މިލާން (ޑިސެމްބަރު 1) - އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ މިރޭ ކުޅުނު މެޗުން 2-2 އިން ސަސުއޯލޯއާ އެއްވަރުވުމުގެ ފައިދާނަގައި ދެ ވަނައިގައި އޮތް އޭސީ މިލާނުން އެއް ވަނަ މަގާމާ އޮތް ފަރަގު ކުޑަކޮށްފި އެވެ.
މިރޭގެ ނަތީޖާތަކަށް ފަހު ނަޕޯލީ އެއް ވަނައިގައި އޮތީ 15 މެޗުން 36 ޕޮއިންޓް ހޯދައިގެންނެވެ. މިލާނުން މިރޭ 3-0 އިން ޖެނޯއާ ބަލިކޮށް، ދެ ވަނައިގައި އޮތީ 15 މެޗުން 35 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން އޮތީ 15 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ. އިންޓަ އިން ވަނީ މިރޭ ސްޕެޒިއާ އަތުން 2-0 އިން މޮޅުވެފަ އެވެ.
ސަސުއޯލޯ ދަނޑުގައި މިރޭ ކުޅުނު މެޗު ފެށިގެން ފުރަތަމަ ހާފުގައި ގޯލެއް ނުޖެހުނު ކަމުގައި ވިޔަސް ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 15 މިނިޓް ތެރޭގައި ނަޕޯލީން ދެ ގޯލު ޖެހި އެވެ. މި ދެ ގޯލު ޖެހީ އަށް ވަރަކަށް މިނިޓް ތެރޭގަ އެވެ. މެޗުގެ 51 ވަނަ މިނިޓްގައި އޭރިއާ ރޮނގުކައިރިން ފަބިއަން ރުއީޒް ނަޕޯލީ އަށް ލީޑުނަގައިދިންއިރު، އޭގެ ހަ މިނިޓް ފަހުން އޭރިއާތެރެއިން ޑްރީސް މާޓެންސް ވަނީ ނަޕޯލީގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ.
ނަޕޯލީ އަށް މެޗުގެ ތިން ޕޮއިންޓް ނުހޯދުނީ ފަހު 20 މިނިޓް ތެރޭ ދެ ގޯލު ވަދެގެންނެވެ. މެޗުގެ 71 ވަނަ މިނިޓްގައި ސަސުއޯލޯގެ ފުރަތަމަ ގޯލު ޖެހީ އޭރިއާތެރެއިން މެއިން ކޮންޓްރޯލް ކޮށްލުމަށް ފަހު ޖިއަންލޫކާ ސްކަމާކާ އެވެ. މެޗުގެ 89 ވަނަ މިނިޓްގައި ސަސުއޯލޯ އަށް އެއްވަރުކޮށްދިނީ އެ ޓީމުގެ ކެޕްޓަން، މާކޯ ފެރާރީ ބޮލުން ޖެހި ގޯލުންނެވެ. ގޯލު ޖެހުމަށް ފަހު ސަސުއޯލޯ އިން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.
ޖެނޯއާ ދަނޑުގައި މިލާނަށް 10 ވަނަ މިނިޓްގައި ލީޑުނަގައިިދިނީ ހިލޭ ޖެހުމަކުން ޒްލަޓަން އިބްރަހިމޮވިޗް ޖެހި ގޯލުންނެވެ. މިލާނުގެ އަނެއް ދެ ގޯލު ޖެހީ ޖޫނިއާ މެސިއަސް އެވެ.
މެސިއަސް ފުރަތަަމަ ގޯލު ޖެހީ ފުރަތަމަ ހާފުގައި އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. ދެ ވަނަ ހާފުގައި މެސިއަސް އޭނާގެ ދެ ވަަނަ ގޯލު ޖެހީ ބްރާހިމް ޑިއާޒް ދިން ބޯޅަ ތިރިތިރިން ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިގެންނެވެ.
އިންޓަ އިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ލީޑުނެގީ 36 ވަނަ މިނިޓްގައި ލަޓާރޯ މާޓީނޭޒް ދިން ބޯޅައަކުން ރޮބާޓޯ ގަގްލިއަޑީނީ ޖެހި ގޯލުންނެވެ. އޭނާ ޖެހި ބޯޅަ ވަނީ ގޯލުގެ ދުރު ކަނަށެވެ. ދެ ވަނަ ހާފުގައި ސްޕެޒިއާ ކުޅުންތެރިއަކު އަތުގައި ބޯޅައިން ޖެހުމުން ދިން ޕެނަލްޓީ އަކުން އިންޓަގެ ދެ ވަަނަ ގޯލު ޖެހީ މާޓީނޭޒް އެވެ. ގޯލެއް ޖަހަން އިންޓަގެ ޔަކީން ކޮރޭއާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.












