ލަންޑަން (ޑިސެމްބަރު 16) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑް 2-0 އިން ބަލިކޮށް އާސެނަލުން ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.
އާސެނަލް ހަތަރު ވަނަ އަށް އެރީ 17 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ހަތަރެއްގައި އޮތް ވެސްޓް ހޭމް މި ވަގުތު ފަސް ވަނައިގައި އޮތީ 17 މެޗުން 27 ޕޮއިންޓާ އެކު އެވެ. ކޮވިޑް ހާލަތުގެ ސަބަބުން މި ބުރުގެ މެޗު ފަސްކުރި މެންޗެސްޓާ ޔުނައިޓެޑް ހަ ވަނައިގައި އޮތީ 16 މެޗުން 27 ޕޮއިންޓާ އެކު އެވެ.
ރޭގެ މެޗަށް ވެސް އާސެނަލުން ނުކުތީ އެ ޓީމުގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން ނުލަ އެވެ. އަހުލާގީ މައްސަލައެއްގެ ސަބަބުން އޮބާމަޔަން އަތުން ކެޕްޓަން ބޭންޑް އަތުލާފައިވާއިރު، ރޭގެ މެޗުގައި ވެސް އާސެނަލްގެ ކެޕްޓަންކަން ކުރީ އަލެކްސަންޑަ ލަކަޒޭޓް އެެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ކިރެން ޓިއެރަނީ އޭރިއާބޭރުން ފޮނުވާލި ބާރު ބޯޅަ ވެސްޓް ހޭމްގެ ކީޕަރު ލޫކަސް ފަބިއާންސްކީ ވަނީ މަތަކޮށްފަ އެވެ. އާސެނަލުން ލީޑުނެގީ މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅުގަ އެވެ. ލަކަޒޭޓް ހުސްކޮށްލާފައި ދިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ގަބްރިއެލް މާޓިނެލީ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
މެޗުގެ 69 ވަނަ މިނިޓްގައި އާސެނަލަށް ލީޑުފުޅާކޮށްދޭން ލަކަޒޭޓަށް ޕެނަލްޓީއެއް ލިބުނެވެ. އޭރިއާތެރެއިން ލަކަޒޭޓަށް ވެސްޓް ހޭމްގެ ޑިފެންޑަރު ވްލަޑިމީރް ކޫފާލް ކުރި ފައުލަށް އޭނާ އަށް ވަނީ ދެ ވަަނަ ރީނދޫ ކާޑާ އެކީ ރަތް ކާޑު ދައްކައިފަ އެވެ. ލަަކަޒޭޓް ޖެހި ޕެނަލްޓީ ފަބިއަންސްކީ ވަނީ މަތަކޮށްފަ އެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ވެސްޓް ހޭމް ކޮޅަށް އާސެނަލުން ދެ ވަނަ ގޯލެއް ޖެހީ މެޗު ނިމެން ތިން މިނިޓަށް ވެފައި ހުއްޓަ އެވެ. މެޗުގެ 87 ވަނަ މިނިޓްގައި ބުކާޔޯ ސަކާ ދިން ބޯޅައެއް ހިފައިގެން ގޮސް އެމީލް ސްމިތު ރޯވް ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ލީގުގައި ރޭ ބްރައިޓަން ދަނޑުގައި 1-0 ވުލްވްސް ވަނީ މޮޅުވެފަ އެވެ. އަދި ކްރިސްޓަލް ޕެލަސް ވަނީ އަމިއްލަ ދަނޑުގައި 2-2 އިން ސައުތެމްޓަނާ އެއްވަރުވެފަ އެވެ.












