ކެލާ އަލިބެ އަވަހާރަވެއްޖެ

ކެލާ އަލިބެ: އަވަހާރަވީ އުމުރުން 76 އަހަރުގައި ދެ އަހަރުވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު -- ފޮޓޯ: އަދަދު ފައިލް

ކެލާ އަލިބެ: އަވަހާރަވީ އުމުރުން 76 އަހަރުގައި ދެ އަހަރުވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު -- ފޮޓޯ: އަދަދު ފައިލް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު ކެލާ އަލީ އިބްރާހިމް މަނިކު (ކެލާ އަލިބެ) މިއަދު ހެނދުނުގެ ވަގުތެއްގައި އަވަހާރަވެއްޖެ އެވެ.

ކެލާ އަލިބެ އަވަހާރަވީ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު ކަމަށްވެ އެވެ. އޭނާގެ މޫނު ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިއަދު ސަހަރާއަށް ވަޑައިގަންނަވާފަ އެވެ.

ކެލާ އަލިބެއަކީ ދީލަތި ކަމަށް އުފަން ރަށް ކެލައަށް ވަރަށް މަޝްހޫރު ބޭފުޅެކެވެ. ސަރުކާރުގެ ކަރަންޓު ނެތް އިރު މުޅި ކެލައަށް ކަރަންޓުދީފައި ވަނީ އަލިބެ އެޅި އިންޖީނުގެއަކުންނެވެ. ރަށު ސްކޫލުގައި ހަމައެކަނި ދިވެހި މީޑިއަމަށް ކިޔަވައިދޭތީ އަލިބެ މުސާރަ ދޭ ގޮތަށް އިންޑިޔާއިން ދެ ޓީޗަރުން ގެނަ އެވެ.

Advertisement

އޭގެ އިތުރުން، ރަށުގައި ތިބެގެން ރަށު މީހުންނަށް އާމްދަނީ ލިބޭނެ ފުރުސަތުތައް މަގު ފަހިކޮށްދިނުމުގެ ގޮތުން ފަހާތަނެއް ހެދި އެވެ. އަދި ބަކަރި ގެނެސް، ދަނޑުވެރިކަން ކުރަން ބޭނުންވާ މީހުންނަށް އެ މަސައްކަތް ފަށައިދިނުމުގެ އިތުރުން ތެޔޮ ހާނާ ފެކްޓަރީއެއް ރަށުގައި އަޅައިދިނެވެ.

ކެލައަށް ފޯރުކޮށްދެމުންދިޔަ ކަރަންޓުގެ ފެންވަރު ރަނގަޅު ކުރުމަށް ވެސް އަލިބެ މަސައްކަތް ކުރަމުންދިޔަ އެވެ. އެގޮތުން އާ ދެ ޖަނަރޭޓަރު ގަނެގެން ރަށަށް ގެންދެވޭތޯ މަސައްކަތް ކުރި އެވެ. ނަމަވެސް އިންޖީނުތައް ހިފައިގެން ދަނިކޮށް ބޯޓު އަޑިއަށް ގޮސް މުދާ ގެއްލުނީ އެވެ.

އަލިބެއަކީ ދިވެހި ބަހާއި ސަގާފީ ކަންކަން ކުރިއެރުވުމަށް ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ޅެން ހައްދަވައި، ޑްރާމާ، ތަމްސީލު ޑައިރެކްޓުކޮށް، ތާރީހީ ލިޔުންތައް ލިޔުއްވި އެވެ. އެގޮތުން އަލިބެ ލިޔުއްވި "މިހެން ނޫންތޯ ކަން ހުރީ!" އަކީ މަޝްހޫރުވި ޅެމެކެވެ.

ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒް ވިދާޅުވީ އަލިބެ ނިޔާވުމަކީ ރަށަށް ލިބުނު ދެރައެއް އަދި ހިތާމައެއް ކަމަށެވެ.

"އަލިބެ ކުރެއްވި ހިދުމަތްތައް މިރަށުގެ މީހުން އަބަދުވެސް ހަނދާން ހުންނާނެ. އަލިބެ ނިޔާވުމަކީ މި ރަށަށް ލިބުނު ދެރައެއް އަދި ހިތާމައެއް،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox