ހޭލާއިރު މާ ފަސޭހައިން މޫޑު ގޯސްވާހެން ހީވާނަމަ އަވަހަށް ހެނދުނުގެ އަވީގައި ކުޑަ ވަގުތުކޮޅެއް ހޭދަ ކޮށްލާށެވެ. އެއީ ރަނގަޅު ފަރުވާއެކެވެ.
ނަފްސާނީ އިލްމުވެރިން ބުނާ ގޮތުގައި ހެނދުނު ހެނދުނާ ތެދުވެ އަވީގައި ހޭދަކުރުމުން މޫޑަށް އެނގުންވާވަރުގެ ހެޔޮ ބަދަލެއް ގެނެސްދެ އެވެ. މި ފަރުވާ، ނަފްސާނީ ދުޅަހެޔޮކަމާ ގުޅެ އެވެ.
އިރުގެ އަވިން އަދި އޮއްސޭއިރާއެކު ފެތުރިގަންނަ އަނދިރިކަމުން ސިކުނޑިން ހޯމޯންސްތަކެއް ރިލީޒްކުރެ އެވެ. އަވިޖެހުމުން ރިލީޒްކުރާ ހޯމޯނަކީ ސެރޮޓޮނިން އެވެ. މި ހޯމޯންގެ ސަބަބުން މޫޑު ރަނގަޅުކޮށް ދީ, މީހާ އަށް ހަމަޖެހުން ގެނުވައި އަދި ސަމާލުކަން އިތުރުކޮށްދެ އެވެ. އަނިދިރީގައި ސިކުނޑިން ރިލީޒްކުރާ ހޯމޯނަށް ކިޔަނީ މެލަޓޮނިން އެވެ. މި ހޯމޯން އިން އެހީވެދޭނީ ނިދުމަށެވެ.
ހަށިގަނޑަށް ބޭނުންވާ ވަރަށް އިރުގެ އަވި ނުލިބޭނަމަ ސެރޮޓޮނިންގެ މިންވަރު ދަށްވެ, ޑިޕްރެޝަން އަށް މީހާ ހުށަހެޅުމުގެ ބިރު އޮވެ އެވެ. ހަމައެޔާއެކު މޫސުން ބަދަލުވުމުން ދިމާވާ ނަފްސާނީ ހާލަތު ނުވަތަ ސީޒަނަލް އެފެކްޓިވް ޑިސްއޯޑާ (އެސްއޭޑީ)އަށް މީހާ ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނަ ކަމަށް ސައިންސްވެރިން ބުނެ އެވެ. އަވީގައި ޖެހުމުން މާބަނޑު ދުވަސްވަރު ދިމާވާ ހާއްސްވުމާއި ކަންބޮޑުވުން ތަކުން ވެސް ދުރުކޮށް ދޭން އެހީއަކަށްވެ އެވެ.
އަވިން ލިބޭ އެންމެ ބޮޑު ފައިދާ އަކީ އެއްވެސް އަގަކާ ނުލާ ހަށިގަނޑަށް ލިއްބައިދޭ ވިޓަމިން ޑީ އެވެ. ސައިންސްވެރިން 2008 ވަނަ އަހަރު ހެދި ދިރާސާއަކުން އެނގޭ ގޮތުގައި އިރުގެ އަލީގައި ހިމެނޭ އަލްޓްރާ ވައިލެޓް-ބީ ރޭޑިއޭޝަން ހަންގަނޑުގައި ޖެހުމުން ވިޓަމިން ޑީ އުފެދެ އެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް އަދި ރައްކާތެރިގޮތުގައި އަވީގައި ޖެހުމަށްޓަކައި އެންމެ ރަނގަޅީ ގާތްގަނޑަކަށް 5-15 މިނިޓާ ދެމެދުގެ ވަގުތުކޮޅެކެވެ. ހަފްތާގެ ތިން ދުވަހު މިގޮތަށް އަވީގައި ޖެހުމުން ހަށިގަނޑަށް ފުދޭ މިންވަރަށް ވިޓަމިން ޑީ ލިބޭނެ އެވެ.

ވިޓަމިން ޑީއަކީ ކަށިތައް ވަރުގަދަ ކޮށްދިނުމުގައިވެސް މުހިންމު ދައުރެއް އަދާކޮށްދޭ މާއްދާ އެކެވެ. އެ މާއްދާ އެދެވޭ މިންވަރަށް ލިބޭނަމަ ހަށިގަނޑުގައި ކެލްސިއަމް ދައުރުވުމަށް އެހީވެދީ، ކަށި ވަރުގަދަ ކޮށްދީ އަދި ނޭވާލުމުގެ ނިޒާމަށް ވެސް އެތައް ފައިދާއެއް ލިއްބައިދެ އެވެ. އެހެންކަމުން މާ ފަސޭހައިން ދުވަހުގެ މޫޑު ގޯސްވާހެން ހީވާނަމަ ހެނދުނު ހެނދުނާ ތެދުވެ އަރާއިރުގެ އަވީގައި ކުޑަ ވަގުތުކޮޅެއް ހޭދަ ކޮށްލާށެވެ.









