ގއ. ވޮޑަމުލާ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް މަނީ ލޯންޑްރިން މައްސަލައިގައި އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރާނެ ކަމަށް، އެންމެ ކައިރީގައި ތިބި މީހުންވެސް އުންމީދު ނުކުރި އެމަނިކުފާނުގެ އިސް ވަކީލް، ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ޔާމީން މިނިވަންވުމުން އެމަނިކުފާނުގެ ގާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަމީލު ވުދާޅުވީ ސުޕްރީމް ކޯޓުން އިއްޔެ އެ ހުކުމް ބާތިލުކުރުމާ ހަމައަށް، އެމަނިކުފާނަށް އިންސާފު ލިބިގެން ދާނެ ކަމަށް އެންމެ ކައިރީގައި ތިބި މީހުން ވެސް ސުވާލު އުފެއްދި ކަމަށެވެ. އަދި ސަރުކާރުގެ ބާރު، ޖޭއެސްސީގައި އޮތް ހިނދަކު، ޝަރުއީ ނިޒާމުގެ ތެރެއިން އެމަނިކުފާނު މިނިވަން ވާނެ ކަމަށް ގިނަ ސަޕޯޓަރުން ގަބޫލު ނުކުރާކަންވެސް ފާހަގަކުރެއްވި އެވެ.
"ތީ ނުވާނެ ކަމެއް ކަމުގައި ކައިރީގައި ތިބި ގިނަ ބަޔަކުވެސް ގަބޫލުކޮށްގެން ތިބި ގޮތާއި، އަދި އެގޮތަށް މުޖްތަމައުގެ ގިނަ ބަޔަކު އެހެން ބުނަމުން ދިޔައިރު، އެގޮތާއި ހިލާފަށް ނިކުމެ، މި މަސައްކަތް ކާމިޔާބު ކުރެވުނީ." ޖަމީލް ވިދާޅުވި އެވެ.
މިފަދައިން ވިދާޅުވުމާއެކު ނޫސްވެރިއެއް ޖަމީލާ ސުވާލުކުރީ ކުރިން ޝަރުއީ ދާއިރާގެ ކޯޓުތަކާ މެދު އޭނާ ދެކެމުން އައި ގޮތް މިއަދުގެ ހުކުމާ އެކު ބަދަލުވެގެން ދިޔަ ތޯ އެވެ. އަދި ޖަމީލުގެ ނަޒަރުގައި ޝަރުއީ ދާއިރާ އިސްލާހުވެއްޖެ ކަމަށް ގަބޫލުކުރައްވަންތޯ އެވެ.
މި ސުވާލަށް ޖަމީލުގެ ބަދަލުގައި ޖަވާބު ދެއްވީ ވަކީލުންގެ ޓީމުގައި ދެން އެންމެ އިސްކޮށް ހަރަކާތްތެރިވާ އަލީ ޝާހު އެވެ. އޭނާ ވިދާޅުވީ އެއްވެސް އިރަކު ޝަރުއީ ކޯޓުތަކަށް އިތުބާރު ނުކުރާ ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށާއި، ހުރިހާ ފަނޑިޔާރުންނަށް ވެސް އިތުބާރު ކުރައްވާ ކަމަށެވެ.

އަދި ފަނޑިޔާރުންގެ ނިންމުމަކާ ހިޔާލު ތަފާތުވެ، ހިތް ނުތަނަވަސްވުމަކީ އެ އިތުބާރު ގެއްލޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ވަކީލް އަލީ ޝާހު ވިދާޅުވި ގޮތުގައި ވަކީލުންގެ ޓީމުން މަސައްކަތް ކުރީ އެފަދަ ނިންމުންތައް އޮންނަ އިޖުރާއަތްތަކުގެ ތެރެއިން މަތީ މަރުހަލާގެ ކޯޓުތަކުގައި އިސްތިއުނާފްކޮށް ކުރިއަށް ދިއުމަށެވެ.
މި ސުވާލު އެހެން ނޫސްވެރިއެއް ތަކުރާރު ކުރުމާއެކު ޖަމީލް ވިދާޅުވީ ޝަރުއީ ދާއިރާގައި ވަރަށް ގިނަ ގޯސްތައް އެބަހުރި ކަމަށެވެ. އަދި އެ ގޯސްތައް ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިބިހާ ހިނދަކު އިސްލާހު ކުރެވޭނެ ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.











