ހުދާއި ކަޅު ކުލައިގެ ރީތި އަސްދޫނި ތަކެކެވެ. އެހާ އޮޅެވެ. ކިޔަމަން ތެރި އެވެ. ތަރުތީބެވެ.
އެއް އަސްދޫނި ތަނަކަށް ހިނގައިގަނެއްޖެ ނަމަ ފަހަތުން ސަފަކަށް ދެން ތިބި އަސްދޫނިތައް ދެ އެވެ. މިއީ ހުޅުމާލެ "ބީޗް ކްލަބް" ވޯޓާ ސްޕޯޓް ސެންޓަރު ހިންގާ ސަރަހައްދަށް ދާ ކޮންމެ މީހަކަށް ވެސް ފެންނާނެ ހިތްހަމަ ޖެހޭނެ މަންޒަރެކެވެ.
މިނިވަންކަމާއެކު އުޅުމަށް ދޫކޮށްލާފައިވާ މި އަސްދޫނި ތަކުގެ ވެރިއަކީ ނަޒީހު އަހުމަދު (އެލްވިސް) އެވެ. އެންމެ ފުރަތަމަ މާލޭގައި ގެއެއްގައި އޭނާ ގެންގުޅުނު އަސްދޫނި ހުޅުމާލެ ބީޗަށް ގެންދަން ނިންމީ ގޭގައި ހިފަހައްޓައިގެން ގެންގުޅުމަށްވުރެ ރަނގަޅު މާހައުލެއް އެ ދޫންޏަށް ހޯދައި ދޭށެވެ.
"ފުރަތަމަ ވިސްނީ ރަށަކަށް އަސްދޫނި ފޮނުވާލަން، މިތަނަށް ގެނައީ ރައްޓެއްސަކު ހިންގާ ތަނެއް ވީމަ، އެއް ދޫނި ވީމަ އެކަނި ވާނެތީ އިތުރު ތިން ދޫނި ހޯދީ،" ބީޗް ކްލަބް ގައި އިނދެ އެލްވިސް ކިޔައި ދިނެވެ. "ދެން ފަހުން އެހެން މީހަކު ދިން ދެ ދޫންޏާއި އެކު ޖުމްލަ ހަ ދޫނި މިހާރު އެބަ ތިބި."
އެލްވިސް ގަބޫލު ކުރާ ގޮތުގައި ހުޅުމާލެ ބީޗަކީ ހުރިހާ ގޮތަކުން ބަލާއިރު ވެސް އަސްދޫނި ތަކަށް އެންމެ ރަނގަޅު މާހައުލެވެ. އަދި އަސްދޫނިތައް ފެނުމުން ކުޑަކުދިންނަށް ލިބޭ ހިތްހަމަ ޖެހުން އޭނާ ފާހަގަ ކުރި އެވެ.


އަސްދޫނިތައް ކައިރީ ބުޅަލެއް މަޑުކޮށްލައިގެން
"ކުޑަކުދިން ވަރަށް ގިނައިން އަންނާނެ އަސްދޫނި ތަކަށް ކާންދޭން، ކޮޕީ ފަތް ލެޓިއުސް ކަހަލަ ފަތް ވަރަށް މީރުކޮށް ކާނެ،" އޭނާ ބުންޏެވެ.
އަސްދޫނި ތަކަށް އާންމުކޮށް ކާންދެނީ ކުކުޅާއި އަސްދޫންޏަށް ކާންދޭން ހާއްސަކޮށް ބޭރުން ތެރެކޮށްފައި ހުންނަ ކާނާ އެވެ. ރޭނގަނޑު ނިދަން ވަނުމަށްޓަކައި ދޫނިތަކަށް ވަނީ ކުޑަ ގެ އެއް ހަދައިދީފަ އެވެ.
މިނިވަން މާހައުލެގައި އުޅެން ލިބުނަސް އަސްދޫނިތައް އުޅެނީ އެ ސޮރުމެން އަމިއްލަ އަށް އިން ކަނޑައަޅައިގެން އެ އިމުގެ ތެރޭގަ އެވެ. ބީޗް ކުލަބެއްގައި ހިތަކަށް މޫދު ލިބިފައި އޮތަސް މޫދަށް އެރުވާ އިރަށް އަސްދޫނިތައް އެއްގަމަށް އަރަ އެވެ. ނުރައްކަލަކަށް ވެދާނެ ކަމަށް ބެލެވުނު ބުޅާ ތަކާއި ވެސް އަސްދޫނިތައް ވަރަށް ދޯޅެވެ. އެލްވިސްގެ އިސްނެގުމާއި ހިމާޔަތުގެ ތެރެއިން އަސްދޫނިތަކަށް ލިބުނު މިނިވަން މާހައުލާއި، އެސޮރުމެންގެ ހަރަކާތްތަކުން އެ ސަރަހައްދަށް ދާ މީހުންނަށް ގެނެސްދޭ ހިތްހަމަޖެހުމަކީ ފާހަގަނުކޮށް ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫނެވެ.







