ސުނީތާ އަލީގެ ވާހަކަ އަކަށް ވެގެން، މިކަމަށް ވެސް ފާޑެއް ކިޔައި ހޭން ބޭނުންވާ މީހަކު ހުރިނަމަ އަދިވެސް ހޭން ވީ އެވެ. އެކަމަކު ސާދާ މިޒާޖުގައި، ފަހަރަކު ހުނަރެއް، ފަހަރަކު މަސައްކަތެއް ކުރަމުން ހިއްވަރުކުރަމުން ގޮސް ސުނީ ރޭސް ނިންމައި މާ ކުރިއަށް ވެސް ދުއްވައިގެންފި އެވެ. އޭނާ މޮޅީ، ހުނަރުވެރީ، ހަމައެކަނި ނެށުމަކަށް ނޫނެވެ. ބުރަ މަސައްކަތް ކުރުމާއި ކެއްކުމާއި ވިޔަފާރި ހިންގުމުގައި ވެސް އެވަރެއް ހަމަ ނެތެވެ. އެކި ފަހަރު މަތިން ސުނީ އެކަން ސާބިތުކޮށްދީފި އެވެ. މިފަހަރު މުޅި ދުނިޔެ ވެސް އެކަން ބަލައިގެންފި އެވެ. ދިވެހިން ސުނީ އަށް މަލާމާތް ކޮށް ކޮށް ތިއްބާ ބޭރުގެ ބަޔަކު އައިސް ސުނީގެ ކަރުގައި މެޑެލް ވެސް އަޅުވައިދީފި އެވެ.
ސުނީ އަކީ މިހާރު، އޭޝިއާގެ 'އައުޓްސްޓޭންޑިން ވުމަން އެޗީވާ އެވޯޑު' ގެ ވިނާ އެވެ. އޭނާގެ 'ސުނީ ސްޕެޝަލް' ބްރޭންޑަކީ 'އައުޓްސްޓޭންޑިން ބްރޭންޑް' އެވެ.
އުފެއްދުންތެރިކަމުގައި އާދަޔާ ހިލާފު މިސާލު ދައްކާ މީހުންގެ މަސައްކަތާއި ހިއްވަރު، ދުނިޔޭގެ ފެންވަރުގައި ބަލައިގަނެ ސާބަސް ދިނުމަށް، 'ރުލާ އެވޯޑްސް' އިން ދޭ 'އޭޝިއާ އެވޯޑްސް' ގެ އެންމެ މޮޅު ދެ ޝަރަފު ސުނީ އަށް ލިބުނުކަން އިއްޔެ 'ރުލާ' އިން ހާމަކުރުމާ އެކު ސުނީ އަށް ކުރެވުނީ މަސްހުނި އިހުސާސްތަކެކެވެ.
ސައްބީސް އަހަރު، ދިވެހިން ހެއްވައި އުފާކޮށްދިނުމަށް ކޮށްދިން ހިދުމަތުގެ އަގު ވަޒަން ނުކުރި ތަނުގައި، ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ބުރަ މަސައްކަތުން އަމިއްލަ ބްރޭންޑެއް އުފައްދައި، ވިޔަފާރިއެއް ކޮޅަށް ޖެހުމުން އެކަން ވެސް ބަލައި ނުގަނެ އެތައް ފަހަރަކު އުފަން ފަސްގަނޑުގައި 'ފޭލު' ވީ ގޮތް ސުނީ ކިޔައިދިނެވެ.

"ސުނީގެ ފޭނުންނަށްޓަކައި ވެސް މަސައްކަތް ކުރިން ގައުމީ އިނާމެއް ނުވަތަ ގައުމީ ފެންވަރުގައި ދޭ އިނާމެއް ލިބޭތޯ،" ސުނީ ބުންޏެވެ.
