އެންމެ މަތީ ކޯޓުގައި ދައުވާއިން ސަލާމަތްވެ، ޔާމީން މިނިވަންވެއްޖެ

އެންމެ މަތީ ކޯޓުގައި ދައުވާއިން ސަލާމަތްވެ، ޔާމީން މިނިވަންވެއްޖެ

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައަޅައި, ދަށު ކޯޓުން އިއްވާފައިވާ ހުކުމް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން އިއްތިފާގުން ދާދިދެންމެއަކު ބާތިލްކޮށްފި އެވެ.

ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ އުފުލީ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރު އެސްއޯއެފް މެދުވެރިކޮށް ޔާމީންގެ ބޭންކް އެކައުންޓަށް ޖާމަކޮށް, އެ ފައިސާގެ އަސްލު އޮޅުވާލައި އޭގެން މަންފާ ހޯދާފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރި މައްސަލާގަ އެވެ.

އެ މައްސަލާގައި ކުރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކަނޑައެޅި އެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އަގުލަބިއްޔަތު ރައުޔަކާއެކު ހުކުމް ދެމެހެއްޓި އެވެ.

އެ ހުކުމް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ގިނަ, އަދި ދިގު އަޑުއެހުންތަކެއް ކުރިއަށް ގެންގޮސް މިއަދު ވަނީ ހުކުމް އިއްވުމުގެ މަޖިލިސް ބާއްވާފަ އެވެ. އެ މަޖިލީހުގައި ހުކުމް އިއްވެވީ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.

ސުޕްރީމް ކޯޓުގައި ޔާމީންގެ ފަރާތުން 22 ނުކުތާއެއް ފާހަގަކުރި އެވެ. އޭގެ ތެރެއިން އިޖުރާއީ ބައެއް ގޯސްތަކާ ގުޅޭ ގޮތުން ހުށަހެޅި ގިނަ ނުކުތާތަކެއް ހިމެނެ އެވެ. އެ ހުރިހާ ނުކުތާއެއް ވެސް ސުޕްރީމް ކޯޓުން ނިންމީ ޔާމީނާ ދެކޮޅަށެވެ. އެއީ, އެ ނުކުތާތައް ސާބިތުކުރުމަށް އެކަށީގެންވާ ގާނޫނޫ ސަބަބުތަކެއް ޔާމީނަށް ދެކިފައިނެތް ކަމަށާއި އޭގެ ސަބަބުން ޔާމީންގެ ހައްގެއް ގެއްލިފައިވާ ކަމަށް ބުނެދެވިފައި ނެތުމުންނެވެ.

ނަމަވެސް, ދަށު ކޯޓުގެ ފަސް ގާޒީން ޔާމީންގެ މައްޗަށް އަދަބު ކަނޑައަޅާފައި އޮތް ގޮތް ގޯސް ކަމަށް ކަނޑައެޅި އެވެ. އެއީ, ޖަލު އަދަބާއި ޖޫރިމަނާގެ އަދަބު އުގޫބާތެއްގެ ގޮތުގައި ކަނޑައަޅާނަމަ އެކަން ކުރަން ޖެހޭނީ އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ނަމަވެސް, މި މައްސަލާގައި ޖަލު ހުކުމް އެންމެ ދަށްކޮށް ޖޫރިމަނާ އެންމެ މަތިކޮށްފައިވަނީ އެ ހަމަހަމަ ކަމުގެ އުސޫލުން ބޭރު ކަމަށް ވިދާޅުވި އެވެ.

މައްސަލާގައި ހެކި ވަޒަންކުރި ގޮތާއި ކުށް ސާބިތުކުރި ގޮތާ ގުޅޭ ގޮތުން ޔާމީންގެ ފަރާތުން ފާހަގަކުރި ނުކުތާއް ސުޕްރީމް ކޯޓުގައި ނިންމާފައިވަނީ އެމަނިކުފާނާ އެއްގޮތަށެވެ. ދަށު ކޯޓުން އިއްވި ހުކުމުން ސަލާމަތްވެވުނީ އެ ނުކުތާތަކުގެ ސަބަބުންނެވެ.

