ޓިއުރިން (ނޮވެމްބަރު 28) - އިޓާލިއަން ލީގުގައި ރޭ 1-0 އިން ޔުވެންޓަސް އަތުން އެޓަލަންޓާ މޮޅުވިއިރު، މިއީ 1989 ވަނަ އަހަރަށް ފަހު ޔުވެންޓަސް ދަނޑުގައި އެޓަލަންޓާ އަށް ލިބުނު ފުރަތަމަ މޮޅެވެ.
މި ފަހަރު ލީގުގައި ކުޅުނު 14 މެޗުގެ ތެރެއިން ފަސް މެޗުން ޔުވެންޓަސް ބަލިވިއިރު، އެ ޓީމު އޮތީ ލީގުގެ އަށް ވަނައިގަ އެވެ. އެއީ 14 މެޗުން 21 ޕޮއިންޓާ އެކު އެވެ. ތިރީސް ދެ އަހަރު ތެރޭ ޔުވެންޓަސް ދަނޑުގައި ހޯދި ފުރަތަމަ މޮޅާ އެކު އެޓަލަންޓާ އޮތީ 14 މެޗުން 28 ޕޮއިންޓް ހަަަމަކޮށް ލީގުގެ ހަތަރު ވަނައިގަ އެެވެ.
ޔުވެންޓަސް ދަނޑުގައި ރޭގެ މެޗު ފަށައިގެން އެ ޓީމުގެ ކެޕްޓަން ޕައޮލޯ ޑިބާލާ އާއި ފެޑެރީކޯ ކިއޭސާ އަށް ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ. މެޗުގެ 28 ވަނަ މިނިޓްގައި ޔުވެންޓަސް މެދުތެރެއިން ހެދި ގޯހެއްގެ ފައިދާނަގައި އެޓަލަންޓާގެ ގޯލު ޖަހައިިދިނީ ކޮލަމްބިއާގެ ފޯވާޑް ޑުވާން ޒަޕާޓާ އެވެ. ބޭރަތު ޖިމްސީޓީ ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ޒަޕާޓާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ.
ދެ ވަނަ ހާފްގައި ނަތީޖާ ހަމަހަމަ ކުރަން ޔުވެންޓަސް އިން ގިނަ ހަމަލާތަކެއް ފޮނުވާލި އެވެ. އޭޑްރިއަން ރަބިއޯ ޖެހި ބޯޅައެއް ތިރިތިރިން ގޯލުގެ ދަނޑިކައިރިން ދިޔައިރު، ޑިބާލާ ޖެހި ބޯޅައެއް ވަނީ ހުރަސްދަނޑިމަތިން ގޮސްފަ އެވެ. ނަތީޖާ ހަމަހަމަ ކުރުމާ އެންމެ ގާތަށް ޖެހިލީ ވެސް ޑިބާލާ އެވެ. އޭނާ ފޮނުވާލި ހިލޭ ޖެހުން ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

ޔުވެންޓަސްގެ ޑިބާލާ ހަމަލާއެއް ފޮނުވާލުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
ޔުވެންޓަސް އަށް މި ސީޒަނުގައި ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ލަނޑު ނުޖެހުމެވެ. ލީގުގައި 14 މެޗުން އެ ޓީމަށް ޖެހުނީ 18 ގޯލެވެ. މިއީ އިޓާލިއަން ލީގުގެ ގަދަ 10 އެއްގައި މި ވަގުތު އޮތް ޓީމުތަކުގެ ތެރެއިން އެންމެ ދަށް ރެކޯޑެވެ.
އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން ވަނީ ވެނެޒިއާ ދަނޑުގައި ރޭ 2-0 އިން މޮޅުވެފަ އެވެ. އިންޓަ އަށް ލީޑުނަގައިދިން ގޯލު ޖެހީ މި ވަގުތު ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ ތުރުކީގެ މިޑްފީލްޑަރު ހަކަން ޗަނޮނޮގްލޫ އެވެ. ދެ ވަނަ ހާފުގައި ޕެނަލްޓީ އަކުން އިންޓަގެ ދެ ވަނަ ގޯލު ޖެހީ ލަޓާރޯ މާޓީނޭޒް އެވެ.
މި މޮޅާ އެކު އިންޓަ އިން ވަނީ ލީގުގެ އެންމެ ކުރީގައި އޮތް ނަޕޯލީ އާއި އޭސީ މިލާނާ ޕޮއިންޓަކަށް ގާތަށް ޖެހިލައިފަ އެވެ. އެއް ވަނައިގައި އޮތް ނަޕޯލީ އާއި ދޭއްގައި އޮތް މިލާނަށް 13 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު، އިންޓަ އިން ވަނީ 14 މެޗުން 31 ޕޮއިންޓް ހަމަކޮށްފަ އެވެ.