"އަސްލުގަ ސައްބީސް އަހަރުވީ އިރު، ރާއްޖޭން ފާހަގަ އެއް ނުކުރި ސުނީ. އެގާރަ ވަރަކަށް އަހަރު މިވަނީ ގައުމީ އިނާމަށް ސުނީ އެޕްލައި ކުރާތާ. ހަމަ މި ސީވީ ފޮނުވަނީ. މި އެވޯޑަށް ވެސް މި ފޮނުވީ ހަމަ އެއް ސީވީ އެއް،"
ސުނީ ބުނަނީ، ދުވަހަކު ހިއްވަރަށް ބަދަލެއް ނަޔަސް، އެކަމުގައި އޭނާގެ ހިތް ބަލިވެ ހިތްވަރު އެލުވައިލި ކަމަށެވެ. އެކަމަކު ދުނިޔެ ބަލައިގަންނަ ވަރުގެ ޝަރަފެއް ލިބުމުން ވަރަށް ބޮޑަށް އުފާވެފައި ހުރި ކަމަށް ވެސް ބުންޏެވެ.
އިންޓަވިއު ކުރި މީހުން ތިބީ ހައިރާންވެފައި! ބުނީ ސުނީ އަކީ އިންސްޕިރޭޝަން އެކޭ!
ސުނީ ސްޕެޝަލް ބްރޭންޑުގެ ކާށި ތެލާ އެކު 2018 ވަނަ އަހަރު ސުނީގެ ސަތޭކަ ޕަސެންޓު ދިވެހި ޕްރޮޑަކްޓް ލައިން އުފެދި، ވިޔަފާރި އިތުރަށް ފުޅާ ކޮށްލީ މިދިޔަ އަހަރުގެ ޕެންޑެމިކްގެ މެދަކާ ހިސާބުން ސުނީ އަމިއްލަ އަށް ހަދާ ލޮނުމިރުހާއި ކުޅިމަހުގެ ބްރޭކްފާސްޓް ޕެކޭޖާއި ތެލުލި ރިހާކުރު ތައާރަފުކޮށް ވިއްކަން ފަށައިގެންނެވެ. އެ ޕްރޮޑަކްޓް ލައިނަށް އެންމެ ފަހުން ވަނީ، ސުނީގެ އުފަން ރަށް އުކުޅަހުގައި ދިރިއުޅޭ އޭނާގެ މަންމަގެ ހާއްސަ ރެސިޕީ އަކަށް ހަދާ "މަދާސް ޗޮއިސް" ދިވެހި ހަވާދެވެ.
ވިޔަފާރި އަށް ތިން އަހަރު ވީ އިރު އަދިވެސް މި ހުރިހާ މަސައްކަތެއް ކުރަނީ ސުނީ އެވެ. މަންމަ ހަދާ ކާށި ތެލާއި ހަވާދު ފިޔަވައި ދެން ހުރި ދެ ބާވަތް ތައްޔާރުކުރަނީ ސުނީ އަމިއްލަ އަށެވެ. ލިބޭ އޯޑަރުތައް ޑެލިވަރީ ކުރަނީ ސުނީ އަމިއްލަ އަށެވެ. ތަކެތި ގަންނަނީ ސުނީ އެވެ. ހަވާދު ހަދަން ރަށަށް ފޮނުވާ ސާމާނު ގަނެފައި ބޯޓަށް ނުވަތަ ލޯންޗަށް އަރުވަނީ ވެސް ސުނީ އެވެ.

ސުނީ އޭނާ ހަދާ ތެލުލި ރިހާކުރު ފުޅިއެއްގެ އިށްތިހާރަށް ނަގާފައިވާ ފޮޓޯއެއް: ސުނީގެ ހުރިހާ އުފެއްދުމަކީ ވެސް އަމިއްލަ އަށް ކައްކާ އެއްޗެހި
"އެމީހުން [އިންޓަވިއު ކުރި މީހުން] އެންމެ އިންސްޕަޔާވީ އެކަމަށް. އެމީހުން ތަކުރާރުކޮށް އެހީ ކިހިނެއް ހެއްޔޭ ވަގުތު ހޯދަނީ އެ ހުރިހާ ކަމެއް ކުރަން،" ސުނީ ޖަހާލީ ހިނިގަނޑެކެވެ.