އެއް މިލިއަން ޑޮލަރާމެދު ސުވާލު; ޔާމީނަށް ފައިދާ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި އޮތް ކަރަންޓު އެކައުންޓަކަށް އެއް މިލިއަން ޑޮލަރު އެސްއޯއެފްއިން ޖަމާކުރި އެވެ. އެސްއޯއެފްއަކީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި އެންމެ ބޮޑަށް ބައިވެރިކޮށްފައިވާ ކުންފުންޏެވެ.

އެސްއޯއެފްއިން ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ވަތް އެއް މިލިއަން ޑޮލަރު ކަމަށް ދައުލަތުން ބުނެ އެވެ. އަދި, އެ ފައިސާގެ އަސްލު އޮޅުވާލައި, އޭގެން ޔާމީން މަންފާ ހޯދި ކަމަށް ވަނީ ބުނެފަ އެވެ.

އެއް މިލިއަން ޑޮލަރު, ޔާމީން ވަނީ އިސްލާމިކް ބޭންކްގައި އޮތް އެމަނިކުފާނުގެ އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކޮށްފަ އެވެ. އެ ފައިސާއިން އެމަނިކުފާނަށް ދިޔައީ މަންފާ ލިބެމުންނެވެ. އަދި, އޭގެފަހުން އޭސީސީއާއެކު އެސްކްރޯ އެކައުންޓެއް ޔާމީން ހުޅުވައި, އެ އެކައުންޓަށް އެއް މިލިއަން ޑޮލަރުލި އެވެ. އެ އެއް މިލިއަން ޑޮލަރަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މެދުވެރި ކުރައްވައި ޔާމީން ހޯއްދެވި އެއް މިލިއަން ޑޮލަރެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުކުރުމަށް ބޭނުންވާ އެންމެ މުހިންމު ރުކުނަކީ މަންފާ ހޯދި ފައިސާއަކީ ކުށްކޮށްގެން ހޯދި ފައިސާއެއްކަމާމެދު ޝައްކު އޮތުމެވެ. ދައުލަތުން ބުނާ ގޮތުގައި އެ އެއް މިލިއަން ޑޮލަރަކީ ކުށްކޮށްގެން ހޯދި ފައިސާ ކަމާމެދު ޝައްކު އެބަ އޮތެވެ. އަދި އެކަން ޔާމީނަށް ވެސް އެނގިވަޑައިގަންނަވަ އެވެ.

ނަމަވެސް, ޔާމީންގެ ފަރާތުން ފާހަގަކުރާ ނުކުތާއަކީ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ވޮޑުމުލާގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމެއް ސާބިތުނުކޮށް ދެވޭ ކަމާއި އެއީ ކުށްކޮށްގެން ހޯދި ފައިސާއެއް ކަމެއް ވެސް ސާބިތުނުކޮށްދެވޭ ކަމަށެވެ. އެ ވާހަކައަށް ދައުލަތުގެ ތަކުރާރު ރައްދަކަށް އޮތީ ސީދާ ވޮޑުމުލާގެ ފައިސާކަން ސާބިތުކޮށް ދޭން ނުޖެހޭ ކަމަށެވެ.

ދައުލަތުން ވަނީ އެއީ ވޮޑުމުލާގެ ފައިސާކަން ސާބިތުކުރުމަށް ހެކި ވެސް ހުށަހަޅާފަ އެވެ.

ސުޕްރީމް ކޯޓުން ދެންމެ އިއްވި ހުކުމްގައިވާ ގޮތުން ޔާމީންގެ އެކައުންޓަށް ވަން އެއް މިލިއަން ޑޮލަރުގެ ހަގީގަތް ނޭނގޭ ކަމަށާއި އެއީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމާމެދު ބޮޑު ސުވާލެއް އެބަ އޮތެވެ.

އެއީ, މި މައްސަލާގައި ހުށަހަޅާފައިވާ ވޮޑަމުލާގެ ފައިސާގެ ޗެކް ނަންބަރު އެސްއޯއެފްގެ ބޭންކް ސްޓޭޓްމެންޓާއި ޑިޕޮޒިޓް ސްލިޕްގައި ދެ ގޮތަކަށް އޮތުމުން ޔާމީންގެ އެކައުންޓަށް ވަދެފައިވަނީ ވޮޑުމުލާ ޗެކްކަމާމެދު ސުވާލު އުފެދޭތީ ކަމަށް ހުކުމްގައިވެ އެވެ. ހުކުމްގައި ބުނީ ޗެކްގެ ނަންބަރުގައި އޮތް ފުށުއެރުމަކީ ދަށު ކޯޓާއި ހައިކޯޓުގައި ވެސް ފާހަގަވާން ޖެހޭ ކަމެއް ކަމަށެވެ.

