ލަންޑަން (ޑިސެމްބަރު 14) - އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ފާއިތުވި ހަފްތާއެއްހާ މުއްދަތުގެ ތެރޭގައި 42 ޕޮޒިޓިވް ކޭސް ފެނިފައިވާއިރު، ލީގުގައި ބްރެންޓްފޯޑާއި މެންޗެސްޓާ ޔުނައިޓެޑް ކުޅެން އޮތް މެޗު ފަސްކޮށްފި އެވެ.
މިދިޔަ ޖެނުއަރީ މަހު އެއް ހަފްތާ ތެރޭ ޕްރިމިއާ ލީގުގެ ކްލަބްތަކުން 40 ޕޮޒިޓިވް ކޭސް ފެނުނީ 2295 ޓެސްޓް ކޮށްގެންނެވެ. މި ފަހަރު އެއް ހަފްތާ ތެރޭ 3805 ޓެސްޓް ކޮށްގެން 42 ޕޮޒިޓިވް ކޭސް ވަނީ ފެނިފަ އެވެ. ކޭސްތައް ފެނިފައިވަނީ ބްރައިޓަން، ޓޮޓެންހަމް، ލެސްޓާ ސިޓީ، ޔުނައިޓެޑް، އެސްޓަން ވިލާ އަދި ނޯވިޗް ސިޓީ އެވެ.
ޓޮޓެންހަމްގައި މިދިޔަ ހަފްތާގެ ތެރޭގައި ކޮވިޑްގެ ހާލަތު ގޯސްވެ، ޔުއެފާ ކޮންފަރެންސް ލީގުގައި ޓޮޓެންހަމުން ރެނެސްއާ ދެކޮޅަށް ކުޅެން އޮތް މެޗާއި މިދިޔަ އާދިއްތަ ދުވަހު ބްރައިޓަންއާ ދެކޮޅަށް ކުޅެން އޮތް މެޗު ވަނީ ފަސްކޮށްފަ އެވެ.
އިނގިރޭސިވިލާތަށް އޮމިކްރޯން ވޭރިއަންޓްގެ ނުރައްކާ ބޮޑުވެފައިވާއިރު، ދާދި ފަހުން ޕްރިމިއާ ލީގުން ވަނީ ކްލަބްތަކަށް އިމަޖެންސީ ފިޔަވަޅު އެޅުން ވަރުގަދަކުރަން އަންގައިފަ އެވެ. އެ ގޮތުން ކަނޑައެޅި އާ ޕްރޮޓޮކޯލަކީ އާންމު ގޮތެއްގައި ސީޒަން ފެށިއިރު، ހުރި ގައިޑްލައިންސްއާ ދާދި އެއް ހަމަ އުސޫލުތަކެކެވެ. ޕްރިމިއާ ލީގުގެ 20 ކްލަބްގެ ތެރެއިން ވެކްސިން ދެ ޑޯޒް ފުރިހަމަކުރި ރޭޓް މަތި ޓީމުތަކަށް އާ އުސޫލުގެ ތެރެއިން ފަސޭހަތަކެއް އެބަހުއްޓެވެ. އެކަމަކު، ލީގުން މިހާތަނަށް ކްލަބްތަކުން ވެކްސިން ޖަހާފައިވާ ނިސްބަތާ ބެހޭ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.
ޔުނައިޓެޑުން އިއްޔެ ޕޮޒިޓިވް ކޭސްތަކެއް ފެނިގެން ޓްރެއިނިން ގްރައުންޑް ބަންދުކުރީ 24 ގަޑިއިރަށެެވެ. އެއީ ކުޅުންތެރިންނާއި ސްޓާފުންގެ އިތުރު ޕީސީއާރް ޓެސްޓްތަކެއް ހެދުމަށެވެ. ޔުނައިޓެޑުން ހޮނިހިރު ދުވަހުގެރޭ 1-0 އިން ނޯވިޗް ސިޓީ ބަލިކުރި މެޗުގެ ކުރިން ހެދި ޕީސީއާރް ޓެސްޓްތަކުން ވީ ނެގެޓިވް އެވެ. އެކަމަކު، ޖެހިގެން އައި ދުވަހު ހެދުނު ބައެއް ކުޅުންތެރިން ގައިން އަލާމަތް ފެންނާތީ ކުރި ޓެސްޓްތަކުން ބައެއް ޕޮޒިޓިވް ކޭސްތައް ފެނުނީ އެވެ.
ބްރެންޓްފޯޑްގެ ކޯޗު ތޯމަސް ފްރޭންކް ބުނީ މިރޭ ޔުނައިޓެޑާ ދެކޮޅަށް ކުޅެން އޮތް މެޗު ޝެޑިއުލާ އެއްގޮތަށް ދާނެ ކަމަށް އުއްމީދުކުރާ ކަމަށާއި ކޮވިޑާ ހެދި މެޗު ކެންސަލްކުރަނީ ކޮން އުސޫލަކުންތޯ އެނގިފައި އޮންނަން ޖެހޭ ކަމަށެވެ.
އެކަމަކު، ޕްރިމިއާ ލީގުން ނިންމީ ސިއްހީ ރައްކާތެރިކަން ފުރިހަަމަ އަށް ކަށަވަރުނުވާތީ ޔުނައިޓެޑާއި ބްރެންޓްފޯޑްގެ މެޗު ފަސްކުރަން ނިންމާފައިވާ ކަމަށެވެ.
މީގެ ކުރިން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވެސް ވަނީ ކޮވިޑް-19 ގެ ސަބަބުން މެޗެއް ފަސްކުރަން ޖެހޭނެ ހާލަތް ސާފުކޮށް އެނގެން އޮންނަން ޖެހޭނެ ކަމަށް ބުނެފަ އެވެ.












