ވިއޭނާ، އޮސްޓްރިއާ (ޑިސެމްބަރު 10) - އޮސްޓްރިއާގެ އާރްބީ ސާލްޒްބާގަށް ކުޅެމުން އަންނަ ޖަރުމަނުގެ ޒުވާން ފޯވާޑް ކަރީމް އަަޑޭމީ ހޯދުމުގެ ރޭހުގައި ވާދަކުރަމުން އަންނަނީ ސްޕެއިނުގެ ބާސެލޯނާ އާއި އިނގިރޭސި ކްލަބް، ލިވަޕޫލް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 19 އަހަރުގެ އަޑޭމީ ވަނީ ސަލްޒްބާގްގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ ޓީމުން ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް ދާން މި ފަހަރު އެހީތެރިވެދީފަ އެވެ. އޭނާ ވަނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ސަލްޒްބާގުން ކުޅުނު ހަ މެޗުގައި ތިން ގޯލު ޖަހައި ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އަދި އޮސްޓްރިއާ ލީގުގައި މިހާތަނަށް ކުޅުނު 16 މެޗުން 11 ގޯލު ޖަހައި އެއް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އަޑޭމީ އެވެ.
ޖަރުމަނު ސީނިއާ ގައުމީ ޓީމަށް ވެސް މިހާރު ކުޅެމުން އަންނަ އަޑޭމީ ވަނީ އެ ޓީމަށް ތިން މެޗުން އެއް ގޯލު ޖަހައިފަ އެވެ.
އަޑޭމީ ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕާއި ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ވަނީ އޭނާގެ ކުޅުން ބަލަން ސްކައުޓުން ފޮނުވައިފަ އެވެ. އަދި ކުރިއަށް އޮތް ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލާއި ބާސެލޯނާ އިން އަޑޭމީ އަށް ބިޑް ކުރުމުގެ ފުރުސަތު ބޮޑުކަމަށް އޮސްޓްރިއާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
މި ވަގުތަށް ބަލާއިރު، އަޑޭމީގެ އަގު އުޅެނީ 18 މިލިއަން ޕައުންޑް (24 މިލިއަން ޑޮލަރު) އަށެވެ. އެކަމަކު، ސަލްޒްބާގުން އޭނާ ވިއްކާލާނީ އެ އަށް ވުރެ އަގުބޮޑުކޮށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފިނި މޫސުމުގެ ޓްރާންސްފާ މާކެޓްގައި (ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި) ކުޅުންތެރިން ވިއްކުމުގެ ތާރީހެއް ސަލްޒްބާގްގެ އެބައޮތެވެ.
އެގޮތުން 2017 ވަނަ އަހަރުގެ ޖެނުއަރީގައި ސަޒްލްބާގުން ވަނީ ފްރާންސްގެ ޑިފެންޑަރު ޑަޔޫޓް އުޕަމެކާނޯ ޖަރުމަނުގެ އާރްބީ ލައިޕްޒިގަށް ވިއްކާލައިފަ އެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީގައި ސަލްޒްބާގުން ވަނީ ހުނަރުވެރި ފޯވާޑް، އާލިން ބްރައުޓް ހާލަންޑާއި މިޑްފީލްޑަރު، ޓަކޫމީ މިނަމީނޯ، ޑޯޓްމަންޑާއި ލިވަޕޫލަށް ވިއްކާލައިފަ އެވެ. އަދި މި އަހަރުގެ ޖެނުއަރީގައި ސަލްޒްބާގުން ވަނީ ހަންގޭރީގެ ތަރި ޑޮމިިނިކް ސޮބޯޒްލާއި ލައިޕްޒިގަށް ވިއްކާލައިފަ އެވެ.
މިދިޔަ އޮކްޓޫބަރު މަހު ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ސަލްޒްބާގުގެ ސްޕޯޓިން ޑިރެކްޓަރު ކްރިސްޓޮފް ފްރެއޮންޑް ބުނީ އަޑޭމީ މި ސީޒަން ނިންމާލުމުގެ ފުރުސަތު ބޮޑީ ސަލްޒްބާގުގައި ހުރެ ކަމަށާއި އެކަމަކު، ފުޓްބޯޅައިގައި ކަންތައް ބަދަލުވާން ނަގާނެ އިރެއް ނޭނގޭނެ ކަމަށެވެ.












