ލިވަޕޫލް (ޑިސެމްބަރު 7) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުުތު 2-1 އިން އާސެނަލް ބަލިކޮށް އެވަޓަން އިން ހިތްހަމަޖެހުމެއް ހޯދައިފި އެވެ.
މިއީ އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން އެވަޓަން އަށް ލިބުނު ފުރަތަމަ މޮޅެވެ. ރޭގެ މެޗުން އެވަޓަން ބަލިވިނަމަ އެ ޓީމުގެ ކޯޗު ރަފައެލް ބެނިޓޭޒްގެ ވަޒީފާ ގެއްލޭނެ ކަމަށް ވެސް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަމަކު، ފަހަތުން އަރައި އާސެނަލް އަތުން ހޯދި މި މޮޅާ އެކު ބެނިޓޭޒަށް އޮތް ޕްރެޝަރަށް ވެސް ލުޔެއް ލިބޭނެ އެވެ.
ގުޑިސަން ޕާކުގައި ރޭ ކުޅުނު މެޗު ފަށައިގެން 44 ވަނަ މިނިޓްގައި އަންޑްރޮސް ޓައުންސެންޑް ހިލޭ ޖެހުމަކުން ނެގި ބޯޅައެއް ރިޗާލިސަން ބޮލުން ގޯލަށް ފޮނުވާލުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ އޮފްސައިޑް ކަމަށެވެ.
އޭގެ ތިން މިނިޓް ފަހުން، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާސެނަލްގެ ކިއެރަން ޓިއެރަނީ ނެގި ހުރަހަކުން އެ ޓީމުގެ މާޓިން އޮޑެގާޑް އޭރިއާތެރެއިން ހުސްކޮށް ހުރެފައި ގޯލެއް ޖަހައި އެ ޓީމަށް ލީޑުނަގައިދިނެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައި، މެޗުގެ 58 ވަނަ މިނިޓްގައި އެވަޓަންގެ އަބްދުއްލާއި ޑޮކޫރޭ ދިން ބޯޅައަކުން ރިޗާލިސަން ޖެހި ދެ ވަނަ ގޯލު ވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. މި ފަހަރު ވެސް އެ ގޮތަށް ކަނޑައެޅީ ވީއޭއާރް އިން ބެލުމަށް ފަހު އެވެ.
މެޗުގައި ގޯލެއް ޖަހަން ރިޗާލިސަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 79 ވަނަ މިނިޓްގަ އެވެ. ޑެމާރީ ގްރޭ ޖެހި ޝޮޓެއް ހުރަސްދަނޑީގައި ޖެހިފައި އައި ވަގުތު ރިޗާލިސަން ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި ގްރޭ، އެވަޓަން މޮޅުކޮށްދިން ގޯލު ޖެހީ އޭރިއާބޭރުން ޖެހި ޝޮޓަކުންނެވެ. ގްރޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.
ރޭގެ މެޗުން މޮޅުވެގެން ފަސް ވަނަ އަށް އެރެން އޮތް އާސެނަލް ބަލިވުމުން އޮތީ ހަތް ވަނައިގަ އެވެ. އެއީ 15 މެޗުން 23 ޕޮއިންޓާ އެކު އެވެ. އެވަޓަން އިން ތިން ޕޮއިންޓް ހޯދައި ވަނީ 12 ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް ވަނީ 15 މެޗުން 18 ޕޮއިންޓް ލިބިފަ އެވެ.