ނަމަވެސް ޗެކް ނަންބަރު ނުބައިކޮށް އޮތްކަން ފާހަގަވެފައިވަނީ ސުޕްރީމް ކޯޓުން މި މައްސަލަ ދިރާސާކުރަމުން ދަނިކޮށެވެ. އެހެންވެ, އެކަމުގައި ދައުލަތުގެ ބަހެއް ހޯދުމަށް ވަކި އަޑުއެހުމެއް ވެސް ބޭއްވި އެވެ. އެ އަޑުއެހުމުގައި ދައުލަތަށް ޖަވާބުދާދީވެސް ވެވިފައިނުވާ ކަމަށެވެ. އެހެންވެ, އުފެދިފައިވާ ސުވާލުގެ ފައިދާ ޔާމީނަށް ލިބެން ޖެހޭ ކަމަށް ހުކުމްގައިވެ އެވެ.

މީގެއިތުރުން ޔާމީންގެ އެކައުންޓަށް ވަދެފައިވަނީ ފައިސާއަކީ އެސްއޯއެފްއިން ޖަމާކުރި ފައިސާ ކަމަށްވެފައި އަދި އެ ކުންފުންޏަކީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން ހިންގުމަށް ގެންގުޅުނު އެންމެ ބޮޑު ވަސީލަތަށް ނުވާއިރު އެ ކުންފުނީގެ މައްޗަށް ތަހުގީގު ހިންގާފައި ނެތުމަކީ ހައިރާންވާ ކަމެއް ކަމަށް ފަނޑިޔާރު މަހާޒު ވިދާޅުވި އެވެ.

އަދި, ދަށު ކޯޓުގައި އެސްއޯއެފްގެ އިސް ވެރިންގެ ހެކިބަސް ނުނަގަން ނިންމި ނިންމުން އެނޫން ގޮތަކަށް ބަދަލު ކުރުމަށް ދައުލަތުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމާއި މައްސަލަ އިސްތިއުނާފު ވެސް ކޮށްފައި ނެތުމަކީ އެކަމުގައި ދައުލަތުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނެތްކަން އެނގޭ ކަމެއް ކަމަށެވެ. ނަމަވެސް, އެ މީހުންގެ ހެއްކަކީ މި މައްސަލާގައި ކުށް ސާބިތުކޮށް, މައްސަލަ ވަރުގަދަ ކުރުމަށް މުހިންމު ހެއްކެއް ކަމަށް ހުކުމްގައިވެ އެވެ.

އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގަތުން ގޯސް

މައްސަލާގެ މުހިންމު ހެއްކެއް ކަމަށްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުالله ޒިޔަތުގެ ހެކިބަސް ބަލައިގެންފައިވާ ގޮތް ވެސް ގޯސް ކަމަށް ކަނޑައެޅި އެވެ. އެއީ, އަދީބާއި ޒިޔަތަކީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނަށް އަމިއްލައަށް އިއުތިރާފުވެފައިވާ ބައެއް ކަމުން އެއީ ފާސިގުން ކަމަށް ބެލެވޭނެ އެވެ.

ސުޕްރީމް ކޯޓުން މީގެކުރިން ކަނޑައަޅާފައިވާ ގޮތުގައި ފާސިގުންގެ ހެކިބަސް ބަލައިގަނެވޭނީ އެ ހެކިބަހާ ގުޅުވާލެވޭ އެހެން ހެކިތަކެއް ހުރި ނަމަ އެވެ. ކުރިމިނަލް ކޯޓުން ޔާމީންގެ މައްސަލާގައި އެ ދެ މީހުންގެ ހެކިބަސް ބަލައިގަތީ ވެސް އެގޮތަށް ބުނެ އެވެ.

