މި އަހަރުގެ ނިމުން، ފިލްމީ ދުނިޔެ އިން ފެންނަން އޮތީ ވަރަށް ޝައުގުވެރި ކޮށެވެ. އެހެންވީމަ ބޮޑު ޗުއްޓީގައި ބަލާނެ ފިލްމެއް ނެތިގެން ފޫހިވެގެން އުޅެން ޖެހޭ ވަރަށް ވުރެ މާ 'ހެޕަނިން' ހޮލިޑޭ އަކަށް މި ފެށޭ މަސް ވާނެ އެވެ. 'ސްޕައިޑާ މޭން ނޯ ވޭ ހޯމް' އާއި 'މެޓްރިކްސް' ފަދަ ފިލްމު ތަކަކީ ގިނަ ބަޔަކު ދިގު އިންތިޒާރެއް ކުރަމުން އައި ފިލްމުތަކެކެވެ. މި ދެ ފިލްމު ވެސް ނެރޭނީ ޑިސެމްބަރު ގަ އެވެ. މި ނޫނަސް މަޝްހޫރު ޕްރޮޑިއުސަރުންގެ ރީތި މަސައްކަތްތަކެއް ވެސް ލަފާކޮށްފައި އެބަހުއްޓެވެ.
މި ހިމަނާލަނީ ބޮޑު ޗުއްޓީގައި އެންމެ އިންތިޒާރުކުރަންވީ ފިލްމުތަކުގެ ތެރެއިން ބައެއް ފިލްމުތަކެވެ.
ސްޕައިޑަ މޭން: ނޯ ވޭ ހޯމް
މިހާރު މާވެލްގެ ސުޕަހީރޯ އިން އެކުގައި ކުރި މަސައްކަތުން ދުނިޔެ ސަލާމަތްކޮށްފި އެވެ. ދެން އޮތީ 'މަލްޓިވާސް' ސަލާމަތްކުރުމުގެ މަސައްކަތެވެ. ޓޮމް ހޮލެންޑް ލީޑުން ފެންނަ މި ބްލޮކްބަސްޓާ ސީރީޒްގެ ތިން ވަނަ ފިލްމުގައި ޓޮމް އަށް ނޭނގި ދުނިޔެ އާ އެއް ގޮތް އެހެން އެކި ދުނިޔެ (ޕެރެލެލް ޔުނިވާސް) ތަކަށް ދަތުރުކުރެވޭ ޕޯޓަލް އެއް ހުޅުވައެވެ. ޓޮމް އަށް ނޭނގި ހުޅުވާ މި ޕޯޓަލް އާ ހެދި ދިމާވާ އެންމެ ވަރުގަދަ މުސީބާތަކީ، "ސްޕައިޑާ މޭން ރީ-އިންކާނޭޝަން' އިން ފެންނަ 'ޑޮކްޓާ އޮކްޓޯޕަސް' އެވެ. އެކަމަކު މިއީ އަދި މި ފިލްމަށް ފޭނުން ކެތްތެރިކަމެއް ނެތި އިންތިޒާރުކުރާ އެންމެ ބޮޑު ސަބަބެއް ވެސް ނޫނެވެ. ސްޕައިޑާ މޭން ނޯވޭ ހޯމް އަކީ މާވެލް ގެ ފޭނެއް ނަމަ ލޮލުން ކަރުނަ ހިލުވައިލާހާ އަސަރުގަދަ ފިލްމެއް ކަމަށް މިހާތަނަށް ފެންނަން ހުރި ވާހަކަތަކާއި ޓީޒާ އިން ވެސް ވަނީ އެނގިފަ އެވެ. ލީޑު ތަރި އާއި އެނޫން ވެސް އެންމެ ލޯބި ކެރެކްޓާސްތަކަށް ވޭން ހުރި ދެރަ އެތައް ކަމަކާ ކުރިމަތިލާން ޖެހޭތަން މި ފިލްމުން ފެންނާނެ އެވެ.
ޑޯންޓް ލުކް އަޕް
އެޑަމް މެކްކޭއީ ޑައިރެކްޓުކޮށްފައިވާ މި ފިލްމުން ދައްކުވައިދޭނީ ދުނިޔެއާ ދިމާއަށް ގިނިހިލައެއް އަންނަމުންދާކަން ދެ މީހަކަށް އެނގުމުން ދުނިޔެއަށް އެކަން އެނގުމުގެ ގޮތުން އެމީހުން ކުރާ މަސައްކަތްތަކެވެ. މުޅި ދުނިޔެ ހަލާކު ކޮށްލާވަރުގެ ބޮޑު ނުރައްކަލެއް އަންނަމުންދާކަން އެނގުމުންވެސް ސަރުކާރުން އެކަން ފޮރުވުމަށް މަސައްކަތްކުރާގޮތާއި ބަތަލްއާއި ބަތަލާގެ ހިތްވަރު މި ފިލްމުން ދައްކުވައިދޭނެ އެވެ. ފިލްމުގައި ބަތަލްގެ ރޯލު ކުޅެފައިވާނީ ލިއޮނާޑޯ ޑީކެޕްރިއޯ އެވެ. އަދި ބަތަލާގެ ރޯލު ކުޅެފައިވަނީ ޖެނިފާ ލޯރެންސްއެވެ. އެރިއާނާ ގްރާންޑޭއާއި، ޓިމޮތީ ޗަލަމެޓް، ޖޮނާ ހިލް އަދި ރޮބް މޯގަން ފަދަ މަޝްހޫރު ފިލްމީ ތަރިންވެސް މި ފިލްމުން ފެނިގެންދާނެއެވެ. މި ފިލްމު ތިއޭޓަރުތަކަށް ނެރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. އަދި ނެޓްފްލިކްސްއަށް ފިލްމު ރިލީސްކުރުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 24 ވަނަ ދުވަހު އެވެ.
