މިލާން (ޑިސެމްބަރު 12) - އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް ކުޅުނު މެޗުން ވެނެޒިއާއާ 1-1 އިން އެއްވަރުވިއިރު، ފަހު ވަގުތު ޒްލަޓާން އިބްރަހިމޮވިޗް ޖެހި ލަނޑުން އުދިނޭޒީ އަތުން އޭސީ މިލާން ބަލިނުވެ ސަލާމަތްވެއްޖެ އެވެ.
އުދިނޭޒީ ދަނޑުގައި 1-1 އިން އެ ޓީމާ މިލާން އެއްވަރުވިއިރު، މިލާން އެއް ވަނައިގައި އޮތީ 17 މެޗުން 39 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނަޕޯލީ އަށް 16 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، މިރޭ އެމްޕޮލީ ބަލިކޮށްގެން ނަޕޯލީ އަށް ލީގުގެ އެއް ވަނަ އަށް އެރޭނެ އެވެ.
މެޗު ފަށައިގެން މިލާންގެ އިބްރަހިމޮވިޗާއި އުދިނޭޒީގެ ޖެރާޑް ޑެލޮފޭއު އަށް ގޯލު ޖަހަން ލިބުނު ފުރުސަތުތަކުން އެ ކުޅުންތެރިން ފޮނުވާލި ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ އެވެ. ރަނގަޅަށް ކުޅެމުން ދިޔަ އުދިނޭޒީން ލީޑުނެގީ 17 ވަނަ މިނިޓްގަ އެވެ. އުދިނޭޒީގެ ފޯވާޑް، ބޭޓޯ ބޯޅަ ހިފައިގެން މިލާން އޭރިއާތެރެއަށް ވަދެ ފޮނުވާލި ބޯޅަ މިލާން ކީޕަރު މައިކް މައިންގްނަން ފައިގައި ޖެހިފައި މިލާން ޑިފެންޑަރުންނަށް ސަލާމަތްނުކުރެވި ދެ ވަނަ ފަހަރަށް ލިބުމުން ބޭޓޯ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ފުރަތަމަ ހާފުގައި މިލާންގެ ބްރަހިމް ޑިއާޒަށް ނަތީޖާ ހަމަހަމަކުރަން ލިބުނު ފުރުސަތުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. ދެ ވަނަ ހާފްގެ ކުރީކޮޅުގައި ބޭޓޯ އަށް ވަނީ އުދިނޭޒީގެ ލީޑުފުޅާކުރަން ރަނުގެ ފުރުސަތެއް ލިބި ބޭނުން ނުކުރެވިފަ އެވެ.
މެޗުގެ އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި މިލާންގެ ކަސްޓިއޭހޯ ނެގި ހުރަހަކުން އޭރިއާތެރެއިން އިބްރަހިމޮވިޗަށް ލިބުނު ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު އޭނާ ވަނީ އެކްރޮބެޓިކް ކިކަކުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
މިއީ އުމުރުން 40 އަހަރުގެ އިބްރަހިމޮވިޗް ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގައި ކުޅުނުއިރު، ޖެހި 300 ވަނަ ގޯލެވެ. އެ ގޮތުން އިޓާލިއަން ލީގުގައި ޔުވެންޓަސް، މިލާން އަދި އިންޓަ އަށް އިބްރަހިމޮވިޗް ކުޅުނުއިރު، 153 ގޯލު ޖެހި އެވެ. ޕީއެސްޖީ އަށް ފްރާންސް ލީގުގައި 113 ގޯލު ޖެހިއިރު، މެންޗެސްޓާ ޔުނައިޓެޑަށް ޕްރިމިއާ ލީގުގައި 17 ގޯލު ޖަހައިދިނެވެ. އަދި ބާސެލޯނާ އަށް ލަލީގާގައި 16 ގޯލު ޖެހި އެވެ. މި ލިސްޓުގައި އަޔަކްސް އާއި އެލްއޭ ގެލެކްސީ އަށް ކުޅުނުއިރު ޖެހި ގޯލުތައް ނުހިމެނެ އެވެ.
ރޭގެ މެޗުގެ ފަހު ވަގުތު މިލާންގެ ކީޕަރު މައިންގްނަން އަށް އުޅަބޮށިން ކުރި ފައުލާ ގުޅިގެން އުދިނޭޒީގެ އިސާކް ސަކްސެސް އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.
ލީގުގެ 16 ވަނައިގައި އޮތް ވެނެޒިއާ ދަނޑުގައި ޔުވެންޓަސް އިން ލީޑުނެގީ މެޗުގެ 32 ވަނަ މިނިޓްގައި އަލްވާރޯ މޮރާޓާ ޖެހި ގޯލުންނެވެ. މިއީ ލޫކަ ޕެލެގްރީނީ ނެގި ހުރަހަކުން މޮރާޓާ ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ. މިލާނަށް ލީޑުފުޅާކޮށްދޭން ހުއާން ކުއަޑްރާޑޯ އަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެެވެ.
މެޗުގެ 55 ވަނަ މިނިޓްގައި ވެނެޒިއާ އަށް އެއްވަރުކޮށްދިނީ އޭރިއާބޭރުން މަޓިއާ އަރަމޫ ޖެހި ގޯލުންނެވެ. ޔުވެންޓަސް މޮޅުކޮށްދޭން އޭރިއާތެރެއިން ފެޑެރީކޯ ބާނަޑޭޝްކީ ޖެހި ބޯޅަ ވެނެޒިއާގެ އާޖެންޓީނާ ކީޕަރު ސާޖިއޯ ރޮމޭރޯ ވަނީ މަތަކޮށްފަ އެވެ.
މި ނަތީޖާއާ އެކު ޔުވެންޓަސް ވަނީ ލީގުގެ ހަ ވަނަ އަށް ވެއްޓިފަ އެވެ. އެއީ ރޭ ފިއޮރެންޓީނާ ކުޅުނު މެޗުން 4-0 އިން ފުލުގައި އޮތް ސަލެނިޓާނާ ބަލިކުރުމުންނެވެ. ފިއޮރެންޓީނާ ފަސް ވަނައިގައި އޮތީ 17 މެޗުން 30 ޕޮއިންޓާ އެކު އެވެ. ޔުވެންޓަސް އަށް ވަނީ 17 މެޗުން 28 ޕޮއިންޓް ލިބިފަ އެވެ.












