އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރު އަލީ އަޝްރަފު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އޭސީސީން ވަނީ އަޝްރަފް އިސްތިއުފާ ދެއްވާފައިވާކަން ކަށަވަރުކޮށްދެއްވާފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަކާ ހުރެ އެވެ.
އަޝްރަފް މަގާމުން އިސްތިއުފާ ދީފައިވާއިރު އޭސީސީގެ މަސަައްކަތްތައް ލަސްވެ އެކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފަ އެވެ. އަދި އޭނާ އިސްތިއުފާ ދީފައި ވަނީ އޭސީސީގެ މެންބަރުންގެ މަސައްކަތުގެ އޮޑިޓެއް ހަދައި, މެންބަރުން ވަކިކުރުމުގެ މަސައްކަތްތައް ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.
އަޝްރަފް އެ މަގާމާ ހަވާލުވީ ސެޕްޓެމްބަރު 9، 2019ގަ އެވެ.
އަޝްރަފަކީ ވިލާ ކޮލެޖުގެ ޑިރެކްޓާ އޮފް މާރކެޓިންގެ މަގާމާއި ހިންގުމުގެ ދާއިރާގެ އެކިއެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އަލީ އަޝްރަފު އޭރު ގެންދެވީ ޔުނިވާސިޓީ އޮފް ވެސްޓާން އިންގްލެންޑުގެ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވަމުންނެވެ.














