މި އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން މަސްވެރިންގެ ފޯރަމެއް ބާއްވަން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.
ފޯރަމް ބާއްވަން ނިންމާފައިވަނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރާ ކ. ގާފަރުގައި މާދަމާ އަދި ބުރާސްފަތި ދުވަހު އެވެ.
ފޯރަމްގައި މަސްވެރިންނާއި އޮޑިވެރިން އަދި މަސްވެރިކަމުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތައްވެސް ބައިވެރިވާނެ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެ ފޯރަމް ބޭއްވުމުގެ މަގްސަދަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
އެ ފޯރަމްގައި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުންނާއި، މަސްވެރިކަމުގެ އުޅަނދުފަހަރަށް އަންނަމުންދާ ބަދަލުތަކާއި، ޒަމާނީ މަސްވެރި އުޅަނދު ޑިޒައިންކުރުމުގެ މަސައްކަތާ ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ.

އަދި މޯލްޑިވެސް ސީފުޑް ޕްރޮސެސަސް އެންޑް އެކްސްޕޯޓާޒް އެސޯސިއޭޝަން (އެމްއެސްޕީއީއޭ)އިން ތަރައްގީ ކޮށްފައިވާ ފިޝަރީޒް އިމްޕްރޫވްމަންޓް ޕްރޮޖެކްޓްއާ ގުޅޭގޮތުން މައުލޫމާތު ދޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.













