި ރިއްސުމާއި ކުޑަކަމުދާން އުނދަގޫވުމުގެ އިތުރުން ބަނޑު ހަރުވުން (ކޮންސްޓިޕޭޝަން) ފަދަ މައްސަލަތައް ދިމާވެ އެވެ. ތިރީސް އަހަރުން މަތީ އަންހެނުންގެ މެދުގައި ޔުޓިރައިން ފައިބްރޮއިޑްސް ފެންނަ މިންވަރު އިތުރެވެ.
ޔުޓިރައިން ޕޮލިޕްސް
މިއީ ކުދި ބޯޅަ ތަކެއްގެ ބައްޓަމަށް، އެންޑޯމެޓްރިއަމް ފަށަލާގައި ނަގާ އެއްޗިހި ތަކެކެވެ. ޔުޓިރައިން ޕޮލިޕް އަކީ އާންމުގޮތެއްގައި ނުރައްކާތެރި އެއްޗެއް ނޫނެވެ. އެކަމަކު ބައެއް ފަހަރަށް މި ޕޮލިޕް ތަކުގައި ކެންސަރު އުފެދެ އެވެ. މިފަދަ ޕޮލިޕް ހުންނަ ނަމަ ގިނައިން ލޭ އައުމުގެ އިތުރަށް، ބައެއް ފަހަރު، ދެ ޕީރިއަޑް ދޭތެރޭގައި (ޕީރިއަޑް ރަނގަޅުވެފައި ހުންނަ މުއްދަތުގައި) ކުރިމަތި ފަރާތުން ލޭ އާދެ އެވެ. ނުވަތަ ގަވާއިދުން ޕީރިއަޑް ނުވުމުގެ މައްސަލަތައް ވެސް ދިމާވެ އެވެ.
ހޯމޯން އިމްބެލެންސް
ހޯމޯން އިމްބެލެންސް ވުމަކީ ރަހިމުގެ ފަށަލަތައް ބޯ ވާން މެދުވެރިވެދާނެ ކަމެކެވެ. މީގެ ސަބަބުން ޕީރިއަޑް ދުވަސްވަރު ގިނައިން ލޭ އައުމަށް މެދުވެރިވެ އެވެ. ހޯމޯން އިމްބެލެންސް ވެގެން ގިނައިން ލޭ އައުމުގެ މައްސަލަ އާންމުކޮށް ދިމާވަނީ އަލަށް މައްސަރު ކަންތައް ދިމާވާ އަންހެންކުދިންނަށެވެ. އަދި އަންހެނުން ދަރިމައިނުވާ އުމުރަށް އަޅަން ފެށުމުން ވެސް ގިނައިން ލޭ އައުމުގެ މައްސަލަ ދިމާވެ އެވެ.
ބައިގެން ދިއުމާއި އެކްޓޮޕިކް ޕްރެގްނެންސީ
ބަލިވެއިނުމުގެ ފުރުސަތު އޮތް މީހަކު، ފާހަގަކުރެވޭ ވަރަށް ޕީރިއަޑް ލަސްވެފައި، ދެން ޕީރިއަޑް ވާއިރު އާދަޔާ ހިލާފަށް ގިނައިން ލޭ އައުމަކީ ބައިގެންދިއުމުގެ އަލާމާތަކަށް ވެދާނެ އެވެ. ނުވަތަ އެކްޓޮޕިކް ޕްރެގްނެންސީ ގެ އަލާމާތަކަށް ވެސް ވުން އެކަށީގެންވެ އެވެ. އެކްޓޮޕިކް ޕްރެގްނެންސީ އަކީ، އަންހެނާގެ ބިސް، ޔުޓިރަސް ގެ ބޭރުގައި ދަރިމައިވުމެވެ. މިފަދަ ޕްރެގްނެންސީ އެއްގައި ވެސް އަދި ބައިގެންދިއުމުން ވެސް އާދަޔާ ހިލާފަށް ހެވީ ކޮށް ލޭ އައިސްދާނެ އެވެ. އަދި ލޭ އައުމާ އެކު ދަށް ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ވެސް ތަޖުރިބާ ކޮށްފާނެ އެވެ.
ބްލީޑިން ޑިސްއޯޑާ ތައް
ބްލީޑިން ޑިސްއޯޑާ ހުންނަ ނަމަ ލޭމަނާވުމުގެ މައްސަލަތައް ދިމާވެ އެވެ. ޕީރިއަޑް ދުވަސްވަރު ގިނައިން ލޭ އަންނަ ބްލީޑިން ޑިސްއޯޑާގެ ބައެއް ވައްތަރުތަކުގެ ތެރޭގައި، ވޮން ވިލެބްރެންޑް ޑިސީސް، ހިމޮފީލިއާ އަދި ލުކީމިއާ ހިމެނެ އެވެ. ބްލީޑިން ޑިސްއޯޑާ ހުންނަ ނަމަ ގައިން ތަނެއް ކަނޑައިގެން ދިއުމުންނާއި، ސާޖަރީ އެއް ކުރުމުން، އަދި ވިހެއުމުގެ ތެރޭގައި ލޭ މަނާ ނުވުން ފަދަ މައްސަލަ ތަޖުރިބާކޮށްފާނެ އެވެ. އަދި އާދަކޮސް ނޭފަތުން ލޭ އައުމާއި ގިނައިން ގައިގެ ތަންތަން ނޫފައިގަތުމަކީ ވެސް ބްލީޑިން ޑިސްއޯޑާ ހުންނަ މީހުންގެ ކިބައިން ފެންނަ އަލާމާތްތަކެކެވެ.










