މިއުނިކް (ޑިސެމްބަރު 15) - ޖަރުމަނު ލީގުގައި މިރޭ ސްޓުޓްގާޓް ދަނޑުގައި 5-0 އިން ބަޔާން މިއުނިކް މޮޅުވި މެޗުގައި އެ ޓީމުގެ ރޮބަޓް ލެވަންޑޯސްކީ ޖެހި ދެ ގޯލާ އެކު، މަޝްހޫރު ފުޓްބޯޅަ ލެޖެންޑް، ގާޑް މުލާގެ އިތުރު ރެކޯޑެއް މުގުރާލުމާ ގާތަށް ލެވަންޑޯސްކީ ޖެހިލައިފި އެވެ.
މިދިޔަ ސީޒަނުގެ ފަހު މެޗުގައި އޯގްސްބާގް އަތުން ބަޔާން މޮޅުވި މެޗުގައި ޖެހި ގޯލުން ލެވަންޑޯސްކީ ވަނީ މުލާގެ 49 އަހަރުވީ ރެކޯޑެއް މުގުރާލައިފަ އެވެ. ލީގު ސީޒަނެއްގައި 40 ގޯލު ޖަަހައިގެން ކުރީގެ އެއް ވަަނަ ފޯވާޑް ގާޑް މުލާ ރެކޯޑް ހެދީ 1972 ވަނަ އަހަރު އެވެ. ލެވަންޑޯސްކީ މިދިޔަ ސީޒަނުގެ ފަހު މެޗުގައި ޖެހީ އެ ފަަހަރު ލީގުގައި އޭނާގެ 41 ވަނަ ގޯލެވެ.
ލެވަންޑޯސްކީ މިރޭ މި ވަނީ ކަލަންޑަރު އަހަރެއްގައި ޖަރުމަނު ލީގުގައި އެންމެ ގިނަ ގޯލު ޖަހައިގެން 1972 ވަނަ އަހަރު މުލާ ހެދި ރެކޯޑާ ހަމަކޮށްފަ އެވެ. މުލާ އެ އަހަރު ޖެހީ 42 ގޯލެވެ. މިރޭ ސްޓުޓްގާޓް ކޮޅަށް ޖެހި ދެ ގޯލާ އެކު ލެވަންޑޯސްކީ ވެސް މި އަހަރު މި ވަނީ 42 ގޯލު ލީގުގައި ޖަހައިފަ އެވެ.
މުލާގެ ރެކޯޑް މުގުރާލަން ލެވަންޑޯސްކީ އަށް އެއް މެޗު އެބައޮތެވެ. އެއީ ހުކުރު ދުވަހުގެރޭ ވުލްފްސްބާގާ ދެކޮޅަށް ބަޔާން ދަނޑުގައި ކުޅޭ މެޗެވެ. އެ މެޗަށް ފަހު ޖަރުމަނު ލީގު ފިނި މޫސުމުގެ ބްރޭކަށް މެދުކަނޑާލާނެ އެވެ.
ބަޔާންގެ ޖަރުމަނު ވިންގް ސާޖް ގްނަބްރީ ވަނީ މިރޭ އެ ޓީމަށް ހެޓްރިކެއް ހަދައިދީފަ އެވެ. އަނެއް ދެ ގޯލު ޖެހީ ލެވަންޑޯސްކީ އެވެ.
މިރޭގެ މޮޅާ އެކު ބަޔާން ވަނީ ލީގުގެ އެއް ވަނައިގައި ނުވަ ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. އެއީ ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. ބަޔާނަށް 16 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު، ޑޯޓްމަންޑަށް 15 މެޗުން ވަނީ 31 ޕޮއިންޓް ލިބިފަ އެވެ. މާދަމާރޭ ލީގުގެ ފުލުގައި އޮތް ގްރޯތާ ފާތު ބަލިކޮށްގެން ޑޯޓްމަންޑަށް ބަޔާންގެ ލިޑު ހަ ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ.












