ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ކުރިއަށް ގެންދާ ޓީ20 ކްރިކެޓް ލީގުގައި އިއްޔެ ކުޅުނު މެޗުތަކުން މާލެ ވެޓްރަންސް ކްލަބާއި ވިޔަންސާ މޮޅުވެއްޖެ އެވެ.
ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި އިއްޔެ ހެނދުނު ކުޅުނު މެޗުން އޮއްފު އެފްސީގެ މައްޗަށް މާލެ ވެޓްރަންސް އިން ކުރިހޯދީ ހަ ވިކެޓުންނެވެ. އިއްޔެ މެންދުރު ފަހު ކުޅުނު މެޗުގައި މިލާން ކްރިކެޓް އެކެޑަމީއާ ވާދަކޮށް ވިޔަންސާ މެޗުން މޮޅުވީ ހަތް ލަނޑުންނެވެ.
އޮއްފު އެފްސީން ކުޅެންއަރައި 20 އޯވަރުގެ ތެރޭ ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 124 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ތައުފީގް ސަލީމް އެވެ. ތައުފީގު ވަނީ 44 ބޯޅައިން 40 ލަނޑު ހަދައިފަ އެވެ. މާލެ ވެޓްރަންސްގެ ޗަންދަނާ 3 އޯވަރުގައި 9 ލަނޑަށް ދެ ވިކެޓް ނެގި އެވެ. އަދި އެ ޓީމުގެ މަލިންދާ ވަނީ 26 ލަނޑަށް ދެ ވިކެޓް ނަަގައިފަ އެވެ.
ޖަވާބުގައި މާލެ ވެޓްރަންސް އިން ކުޅެން ނުކުމެ 16 ވަނަ އޯވަރު ތެރެ 4 ކުޅުންތެރިން ނުބައިވެގެން 125 ލަނޑު ހަދައި މެޗުން މޮޅުވި އެވެ. މާލެ ވެޓްރަންސް ޓީމުން އެންމެ ރަގަޅަށް ކުޅުނީ 48 ބޯޅައިން 61 ލަނޑުހެދި ސަވިންދަ މަންޖޫ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް މަންޖޫ އެވެ. އޮއްފުގެ ގާރީ މުހައްމަދު 4 އޯވަރުތެރޭ 24 ލަނޑަށް 2 ވިކެޓް ނެގި އެވެ.
އިއްޔެ ކުޅުނު ދެ ވަނަ މެޗުގައި ޓޮސް ދިމާވުމުން ކުޅެން އެރީ ވިޔަންސާ އެވެ. އެ ޓީމުން ކުޅެން އަރައި ހަތް ކުޅުންތެރިން ނުބައިވެގެން 20 އޯވަރުތެރޭ ހެދުނީ 169 ލަނޑެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ވިޔަންސާގެ ރޯމަން މިއާ 40 ބޯޅައިން 71 ލަނޑު ހެދިއިރު، ސުޖަން މިއާ ވަނީ 24 ބޯޅައިން 26 ލަނޑު ހަދައިފަ އެވެ. މިލާން އެކެޑަމީގެ ލީމް ސަފީގް 14 ލަނޑަށް 3 ވިކެޓް ނެގިއިރު، އިބްރާހިމް ނަޝާތު ވަނީ 26 ލަނޑަށް 2 ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި މިލާން ކްރިކެޓް އެކަޑަމީ ކުޅެން އަރައި 19.5 އޯވަރުގެތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 162 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ގައުމީ ޓީމުގެ ޔޫސުފް އަޒިޔާން އާއި އާދަމް ނާސިފު އުމަރު އެވެ. އަޒްޔާން ވަނީ 36 ބޯޅައިން 48 ލަނޑު ހަދައިފަ އެވެ. ނާސިފަށް ހެދުނީ 35 ލަނޑެވެ.
މުބާރާތުގައި މިއަދު ހެނދުނު ކުޅޭ މެޗުގައި މާލޭ ވެޓްރަންސް ކްލަބް ބައްދަލުކުރާނީ އައިޒީއާ އެވެ. މިއަދު މެ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ނިއު ސްޓާ އާއި ކޮމެޓް ކްރިކެޓް ކްލަބް އެވެ.












