ރޮހިންޔާ ރެފިއުޖީންނާ ދެކޮޅަށް ނަފުރަތު އުފައްދާ ކޮންޓެންޓު ދައުރު ކުރަން ފުރުސަތު ދޭ ކަމަށް ތުހުމަތުކޮށް، އިނގިރޭސިވިލާތާއި އެމެރިކާގައި ތިބި ގިނަ އަދަދެއްގެ ރެފިއުޖީން ފޭސްބުކްއާ ދެކޮޅަށް ދައުވާކޮށްފި އެވެ.
އެ މީހުން ޑިމާންޑު ކުރަނީ ބަދަލުގެ ގޮތުގައި 150 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށެވެ. އެ މީހުން ތުހުމަތު ކުރާ ގޮތުގައި ފޭސްބުކްގެ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ރޮހިންޔާ ރެފިއުޖީންނާ މެދު އަނިޔާވެރިވުމަށް ހިތްވަރުދީފައި ވެ އެވެ.
ބުދިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަންމާގައި 2017 ވަނަ އަހަރު ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާގައި 10،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.
މިހާރު މެޓަގެ ނަމަށް ބަދަލުކޮށްފައިވާ ފޭސްބުކް އިން ތުހުމަތުތަކާ ގުޅޭ ގޮތުން ވަކި އެއްޗެއް ނުބުނެ އެވެ.
އިނގިރޭސިވިލާތުގައި ރޮހިންޔާ ރެފިއުޖީން ތަމްސީލް ކުރާ ގާނޫނީ ކުންފުނިން ފޭސްބުކް އަށް ފޮނުވި ސިޓީއެއްގައި ވަނީ ކުރެވޭ ހުރިހާ ތުހުމަތުތަކެއް ލިސްޓުކޮށްފަ އެވެ.
އެގޮތުން ފޭސްބުކްގެ އަލްގޮރިތްމްގެ އެހީގައި ރޮހިންޔާ ރެފިއުޖީންނާ މެދު ފުޅާކޮށް ނަފުރަތު ފެތުރި ކަމަށާއި ހަމަނުޖެހުމަށް ހިތްވަރު ދިން ޕޯސްޓުތަކާއި އެކައުންޓުތައް ނުހުއްޓުވާ ކަމަށް ބުންޏެވެ.
އެމެރިކާގައި ގާނޫނީ ވަކީލުން ފޭސްބުކްއާ މެދު ޝަކުވާ ހުށަހެޅީ ސޭން ފްރެންސިސްކޯގެ ކޯޓަކަށެވެ. ލިޔުންތަކުގައިވާ ގޮތުން "ދެކުނު އިރުމަތީ އޭޝިއާގެ ކުޑަ ގައުމެއްގެ މާކެޓުގެ ތެރެއަށް ވަނުމުގެ ބޭނުމުގައި ރޮހިންޔާ ރެފިއުޖީންގެ ފުރާނަ ގުރުބާން ކުރަން ތައްޔާރަށް" ފޭސްބުކް އިން ހުރި ކަމަށެވެ.
މިޔަންމާގެ 20 މިލިއަނަށް ވުރެ ގިނަ މީހުން ފޭސްބުކް ބޭނުންކުރެ އެވެ. ވަރަށް ގިނަ މީހުންނަށް ހަބަރު ކިޔުމާއި ފެތުރުމަށް ބޭނުން ކުރާ ހަމައެކަނި ވަސީލަތަކީ ފޭސްބުކް އެވެ.
ފޭސްބުކް އިން 2018 ވަނަ އަހަރު އެއްބަސްވެފައިވާ ގޮތުގައި ރޮހިންޔާ ރެފިއުޖީންނާ މެދު ނަފުރަތު އުފެއްދުމާއި ހަމަނުޖެހުން ހިންގަން ހިތްވަރު ދިނުން ހުއްޓުވަން ކުރެވުނީ އެކަށޭނަ މަސައްކަތެއް ނޫނެވެ.
މިޔަންމާ އިން ދެކޭ ގޮތުގައި ރޮހިންޔާ މުސްލިމުންނަކީ ގަވާއިދާ ހިލާފަށް އެ ގައުމަށް އެތެރެވެގެން އުޅޭ ބަޔެކެވެ. މިޔަންމާ ސަރުކާރާއި އާއްމުން އެ މީހުންނާ މެދު ތަފާތުކުރުން ގެންގުޅޭތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ރޮހިންޔާ ހަނގުރާމަވެރިން ފުލުހުންތަކަކަށް ހަމަލާ ދިން މައްސަލަ ހޫނުވެ، މިޔަންމާގެ ސިފައިން އެ މީހުންނާ ދެކޮޅަށް ޖަރީމާ ހިންގި އެވެ.
އެކަމުގެ ތެރެއިން އެތައް ހާސް ބަޔަކު މަރުވެ، 700،000 އަށް ވުރެ ގިނަ މީހުން ބޯޑަރު ހުރަސްކޮށް ބަންގްލަދޭޝް އަށް އެތެރެވި އެވެ.








