ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަމުންދާ ވެކްސިންގެ ތިން ވަނަ ޑޯޒު ޖެހުމަށް އިއްޔެއިން ފެށިގެން އާންމުކޮށް ހުޅުވާލާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނި ނަމަވެސް މިއަދު ވެސް އެ މަސައްކަތް ނުފެށި އަނެއްކާ ވެސް ލަސްވެއްޖެ އެވެ.
ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތްތަކުން 180 ދުވަސް ހަމަވުމުން ބައްޔަށް ލިބިފައިވާ ދިފާއު ވަރުގަދަ ކުރުމަށްޓަކައި ބޫސްޓާ ޑޯޒެއް ޖެހުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިލްތިމާސް ކުރެ އެވެ.
ރާއްޖޭގައި ބޫސްޓާ ޑޯޒު މިހާރު ޖަހަނީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި އިތުރު ބަލިތަކުގެ ސަބަބުން ނާޒުކު ހާލަތެއްގައި ތިބި މީހުންނަށް އެކަންޏެވެ. ނަމަވެސް ޑިސެމްބަރު 15، އިން ފެށިގެން ތިން ވަނަ ޑޯޒު އާންމުންނަށް ދޭން ފަށާނެ ކަމަށް ކުރިން އޮތީ ބުނެފަ އެވެ.
އެކަމަކު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާ ބޮޑު ތަފްސީލަކަށް ދިޔުމެއް ނެތި އެޗްޕީއޭގެ ފަރާތުން ބުނީ ތިން ވަނަ ޑޯޒު އާންމުންނަށް ދިނުމުގެ މަސައްކަތް އަދިވެސް ހަމަނުޖެހޭ ކަމަށެވެ. އަދި އެޗްޕީއޭގެ މީޑިއާ އޮފިސަރުން ފޯނަށް ޖަވާބުނުދޭތީ މިއަދު އެކަމާ ގުޅޭ ގޮތުން ބަހެއް ނުލިބުނެވެ.
މި ހިނގާ ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ބޫސްޓާ ޑޯޒު ޖަހަން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ މީގެ ކުރިން އިއުލާން ކުރައްވައިފަ އެވެ.

"ޝަރުތު ހަމަވާ މީހުން ވީއެންމެ އަވަހަކަށް ބޫސްޓާ ޝޮޓް ޖެހުމަށް އަޅުގަނޑު އިލްތިމާސްކުރަން," މިދިޔަ މަހު 27 ގައި ރައީސް ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މިހާތަނަށް 21،101 މީހުން ވަނީ ރާއްޖެއިން ބޫސްޓާ ޑޯޒް ފުރިހަމަކޮށްފަ އެވެ. އަދި ރާއްޖޭގައި ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާ މީހުންގެ ޖުމްލަ އަދަދުވަނީ 365،882 އަށް ވުރެ މަތިވެފަ އެވެ.
ކޮވިޑްގެ އެންމެ ނުރައްކާތެރި ވޭރިއެންޓްގެ ގޮތުގައި ސިއްހީ މާހިރުން ސިފަކުރާ އޮމިކްރޯން ވޭރިއެންޓުގެ ފަސް ކޭސް ރާއްޖެއިން ފެނިފައިވާއިރު މިކަމާ ގުޅިގެން އަޅަން ޖެހޭ އިތުރު ފިޔަވަޅުތަކާބެހޭ މަޝްވަރާތައް ކުރަމުންދާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އޮމިކްރޯން ވޭރިއެންޓަކީ ހަލުވިކަމާއެކު ފެތުރެ ވޭރިއެންޓެއް ކަމަށާއި ވެކްސިންގެ ދެ ޑޯޒްއަށްވެސް އިމިއުން ވޭރިއެންޓެއް ކަމަށް އެޗްޕީއޭއިން ހާމަކުރި އެވެ. ނަމަވެސް ތިންވަނަ ޑޯޒް، ނުވަތަ ބޫސްޓާ ޑޯޒް ޖެހުމުން މި ވޭރިއެންޓުގެ ނުރައްކާތެރިކަން ކުޑަވާކަންވެސް އެޗްޕީއޭއިން ބުނެ އެވެ.
އެހެންކަމުން ކުރިއަށް އޮތް ސްކޫލްތަކުގެ ޗުއްޓީ ދުވަސްތަކުގައި ދަތުރުފަތުރު ކުރުމުގަޔާއި މީހުން އެއްވެ އުޅޭ ސަރަހައްދުތަކަށް ދިޔުމުގައި ކޮވިޑްއާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސް ކުރެ އެވެ.












