ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބާއްވަން އުޅުނު "ކޮތަރުކޮށި" ޖަލްސާ މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ބާއްވަން ހުއްދަ ނުލިބުމުން ކާނިވަލުގައި ޖަލްސާ ބާއްވަން ނިންމާފައިވާ ކަމަށް އިދިކޮޅި ކޯލިޝަނުން ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ އިދިކޮޅުގެ ބޮޑު ޖަލްސާ އެންމެ ފުރަތަމަ ބޭއްވުމަށް ނިންމީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގަ އެވެ. ނަމަވެސް ހުއްދަ ނުނަގައި އެ ޖަލްސާ ހުޅުމާލޭގައި ނުބޭއްވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އަދި އެ ސަރަހައްދުގައި ރެއިން ފެށިގެން ފުލުހުން ދަނީ ފޯރިމަރަމުންނެވެ.
ހިޔާފްލެޓް ސަރަހައްދުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ޖަލްސާ އުސްފަސްގަނޑު ސަރަހައްދަށް ބަދަލުކުރަން ނިންމައިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް, އުސްފަސްގަނޑުގައި ވެސް ޖަލްސާ ބޭއްވެން ނެތްކަން ޕީޕީއެމްއިން މިހާރު ވަނީ އެ ޕާޓީގެ މެންބަރުންނަށް އަންގާފަ އެވެ.
އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު "އަދަދު"އަށް ވިދާޅުވީ މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ބާއްވަން ނިންމުމުން އެތަނަށް ކަރަންޓު ގުޅައިދެވެން ނެތް ކަމަށް ބުނެފައިވާ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ބުނީ އެއީ ސަރުކާރުގެ ބިމަކަށް ވާތީ ކަމަށް ހީނާ ވިދާޅުވި އެވެ.

"އެތަނަށް ކަރަންޓު ލާންވެގެން އަޅުގަނޑުމެން ސެޓަޕްތަކާ އެއްޗެހި ހަދަން ސަރުކާރުން ހުއްދައެއް ނުދިން ގުޅާދޭކަށް. ބުނީ އެއީ ސަރުކާރު ތަނެކޭ. އެކަމަކު ކޮންމެ ގޮތެއް ވިޔަސް މާދަމާރޭ އޮންނާނެ ޖަލްސާ،" ހީނާ ވިދާޅުވި އެވެ.
ޖަލްސާ އޮންނާނީ މާދަމާ ރޭ 08:30ގަ އެވެ. ޕީޕީއެމް އާއި ރާއްޖޭގެ މިނިވަންކަމަށް ލޯބިކުރާ އެންމެހާ ރައްޔިތުންނަށް ޖަލްސާގައި ބައިވެރިވުމަށް އެ ޕާޓީން ދައުވަތު ދީފައިވެ އެވެ.