ނަމަވެސް, ސުޕްރީމް ކޯޓުން ބުނީ އަދީބާއި ޒިޔަތުގެ ހެކިބަހާ ގުޅޭ އެހެން ހެކިތަކަކީ ކޮބައިކަމެއް ފާހަގަކޮށްފައި ނެތް ކަމަށެވެ. އެހެންކަމުން އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގެންފައިވަނީ ގާނޫނީ އުސޫލުގެ ތެރެއިން ނޫން ކަމަށެވެ. އަދި, އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގަތުމަކީ ރައްކާތެރިކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ހުކުމްގައިވެ އެވެ.

މީގެއިތުރުން ޔާމީންގެ މާލީ ބަޔާނާއި އޮޑިޓް ރިޕޯޓްތަކުގެ ހެކީގެ ގޮތުގައި ދަށު ކޯޓުން ވަޒަންކުރި ގޮތް ވެސް ގޯސް ކަމަށް ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާފައިވެ އެވެ.

އެއް މިލައަން ޑޮލަރުގެ ހަގީގަތެއް ނޭނގޭ, މަދަނީ ދައުވާ ކުރެވޭނެ

މި މައްސަލާގައި ހިމެނޭ އެއް މިލިއަން ޑޮލަރަކީ ވޮޑުމުލާގެ ކުލި ކަމާމެދު ސުވާލު އުފެދިފައިވާއިރު, އެ ފައިސާގެ ހަގީގަތް މިހާތަނަށް ހޯދިފައި ނެތް ކަމަށް ހުކުމްގައި ފާހަގަކުރި އެވެ. އެހެންވެ, އޭގެ ހަގީގަތް ހޯދުމަށް ދައުލަތަށް އަދިވެސް މަސައްކަތް ކުރެވޭނެ ކަމަށެވެ.

އެސްއޯއެފް ކުންފުންޏަކީ ޔާމީން ނުދަންނަ ކުންފުންޏެއް ކަމަށްވެފައި އެ ފައިސާއާމެދު ތަހުގީގީ އިދާރާތަކުން ޔާމީންގެ ސަމާލު ކަމަށް ކަންކަން ގެނެސްފައިވަނިކޮށް އެ ފައިސާއިން މަންފާ ހޯދާފައިވަނީ ގޯސްކޮށް ކަމަށް ހުކުމްގައި ބުންޏެވެ.

އެގޮތުން, އެއީ ދައުލަތުގެ އެއްބައިވަންތަކަން ގެއްލޭ ގޮތަށް ގާނޫނީ ވެރިކަމާ ހިލާފަށް އަދި ރައިސުލްޖުމްހޫރިއްޔާގެ މަގާމުގެ ޒިންމާއާ ވެސް ހިލާފަށް އަމިއްލަ މަސްލަހަތު އިސްކޮށް ކޮށްފައިވާ ކަމެއް ކަމަށް ފަނޑިޔާރު މަހާޒު ފާހަގަ ކުރެއްވި އެވެ.

އެހެންވެ ހުކުމްގައި ބުނެފައިވާ ގޮތުގައި، އެ ފައިސާގެ ހަގީގަތް ހޯދުމަށް ބަލާ ބެލުންތަކުން އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްނަމަ، އެ ފައިސާއާއި، އެ ފައިސާއިން އިންވެސްޓްކުރުމުގެ ސަބަބުން ފައިދާއެއް ލިބިފައިވާނަމަ، އެ ފައިދާއެއް ހިމެނޭނެހެން ހޯދުމުގެ ހައްގު ދައުލަތަށް ލިބެ އެވެ.

ނަމަވެސް, އެކަމުގައި ގާނޫނުއަސާސީގެ 60 ވަނަ މާއްދާއިން ޔާމީނަށް ލިބޭ ހައްގަށް އުނިކަމެއް އައިސްގެން ނުވާނެކަން ސުޕްރީމް ކޯޓުން ފާހަގަކުރި އެވެ. އެ މާއްދާގައިވާ ގޮތުން ހުކުމްގައި ބުނެފައިވާ ގޮތުގައި، ޖިނާއީ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް ސާބިތުނުވާކަމަށް ކޯޓަކުން ހުކުމްކޮށްފިނަމަ، ދެވަނަ ފަހަރަށް ހަމަ އެ ކުށުގެ ނުވަތަ އެ ކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދައުވާ އެ މީހެއްގެ މައްޗަކަށް ނުއުފުލޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox