ލަންޑަން (ޑިސެމްބަރު 10) - އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ކޮވިޑް-19ގެ އިމަޖެންސީ ހާލަތަށް ތައްޔާރުވެ ތިބެން ލީގު ބޯޑުން އަންގައިފި އެވެ.
ލީގު ބޯޑުން މި ގޮތަށް ކްލަބްތަކަށް އެންގީ ދާދި ފަހުން ކޮވިޑް-19 ގެ އާ ވޭރިއަންޓް އޮމިކްރޯން އިން ރައްކާތެރިވެ ތިބުމުގެ ބޭނުމުގައި އިނގިރޭސި ސަރުކާރުން އެޅި ފިޔަވަޅުތަކާ އެއްގޮތަށް އަަމަލުކުރުމުގެ ބޭނުމުގަ އެވެ. އަދި ފަހަކަށް އައިސް ކްލަބްތަކުން ޕޮޒިޓިވް ކޭސްތައް ފެންނަމުން އަންނަ ނިސްބަތް އިތުރުވާތީ އެވެ.
އެ ގޮތުން ކަނޑައެޅި އާ ޕްރޮޓޮކޯލަކީ އާންމު ގޮތެއްގައި ސީޒަން ފެށިއިރު، ހުރި ގައިޑްލައިންސްއާ ދާދި އެއް ހަމަ އުސޫލުތަކެކެވެ. ޕްރިމިއާ ލީގުގެ 20 ކްލަބްގެ ތެރެއިން ވެކްސިން ދެ ޑޯޒް ފުރިހަމަކުރި ރޭޓް މަތި ޓީމުތަކަށް އާ އުސޫލުގެ ތެރެއިން ފަސޭހަތަކެއް އެބަހުއްޓެވެ. އެކަމަކު، ލީގުން މިހާތަނަށް ކްލަބްތަކުން ވެކްސިން ޖަހާފައިވާ ނިސްބަތާ ބެހޭ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.
ޕްރޮޓޮކޯލްގައިވާ ގޮތުން އިންޑޯ ސަރަހައްދުގައި މާސްކް އެޅުން މަޖުބޫރުވާނެ އެވެ. ފަނަރަ މިނިޓަށް ވުރެ ގިނައިރު ކުޅުންތެރިއަކަށް ތެރަޕީއެއް ދޭނަމަ މެޑިކަލް ސްޓާފުން ތިބެންޖެހޭނީ ފުލް ޕީޕީއީ ކިޓްގައި ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ޓޮޓެންހަމް ހޮޓްސްޕާސްގެ އަށް ކުޅުންތެރިއަކާއި ފަސް އޮފިޝަލަކަށް ކޮވިޑް ޖެހިފައިވާތީ، ބުދަ ދުވަހު އެ ޓީމުގެ ޓްރެއިނިން ސެންޓަރު ބަންދުކުރި އެވެ. އަދި ރޭ ޔުއެފާ ކޮންފަރެންސް ލީގުގައި ރެނެސްއާ ދެކޮޅަށް ޓޮޓެންހަމް ކުޅެން އޮތް މެޗާއި އާދިއްތަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމުން ބްރައިޓަން ދަނޑުގައި ކުޅެން އޮތް މެޗު ވަނީ ފަސްކޮށްފަ އެވެ.
ޕްރިމިއާ ލީގުން ދެން އަމަލުކުރަމުން އަންނަ އުސޫލަށް ބަލާއިރު، މެޗުތައް ބަލަން ދަނޑަށް ވަންނަ ސަޕޯޓަރުން ވެކްސިން ދެ ޑޯޒު ފުރިހަމަކޮށްފައިވާ ރަސްމީ ލިޔުމެއްގެ އިތުރުން ނެގެޓިވް ޕީސީއާރް ޓެސްޓެއް ދައްކަން ޖެހޭނެ އެވެ.
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ އޮމިކްރޯން ވޭރިއަންޓުން ސަލާމަތްވާން ސަރުކާރުން ކުރިއަށް އޮތްތަނުގައި ވެސް އަޅަން ޖެހުނު ފިޔަވަޅެއް އަޅަމުންދާނެ ކަމަށެވެ.












