މެޑްރިޑް (ނޮވެމްބަރު 29) - ސްޕެނިޝް ލީގުގައި ރޭ ވިނީޝިއުސް ޖޫނިއާ ޖެހި މޮޅު ގޯލުން 2-1 އިން ސެވިއްޔާ ބަލިކޮށް ރެއާލް މެޑްރިޑުން އެއް ވަނަ މަގާމު ދަމަހައްޓައިފި އެވެ.
ރޭގެ މޮޅާ އެކު ރެއާލަށް އެއް ވަނައިގައި ވަނީ ހަތަރު ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ.
ފަހަތުން އަރައި ރެއާލުން ހޯދި މޮޅާ އެކު އެއް ވަނައިގައި އޮތީ 14 މެޗުން 33 ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތީ ރޭ ކަޑިޒް ދަނޑުގައި 4-1 އިން މޮޅުވި އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް އެވެ. އެ ޓީމަށް ވަނީ 14 މެޗުން 29 ޕޮއިންޓް ލިބިފަ އެވެ. ރޭ އެސްޕަންޔޯލް އަތުން 1-0 އިން ބަލިވެ، ރެއާލް ސޮސިއެޑާޑް ތިން ވަނަ އަށް ވެއްޓުނުއިރު، އެ ޓީމަށް ވެސް ވަނީ 15 މެޗުން 29 ޕޮއިންޓް ލިބިފަ އެވެ.
ރެެއާލް ދަނޑުގައި ރޭ ކުޅުނު މެޗުގެ 12 ވަނަ މިނިޓްގައި ސެވިއްޔާ އިން ލީޑުނެގީ އަކޫނިއާ ކޯނަރަކުން ނަގައިދިން ބޯޅަ އަކުން ރަފާ މީރް ޖެހި ގޯލަކުންނެވެ. މީރް ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. އޭގެ ދެ މިނިޓް ފަހުން ސެވިއްޔާގެ ލީޑުފުޅާކުރަން މީރް ޖެހި ބޯޅަ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ މަތަކުރި އެވެ. ސެވިއްޔާ އަށް ލީޑުފުޅާކޮށްދޭން އެ ޓީމުގެ ލޫކަސް އޮކަމްޕޯސް އޭރިއާބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
މެޗުގެ 32 ވަނަ މިނިޓްގައި ރެއާލަށް ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން ކަރިމް ބެންޒެމާ އެވެ. އޭރިއާބޭރުން އެޑާ މިލިޓާއޯ ޖެހި ބާރު ބޯޅައެއް ސެވިއްޔާ ކީޕަރު ޔާސިން ބޯނޯ އަތުގައި ޖެހިފައި ދަނޑީގައި ވެސް ޖެހިފައި ގޯލު ކުރިމައްޗަށް ހުރަސްވި ވަގުތު ބެންޒެމާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ވިނީޝިއުސް، ރެއާލް މެޗުން މޮޅުކޮށްދިން ގޯލު ޖެހީ މެޗު ނިމެން ތިން މިނިޓަށް ވެފައި ހުއްޓަ އެވެ. އޭރިއާބޭރުން ވިނީޝިއުސް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މި ސީޒަނުގައި ތަފާތު ފޯމެއްގައި ހުރި ވިނީޝިއުސް ވަނީ މި ސީޒަނުގައި މިހާތަނަށް ލީގުގައި 14 މެޗުން ނުވަ ގޯލު ޖަހައި ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ކަޑިޒް ދަނޑުގައި އެތުލެޓިކޯގެ ގޯލުތައް ޖެހީ ތޯމަސް ލެމާ، އެންޓޮއިން ގްރީޒްމަން، އެންހެލް ކޮރޭއާ އަދި މަޓެއުސް ކޫންޔާ އެވެ. ކާޑިޒް އިން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ އެންތޯނީ ލޮޒާނޯ އެވެ.












