ދުނިޔޭގެ ދެވަނަ އަށް އެންމެ އުސް ޓަވަރު ހުރި ގައުމުގެ ލަގަބު މެލޭޝިއާ އަށް ލިބެން ދެން މާ ގިނަ ދުވަހެއް ނެތެވެ.
ޗައިނާގެ ޝަންހާއީ ގައި ހުންނަ 2073 ފޫޓުގެ ޓަވަރަށް ވުރެ މާ އުސްކޮށް، 2227 ފޫޓުގެ އުސްމިނަށް މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި އިމާރާތްކުރާ އާ ޓަވަރު, އަންނަ އަހަރު ހުޅުވުމާ އެކު އެ ޓަވަރު ވެގެންދާނީ، ދުބާއީގެ މަޝްހޫރު ބުރްޖް ހަލީފާ އަށް ފަހު ދެން އެންމެ އުސް އިމާރާތަށެވެ. "މަޑެކާ118" ގެ ނަމުން ނަން ދީފައިވާ އެ ޓަވަރުގައި 118 ފުލޯ ހުރެ އެވެ.
ޓަވަރުގެ އެންމެ މަތީ ކޮޅުގައި "ކޯން" އެއްގެ ބައްޓަމަށް ހަރުކުރާ ސްޓްރަކްޗާ ހަދައި ނިމުން ފާހަގަކުރުމަށް މެލޭޝިއާ ސަރުކާރުން ބޭއްވި ރަސްމިއްޔާތުގައި އެ ގައުމުގެ ޕްރައިމް މިނިސްޓަރު، އިސްމާއިލް ސަބްރީ ޔާކުބް ވަނީ އެ ޓަވަރަކީ މެލޭޝިއާގެ މުސްތަގުބަލް ރަމްޒުކޮށްދޭނެ އެންމެ އައިކޮނިކް ބިނާގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އެވަރުގެ ބިނާ އެއް އިމާރާތްކުރުމަކީ އިންޖީނިއަރިންގެ ދާއިރާގައި މެލޭޝިއާ އަށް ހާސިލްކުރެވުނު ބޮޑު ކާމިޔާބީއެއްގެ އިތުރުން، ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ކުރިމަތީގައި އެ ގައުމުގެ ނަން ހިފަހައްޓާނެ ބިނާއަކަށް ވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޓަވަރުގެ ފްލޯ އޭރިއާގެ ގޮތުގައި 3.1 މިލިއަން އަކަ ފޫޓު ހުރެ އެވެ. އިމާރާތުގެ ބޮޑު ބައެއް އޮފީސް ހިންގުމަށް ކުއްޔަށް ދޫކުރާނެ އެވެ. އެތަނަށް ޒިޔާރަތްކުރާ އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ޝޮޕިން މޯލް އަކާއި މިސްކިތަކާއި "ޕާކް ހަޔަޓް" ގެ ހޮޓަލެއް ވެސް ގާއިމް ކުރެ އެވެ. އަދި މި ރީޖަންގެ އެންމެ އުސް އޮބްޒަވޭޝަން ޑެކް ވެސް މިތަނުގައި ބަހައްޓާނީ މިތަނުގަ އެވެ.


އިމާރާތް މުޅިން ފުރިހަމަވެ ނިމޭ އިރު ހުންނާނެ ގޮތުގެ ޑިޖިޓަލް އިމޭޖެއް
ފުޅާ ހަތަރު އޭކަރުގެ އެ ބިމުގައި ތަން ބަލަން އަންނަ އާންމުންނަށް ފަސޭހައިން ތިބެވޭ ތަންތަނާއި އެންމެ ގްރައުންޑް ފްލޯ ގައި ޕާކެއް ވެސް ހަދަން ވަނީ ނިންމާފަ އެވެ.
ކުއަލަލަމްޕޫރުގެ އެންމެ ތާރީހީ ސަރަހައްދުގެ ގޮތުގައި ހިމެނޭ "މަޑެކާ ސްޓޭޑިއަމް" ސަރަހައްދުގައި އަޅާފައިވާ މި އުސް ޓަވަރު ފަރުމާކޮށްފައިވަނީ އޮސްޓްރޭލިއާގެ އާކިޓެކްޗާ ފާމް އަކުންނެވެ. އެ އިމާރާތް ރަމްޒުކޮށްދެނީ މެލޭޝިއާގެ އާޓް އާއި ފަންނުވެރި މަސައްކަތްތަކުން ފެންނަ ވަޑާމާއި އެކި ސަގާފަތްތަކުން މުއްސަނދިވެފައި އޮތް އެ ގައުމުގެ ރައްޔިތުން ކަމަށް އެ ފާމް އިން މީގެ ކުރިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ބުނެފަ އެވެ.
ދުނިޔޭގެ ދެ ވަނަ އަށް އުސް އިމާރާތް ރަސްމީކޮށް ހުޅުވަން ކުއަލަލަމްޕޫރު ތައްޔާރުވަމުންދާއިރު، މިދިޔަ ވިއްސަކަށް އަހަރު އެ ސިޓީގައި ގިނަ އަދަދެއްގެ އުސް އިމާރާތްތަކެއް ވަނީ އަޅާފަ އެވެ. ކުއަލަލަމްޕޫރު މިހާރު ވެސް އޮތީ ދުނިޔޭގެ އެންމެ "އުސް ސިޓީ" ތަކުގެ ލިސްޓުގެ 13 ވަނާގަ އެވެ.