މެޓްރިކްސް ރިސަރެކްޝަންސް
މެޓްރިކްސް ރިވޮލިއުޝަންސް ނެރުނުތާ ގާތްގަނޑަކަށް 20 އަހަރަށްފަހު އަނެއްކާވެސް މި ސީރީޒްގެ އާ ބަޔެއް ޑިސެމްބަރު 22 ވަނަ ދުވަހު ނެރުމަށް ވަނީ ހަމަޖެހިފައެވެ. ފިލްމު ޑައިރެކްޓު ކޮށްފައިވަނީ ލާނާ ވަޗޮވްސްކީއެވެ. ކުރީގެ ސީރީސްގައި މަގުބޫލު ލޮރެންސް ފިޝްބޯން އާއި ހިއުގޯ ވީވިން ފިލްމަކުން ނުފެންނާނެއެވެ. ނަމަވެސް ފޭސްބުކްގެ ބާނީ، މާކް ޒަކަބާގްގެ އެހީތެރިކަމާއި އެކު ޑައިރެކްޓް ކުރެވިފައިވާ މި ފިލްމުގެ އިސްތިހާރުތަކުން ގިނަ ބަޔަކު ވަނީ މި ފިލްމު ބަލާލުމަށް ކެތްމަދުވެފަ އެވެ.


ވެސްޓްސައިޑް ސްޓޯރީ
ވެސްޓް ސައިޑް ސްޓޯރީ އަކީ 1961 ވަނަ އަހަރު ނެރުނު ފިލްމެކެވެ. މި ފިލްމު ސްޓީވެން ސްޕިލްސްބާގްގެ ބެލުމުގެ ދަށުން އަލުން ޑައިރެކްޓްކޮށް ނެރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 10 ވަނަ ދުވަހުއެވެ. ކުރީގެ ފިލްމަށްވުރެ މި ފިލްމު ރަނގަޅުވާނެ ކަމަށާއި ހީނުކުރާ ފަދަ ބަދަލުތަކެއް ފިލްމުގެ ޕްލޮޓުން ފެނިގެން ދާނެކަމަށް ސްޓީވެން ވަނީ ބުނެފައެވެ.
ފްލީ
ފްލީއަކީ ޑޮކިއުމެންޓްރީއެއްގެ ގޮތުގައި ނެރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. މި ފިލްމުން ދައްކުވައިދޭނީ އަފްގާނިސްތާނުގެ ރެފިއުޖީއެއް ކަމަށްވާ އަމީންގެ ހަޔާތެވެ. ޑިސެމްބަރު 3 ގައި ނެރުމަށް ހަމަޖެހިފައިވާ މި ފިލްމު ވެގެންދާނީ ޖަޒުބާތު އެކުލެވޭ ގިނަ ބަޔަކު ރޮއްވާލާނެ ފިލްމަކަށެވެ.

ދަ ލޮސްޓް ޑޯޓާގެ މަންޒަރެއް
ދަ ލޮސްޓް ޑޯޓާ
އޮސްކާ އެވޯޑަށް ނޮމިނޭޓްވެފައިވާ މަޝްހޫރު ފިލްމީ ތަރި، އޮލިވިއާ ކޮލްމެން ކުޅެފައިވާ މި ފިލްމުން ދައްކުވައިދެނީ ކިޔަވާ ކުއްޖަކު ޗުއްޓީ ހަދާލަން ގްރީކް އައިލެންޑަށް ގޮސް އުޅުމުގެ ތެރެއިން ދިމާވާ ކަންތައްތަކެވެ. އޭނާއަށް އޭނާގެ ހިތި މާޒީގެ ހަނދާންތައް އައުވެ ވާހަކަ އިތުރަށް ފުޅާވެގެންދެއެވެ. މި ފިލްމު ނެޓްފްލިކްސްއަށް ނެރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 31 ގައެވެ.
މި ނޫނަސް، ޖޮއެލް ކޮއެން ގެ ޓްރެޖެޑީ މެކްބެތް އާއި ނިކޮލް ކިޑްމަން ފެނިގެންދާ 'ބީންގް ދަ ރިކާޑޮސް' ފަދަ ފިލްމުތަކަކީ ވެސް ޑިސެމްބަރުގައި އިންތިޒާރުކުރަން ރީތި ފިލްމުތަކަކަށް ވާނެ އެވެ.







