ނެޝަނަލް ޖިއޮގްރާފިކްގެ ކަވާ ފޮޓޯއަކުން ޖާގަ ހޯދާ މަޝްހޫރުވި، އަފްޣާނިސްތާނުގެ ރެފިއުޖީއެއް ކަމަށްވާ ޝާރްބަޓް ގުލާއަށް އިޓަލީ ސަރުކާރުން ހިމާޔަތް ދީފި އެވެ.
މިކަން ހާމަކޮށް އިޓަލީ ސަރުކާރުން ނެރުނު ބަޔާނުގައި ގުލާ އިޓަލީގެ ރޯމަށް ގެންދިޔަކަން ވަނީ ޔަގީންކޮށްދީފަ އެވެ. ނަމަވެސް, އޭގެ އިތުރަށް އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް އެ ގައުމުން ނުދެ އެވެ.
އިޓަލީއަށް ބަދަލުވުމުގެ ފުރުސަތު އެ ގައުމުގެ ސަރުކާރުން ޝާރްބަޓްއަށް ދީފައިވަނީ އޭނާ އެކަމަށް އެދުމުންނެވެ. ތާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު ގޮސްފައިވާ އިރު، ތާލިބާނުންގެ ކިބައިން ސަލާމަތްވުމަށް އެދޭ އަފްޣާން ރެފިއުޖީންނަށް ބޯހިޔާވެހިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް އިޓަލީން އަންނަނީ ކުރަމުންނެވެ.
ޝާރްބަޓް ގުލާއަކީ އަފްޣާން ރެފިއުޖީންގެ ތެރެއިން އެންމެ ގިނަ ބަޔެއްގެ މެދުގައި މަގްބޫލުވި ރެފިއުޖީ އެވެ. އޭނާއަށް މި މަގުބޫލުކަން ލިބިފައިވަނީ އެމެރިކާގެ ފޮޓޮގްރާފާއެއް ކަމުގައިވާ ސްޓީވް މެކްކަރީގެ ސަބަބުންނެވެ. ސްޓީވް އާއި ގުލާ އެންމެ ފުރަތަމަ ދިމާވީ 1980 ވަނަ އަހަރު ޕާކިސްތާނުގެ ރެފިއުޖީ ކޭމްޕަކުންނެވެ. ގުލާގެ ރީތި ފެހި ކުލައިގެ ލޮލުގެ ފޮޓޯއެއް ސްޓީވް ނަގައި، އެ ފޮޓޯ ވަނީ ނެޝަނަލް ޖިއޮގްރަފިކްގެ ކަވާ ފޮޓޯއެއްގެ ގޮތުގައި ޝާއިރު ކޮށްފަ އެވެ. އެ ހިސާބުން ގިނަ ބަޔަކަށް ގުލާގެ ވާހަކަ އަޑު އިވި އޭނާގެ ނަން މަޝްހޫރުވީ އެވެ.
ގުލާ ޕާކިސްތާނުގައި ރެފިއުޖީއެއްގެ ގޮތުގައި ދިރިއުޅެނިކޮށް 2016 ވަނަ އަހަރު ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް އަލުން އަފްޣާނިސްތާންއަށް ޑީޕޯޓްކޮށްލާފަ އެވެ.

ތާލިބާނުން އަފްޣާނިސްތާން ހިފުމާ ގުޅިގެން އެ ގައަމު ދޫކޮށް ދާން ބޭނުންވާ ރައްޔިތުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އިޓަލީން ކުރަމުންދާއިރު މިހާތަނަށް 5000 ރެފިއުޖީން އިޓަލީގެ ރޯމްގައި ދިރިއުޅެމުންދާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެ އެވެ.
އިޓަލީން ވަނީ އަފްޣާނިސްތާނުގެ ފުރަތަމަ އަންހެން ޗީފް ޕްރޮސެކިއުޓާ މާރިޔާ ބަޝީރް، ފިލައިގެން އަފްޣާނިސްތާނުން ރޯމަށް އައުމާއެކު އިޓަލީގެ ރައްޔިތުކަން ދީފަ އެވެ. އިޓަލީ ފާހަގަކޮށްލެވެނީ ރެފިއުޖީންގެ ކަންކަން ހަމަޖެއްސުމުގައި އެންމެ ބޮޑަށް ހަރަކާތްތެރިވާ ފަސް ގައުމުގެ ތެރެއިން އެއް ގައުމުގެ ގޮތުގަ އެވެ.







