މަސްތުގެ ހާލަތުގައި ހައްޔަރު ކުރާ މީހުންނަށް މުއްދަތު ޖެހުމުގެ އިހްތިސޯސްއާ ގުޅޭ ގޮތުން އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް ގާނޫނީ ހައްލެއް ހޯދުމަށް ވިސްނަމުން އަންނަ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.
ކުރިމިނަލް ލޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައިވަނީ މަސްތުގެ ހާލަތުގައި ހައްޔަރު ކުރާ މީހުންނަށް މުއްދަތު ޖެހުމުގެ އިހްތިސޯސް އެ ކޯޓަށް ލިބިފައި ނުވާ ކަމަށެވެ.
އެފަދަ މީހުން ބަންދު ޖެހުމަށް ޑްރަގު ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވެސް ބުނެފައިވަނީ އެކަން ކުރަން އެ ކޯޓަށް ގާނޫނުން މަތިކޮށްފައި ނެތް ކަމަށެވެ.
ޑްރަގް ކޯޓުން ބުނީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާތުގެ ގަވާއިދަށް ސުޕްރީމް ކޯޓުން ގެނެސްފައިވާ އިސްލާހުގައި، މަސްތުވާތަކެތީގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމުގެ އިހްތިސޯސް އެ ކޯޓަށް ލިބިގެންވާކަން ސާފުކޮށް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި އެކަން ކުރުމުގެ ކެޕޭސިޓީއެއް ވެސް އެ ކޯޓުގައި ނެތް ކަމަށެވެ.
މިދިޔަ އޮގަަސްޓް މަހު ކުރިމިނަލް ކޯޓުން ނިންމި އެ ނިންމުމާ ގުޅިގެން މަސްތުގެ ހާލަތުގައި ހުއްޓާ ހައްޔަރުކުރެވޭ މީހުންނަށް ބަންދުގެ މުއްދަތު ޖަހަން ދާން ޖެހޭނެ ކޯޓެއް ސާފު ނުވާކަމަށް ބުނެ ފުލުހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެހެންވެ, މަސްތުވާތަކެތީގެ ގާނޫނު އިސްލާކޮށް، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ބަންދުގެ މުއްދަތު އިތުރުކުރާނެ ކޯޓެއް ވެސް ގަވާއިދުގައި ސާފުކޮށް އެނގޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ކަމާ ބެހޭ އިދާރާތަކުގައި ފުލުހުން ވެސް އެދިފައި ވެއެވެ.
މިކަމާ ގުޅިގެން ޕީޖީ އޮފީހުގެ ތަރުޖަމާން އަދި ޕަބްލިކް ޕްރޮސެކިއުޓާ، އަހްމަދު ޝަފީއު ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ. އަދި އެ ނިންމުން މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރުމުގެ ވިސްނުން ނެތް ކަމަށެވެ.
ޝަފީއު ވިދާޅުވި ގޮތުގައި ޕީޖީ ހުސައިން ޝަމީމްގެ ވިސްނުން ހުރީ މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމަށެވެ. އެކަމަށް އެޓާނީ ޖެނެރަލް އޮފީހުގައި އެދެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.













