މާލެ ސިޓީ ކައުންސިލްގެ ލޯގޯ، ދިދަ އަދި ޔުނިފޯމަށް ބަދަލު ގެނެސް ސިޓީ ކައުންސިލް ރީބްރޭންޑް ކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލް ރީބްރޭންޑްކޮށްފައި ވަނީ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުމާ ގުޅިގެން ރޭ ބޭއްވި ހާއްސަ ޖަލްސާއެއްގަ އެވެ. އެ ރަސްމިއްޔާތުގައި ސިޓީ ކައުންސިލްގެ މި ދައުރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ފޮތް ވެސް ވަނީ ނެރެފަ އެވެ.
އާ ލޯގޯއާ މާލެ ސިޓީއާ އޮތް ގުޅުން
މާލެ ސިޓީ އެކުލެވިގެން ވަނީ ހަ އަވަށެއްގެ މައްޗަށެވެ. އެއީ ހެންވޭރު ގަލޮޅު މާފަންނު އަދި މައްޗަށް ގޯޅީގެ އިތުރުން ވިލިމާލެ އާއި ހުޅުލެ ހިއްކައިގެން ހަދާފައިވާ ހުޅުމާލެ އެވެ.
އާ ލޯގޯގައި މާލެ ސިޓީގައި ހިމެނޭ ހަ އަވަށް ދައްކުވައިދެ އެވެ. އެގޮތުން ލޯގޯގެ މެދުން މާލޭގެ ހަތަރު އަވަށް ކަމަށްވާ ހެންވޭރު، މާފަންނު، ގަލޮޅު އަދި މައްޗަންގޮޅި ރަމްޒުކޮށްދެ އެވެ. އަދި ދެ ފަރާތުން ރަމްޒުކޮށްދެނީ ވިލިމާލެ އާއި ހުޅުމާލެ އެވެ.

މާލެ ސިޓީ ކައުންސިލްގެ އާ ލޯގޯ-- ފޮޓޯ: ސިޓީ ކައުންސިލް

ސިޓީ ކައުންސިލުން ބުނީ އާ ލޯގޯގެ މެދުގައި ބޭނުންކޮށްފައި ވަނީ މާލޭގަ ހަތަރު އަވަށުގެ ކުލަތައް ކަމަށާއި ލޯގޯގެ ދެ ފަރާތުގައި ވިލިމާލެ އަދި ހުޅުމާލެ ރަމްޒު ކޮށްދޭ ކުލަތައް ކަމަށެވެ.
މާލެ ސިޓީ ކައުންސިލަކީ ހަ އަވަށުގެ ބެލެނިވެރި އިދާރާ ކަމުގައި ވާއިރު ސިޓީ ކައުންސިލްގެ ތަސައްވަރަކީ ކައުންސިލްގެ ހުރިހާ މައްސައެއްގައި ވެސް މާލޭގެ ހުރިހާ އަވަށެއް ތަމްސީލުވެގެން ދިއުން ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
ލޯގޯއާ ރަމްޒުކޮށްދެނީ ސިޓީގެ އެއްބައިވަންތަކަން
މީގެ ކުރިން ހުކުރު މިސްކިތުގެ މުންނާރުގެ ފަރުމާއަށް ބޭނުން ކޮށްފައިވާ ނަމަވެސް އާ ލޯގޯ ފަރުމާކޮށްފައި ވަނީ ދިވެހި ވެރިކަމުގެ ނިޝާން އަސްލެއް ކަމުގައި ބަލައިގެން ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
އެގޮތުން ކައުންސިލްގެ ތަސައްވުރަކީ ކައުންސިލްގެ ހުރިހާ ޕްލެޓްފޯމެއްގައި މާލެ ސިޓީގެ ހަ އަވަށް ރަމްޒުކޮށްދޭނެ ނިޝާނެއް ބޭނުން ކުރުމެވެ.
"އާ ލޯގޯގައިވާ ރޮނގުގެ އެމުނުންތަކުން ރަމްޒުކޮށްދެނީ މުޅި ސިޓީގެ އެއްބައިވަންތަކަން،" ކައުންސިލުން ބުނެ އެވެ.













