ރާއްޖޭގެ ކްލަބްތަކަށް ހުޅުވާލައިގެން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން މިއަދު ފެށި ޓީ20 ކްރިކެޓް ލީގުގައި ކުޅުނު ފުރަތަމަ މެޗުތަކުން ނިއު ސްޓާ އާއި މާލޭ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.
ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި މިއަދު ހެނދުނު ކުޅުނު މެޗުން އައިޒީއާ ވާދަކޮށް ނިއު ސްޓާ މޮޅުވީ ފަސް ވިކެޓުންނެވެ. ދެ ވަނަ މެޗު ކޮމެޓްސްއާ ދެކޮޅަށް ކުޅެ މާލޭ ސްޕޯޓްސް ކްލަބް މޮޅުވީ ހަ ވިކެޓުންނެވެ.
ހެދުނު ކުޅުނު މެޗުގައި ގުރުދިމާވުމުން އައިޒީން ނިންމީ ކުޅޭށެވެ. ކުޅެންއަރައި 20 އޯވަރު ހަމަވިއިރު 7 ކުޅުންތެރިން ނުބައިވެގެން އައިޒީ އަށް ހެދުނީ 122 ލަނޑެެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 65 ބޯޅައިން 64 ލަނޑު ހެދި ޓީމްގެ ކެޕްޓަން މުހައްމަދު އަފްލާހް އެވެ.
ނިއު ސްޓާ އިން އެންމެ ރަގަޅަށް އުކީ ހަތަރު އޯވަރު 24 ލަނޑަށް 5 ވިކެޓް ނެގި މެޗުގެ މޮޅު ކުޅުންތެރިޔާ، އިސުރު ސަމީރާ އެވެ.
ނިއު ސްޓާ އިން ކުޅެން އަރައި 16 ވަނަ އޯވަރާ ހަމައަށް ދިޔައިރު 5 ކުޅުންތެރިން ނުބައިވެގެން ހެދުނީ 128 ލަނޑެވެ. އެ ޓީމަސް އެންމެ ރަގަޅު ކުޅުމެއް ދެއްކީ ސްރީކާންތު ނަޔަރާއި ޝަފީގުލް އެވެ. ސްރީކާންތު 43 ލަނޑު ހެދިއިރު، ޝަފީގުލް ވަނީ 36 ލަނޑު ހަދައިފަ އެވެ. ޓީމު ކެޕްޓަން މަނޯ ވަނީ 22 ކަނޑު ހަދައިފަ އެވެ.
މިއަދު މެންދުރު ފަހު ކުޅުނު މުބާރާތުގެ ދެ ވަނަ މެޗުގައި ޓޮސް ދިމާވުމުން ކޮމެޓްސް ކްރިކެޓް ކްލަބުން ނިންމީ ކުޅެން އަރާށެވެ. އެ ޓީމުން ކުޅެން އަރައި 20 އޯވަރު ހަމަވިއިރު، ހަ ކުޅުންތެރިން ނުބައިވެގެން 150 ލަނޑު ހެދި އެވެ. އެ ޓީމުގެ އަހުމަދު ހަސަން ސޯބިރު 33 ބޯޅައިން 66 ލަނޑު ހެދިިއިރު، އަހުމަދު އަމީލް ނުބައި ނުވެ 43 ލަނޑު ހެދި އެވެ.
ޖަވާބުގައި މާލޭ ސްޕޯޓްސް ކްލަބުން ކުޅެން އެރިއިރު، ވާރޭގެ ސަބަބުން ތިން ފަހަރު މަތިން މެޗު ހުއްޓާލަން ޖެހި، ސްޓޭޑިއަމް އަދިރިވުމުގެ ސަބަބުން އަމްޕަޔަރުން ނިންމީ 14 އޯވަރު ކުޅޭ ގޮތަށެވެ. އެ ގޮތުން 14 އޯވަރުގެތެރޭގައި މާލޭ ސްޕޯޓްސް (ޑީއެލްއެސް ތިޔަރީ) ހަދަން ޖެހެނީ ހަތަރު ކުޅުންތެރިން ނުބައިވެގެން 100 ލަނޑެވެ. އެކަމަކު، 14 އޯވަރު ނިމުނުއިރު މާލޭ ސްޕޯޓްސް ކުލަބް ވަނީ 115 ލަނޑު ހަދައި މެޗުން މޮޅުވެފަ އެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި ރިފްދީ ވަނީ 41 ލަނޑު ހަދައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް ރިފްދީ އެވެ.
މޯލްޑިވްސް ޓީ20 ކްރިކެޓް ލީގުގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތުގައި އަށް ޓީމެއް ވާދަކުރާނެ އެވެ.
މުބާރާތުގެ ފޯމެޓް ރޭވިފައިވާ ގޮތަށް ބަލާއިރު، ފުރަތަމަ ކުޅޭ ޕްރިމިއާ ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއް ފަހަރު ކުޅޭނެ އެވެ. އެ މެޗުތަކަށް ފަހު ރޭންކިން އެއް ވަނަ އަށް ދާ ޓީމަކީ ޕްރިމިއާ ލީގުގެ ޗެމްޕިއަނެވެ. ދެން އޮތް ފައިނަލް ބުރުގައި ކުޅޭނީ ރޭންކިން ގަދަ ހަތަރު ޓީމެވެ. ފައިނަލް ބުރު ދެ ސެމީ ސިސްޓަަމަށް ކުޅޭއިރު، އެއް ސެމީގައި ރޭންކިން އެއް ވަނަ ޓީމު ކުޅޭނީ ހަތަރަކާ އެވެ. އަނެއް ސެމީގައި ރޭންކިން ދޭކާއި ރޭންކިން ތިނެއް ވާދަކުރާނެ އެވެ. ދެ ސެމީން މޮޅުވާ ޓީމެއް ފައިނަލުގައި ބައްދަލުކޮށް އެ ތަނުން މޮޅުވާ ޓީމަކީ ޓީ20 ޗެމްޕިއަނެވެ.
މުބާރާތުގެ މެޗުތައް ރާވާފައިވަނީ ހަފްތާ ބަންދުގައި ހުކުރު އަދި ހޮނިހިރުގައި ކުޅޭ ގޮތަށެވެ. ދެން މުބާރާތުގެ މެޗެއް އޮންނާނީ އަންނަ މަހު ތިން ވަނަ ދުވަހު އެވެ. އެ ދުވަހު ދެ މެޗެއް ކުޅޭނެ އެވެ. އެ ގޮތުން ފުރަތަމަ މެޗްގައި ބައްދަލުކުރާނީ މާލެ ވެޓެރަންސް އާއި އޮއްފު އެފްސީ އެވެ. ދެ ވަނަ މެޗުގައި ވިޔަންސާ ކުޅޭނީ މިލާން ކްރިކެޓް އެކެޑަމީއާ އެވެ. މުބާރާތުގެ މެޗުތަކުގެ މައުލޫމާތާއި ސްކޯ "މައިކްރިކެޓް އެޕް" އިން ބަލާލެވޭނެ އެވެ.












