މެންޗެސްޓާ (ޑިސެމްބަރު 5) - މެޗުގެ ދެ ވަނަ ހާފުގައި ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް ޖެހި ލަނޑާއެކު، މެންޗެސްޓާ ޔުނައިޓަޑްގެ އާ ކޯޗު ރާލްފް ރަންގްނިކްގެ އިރުޝާދުގެ ދަށުން އެ ޓީމުގެ ކުޅުނު ފުރަތަމަ މެޗުގައި މިރޭ ކްރިސްޓަލް ޕެލަސް އަތުން 1-0 އިން މޮޅުވެއްޖެ އެވެ.
މި ސީޒަންގެ ނިޔަލަށް ޔުނައިޓަޑްގެ ކޯޗުކަމާ ހަވާލުވި ރަންގްނިކްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން ޔުނައިޓަޑް ތިން ޕޮއިންޓް ހޯދީ މެޗުގެ 77 ވަނަ މިނިޓުގައި ފްރެޑް ޖެހި ލަނޑުންނެވެ. މޭސަން ގްރީންވުޑް ޖައްސާލި ބޯޅަ، ފްރެޑް އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ.
މިއީ މި ސީޒަންގައި ފްރެޑް ކާމިޔާބުކުރި ދެ ވަނަ ލަނޑެވެ. އަދި މިއީ ސެޕްޓެމްބަރު މަހުގެ ފަހުން ޕްރިމިއާ ލީގުގައި ޔުނައިޓަޑް ޖެހިޖެހިގެން ދެ މެޗުން މޮޅުުވި ފުރަތަމަ ފަހަރެވެ.
މި މޮޅާ އެކު ޔުނައިޓަޑް އޮތީ ތާވަލްގެ ހަ ވަނައިގަ އެވެ. ގަދަ ހަތަރެއްގެ ޖާގައަކަށް ޔުނައިޓަޑް އުންމީދުކުރާއިރު، ހަތަރު ވަނައިގައި އޮތް ވެސްޓް ހޭމާއި ޔުނައިޓަޑާ ދެމެދު އޮތީ ތިން ޕޮއިންޓްގެ ފަރަގެކެވެ. ޔުނައިޓެޑަށް 15 މެޗުން ލިބުނީ 24 ޕޮއިންޓެވެ. މިރޭ ނޯވިޗް ސިޓީ އަތުން 3-0 އިން މޮޅުވި ޓޮޓެންހަމް އޮތީ ފަސް ވަނައިގަ އެވެ. އެ ޓީމަށް 14 މެޗުން ވަނީ 25 ޕޮއިންޓް ލިބިފަ އެވެ.
ރަންގްނިކްގެ އިރުޝާދުގެ ދަށުން ޔުނައިޓަޑް ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ލަނޑެއް ކާމިޔާބުކުރުމުގެ ކުރިން ވެސް، ގޯލު ޖަހާނެ ފުރުސަތުތަކެއް ހޯދި އެވެ. އޭރިއާބޭރުން ބްރޫނޯ ފެނާންޑޭސް ޖެހި ބޯޅައެއް ހުރަސްދަނޑިމަތިން ދިޔައިރު، ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ބޯޅައެއް ވަނީ ބްލޮކްވެފަ އެވެ.
ޕެޓްރިކް ވިއޭރާގެ ކޯޗުކަމުގައި ކުޅޭ ޕެލަސް އަށް މުޅި މެޗުގައި ވެސް ލިބުނީ މަދު ފުރުސަތުތަކެވެ. އެންމެ ނުރައްކާތެރި ހަމަލާއަކަށްވީ ދެ ވަނަ ހާފުގައި ޖޯޑަން އަޔޫ ފޮނުވާލި ބޯޅަ އެވެ. ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ޖޭމްސް ޓޮމްކިންސް ބޮލުން ފޮނުވާލުމުން ލިބުނީ އަޔޫ އަށެވެ. އަޔޫ ފޮނުވާލި އެ ބޯޅަ ދިޔަައީ ދަނޑި ކައިރިން ބޭރަށެވެ.
ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މެޗުގައި ނޯވިޗް ކޮޅަށް ލަނޑުތައް ޖަހައިދިނީ ލޫކަސް މޯރާ އާއި ޑެވިންސަން ސަންޗޭޒް އަދި ސޮން ހެއުން މިން އެވެ. އެންޓޯނިއޯ ކޮންޓޭ ހަވާލުވި ފަހުން ޓޮޓެންހަމް މި ވަނީ ޖެހިޖެހިގެން ތިން މެޗުން މޮޅުވެފަ އެވެ.
ލީޑްސް އާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗުން ބްރެންޓްފޯޑް މޮޅުވަނިކޮށް، ލީޑްސް އިން އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގައި ޕެޓްރިކް ބެމްފޯޑް ޖެހި ލަނޑުންނެވެ. މިއީ އަނިޔާގެ ސަބަބުން މިދިޔަ ސެޕްޓެމްބަރު މަހު ކުޅުމާ ދުރަށް ދިޔަ ބެމްފޯޑް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗެވެ.-- އޭއެފްޕީ