މި ހަގީގަތެއް އެނގޭ ވަރަށް އޮޅުން ނުފިލުވައި ފާޑު ކިޔާ މީހުންނަށް ފެކްޓެއް ބުނެދެން ހެއްޔެވެ؟
މުނިފޫހިފިލުވުމުގައި އުމުރުގެ ބޮޑުބައި ހޭދަކުރި ސުނީ، ކޮފީއެއް ސިނގިރޭޓެއް ނުބޮއެވެ. ފިޒީ ޑްރިންކެއް ވެސް މިހާރު ނުބޮއެވެ.
"އެހެންވީމަ ހޭންގްއައުޓް ކުރުމާއި ކޮފީތަކަށް ދިއުން ކަހަލަ ކަންކަމުގަ ސުނީ އެއްގޮތަކަށް ވެސް ނޫޅެން. ގޮތަކަށް ބުނާ ނަމަ ބޭކާރު ކަންކަމުގަ ނޫޅެން. އަބަދު ވެސް ކޮންމެވެސް މަސައްކަތެއްގަ އުޅެނީ،" ސުނީ ކިޔައިދިނެވެ.
ސުނީ ބުނީ، ކޮންމެ ދުވަހަކު ފަތިހާ ހޭލައިގެން މަސައްކަތް ކުރަންޖެހެނީ އޭނާގެ އުފެއްދުންތަސކުގެ ކޮލިޓީ ހިފެހެއްޓުމަށް ކަމަށެވެ. ކައްކާ ހުރިހާ ބާވަތެއް ތާޒާކޮށް، މީރުކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނީ ފަރުވާ ކުޑަނުކޮށް ކޮންމެ ދުވަހަކު އެ މަސައްކަތް ކޮށްގެން ކަމަށް ވެސް ބުންޏެވެ.
"ސުނީ ބްރެކްފާސްޓް ޕެކޭޖް ވެސް ހަދަނީ އެ ދުވަހެއްގެ އެއްޗެހި އެދުވަހު ވިކި ހުސްވާ ވަރަށް. ތެތުލި ރިހާކުރު ވެސް ސުނީ އަތުގައި ނުވިކި އެއް ސްޓޮކް ހުންނާނީ ގިނަވެގެން ދޭއް ނުވަތަ އެންމެ ގިނަވެގެން ތިން ދުވަހު. އެހެންވީމަ، އެކަނި އެ ކޮލިޓީއާއި ފްރެޝްނެސް އެގޮތުގައި ހިފަހައްޓާނީ ކިހިނެއް ބޭކާރު ކަންކަމަށް ވަގުތު ދީގެން؟" ސަމާސާ ރާގެއްގައި ހީލަމުން ސުނީގެ ރާގުގައި ފޭނުންނަށް އަނެއްކާވެސް ދިނީ ޔަގީން ކަމަކާއި އުންމީދެކެވެ.
"އިރާދަކުރެއްވިއްޔާ ހުވަފެނަކީ ސުނީގެ އަމިއްލަ އުފެއްދުން ވިއްކާ ކުޑަ ފިހާރައެއް ހުޅުވުން. އެންމެ ބޮޑު ޑްރީމް އަކީ ރެސްޓޯރަންޓެއް ހުޅުވުން. ދެން ވިޔަފާރި ކުރިއަސް، ސުނީ އަކީ އެންޓަޓެއިނާ އެއް. އެގޮތުގައި އަބަދުވެސް ފެންނާނެ. އިރާދަކުރެއްވިއްޔާ ގިވްއަޕް އެއް ނުކުރާނަން."










