ފެމިލިީ ކޯޓަށް ދެ ގާޒީއަކު ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އައްޔަންކުރަން ނިންމައިފި އެވެ.
ޖޭއެސްސީއިން ބުނީ އެ ކޯޓަށް ދެ ގާޒީން ހޯދުމަށް ކުރި އިއުލާނާ ގުޅިގެން އެ އެމަގާމަށް ކުރިމަތިލި ފަރާތްތަކާއި އިންޓަވިއު ކުރުމަށްފަހު، އެންމެ ގާބިލް ކަމަށް ފެނުނު ޒައީމާ ނަޝީދު އަބޫބަކުރު އަދި މައީޝާ ޔޫސުފް ސަމީރު އެވެ. އަދި އެ ދެ ބޭފުޅުން އެ މަގާމަށް އައްޔަން ކުރަން ފަނޑިޔާރުން އައްޔަންކުރާ ކޮމިޓީން އެ ކޮމިޝަނަށް ލަފާ އެރުވާފައިވާ ކަމަށްވެ އެވެ.
ޖޭއެސްސީން ބުނި ގޮތުގައި، ޒައީމާ އާއި، މައީޝާ ފެމިލީ ކޯޓުގެ ގާޒީންގެ ގޮތުގައި އައްޔަން ކުރުމަށް ނިންމާފައި އަންނަ އާދީއްތަ ދުވަހު އެވެ. އެ ދުވަހު އެ ދެ ބޭފުޅުންނަށް ވެސް ގާޒީންގެ ހުވާލާދީ، ފަތްކޮޅު އަރުވާނެ އެވެ.
ޒައީމާ ވަނީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއާތާއި ގާނޫނުން ބެޗްލާ ޑިގްރީ ހާސިލްކުރައްވާ، ވިލާ ކޮލެޖްއިން މާސްޓަ އޮފް ޝަރީއާ ހާސިލްކުރައްވާފަ އެވެ. މީގެއިތުރުން ޖުވެނައިލް ކޯޓުގެ ރެޖިސްޓްރާރުގެ މަގާމުގައި ނުވަ އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފަ އެވެ.
މައިޝާ ވަނީ ޔުނިވާސިޓީ އޮފް ލަންޑަންއިން ބެޗެލާސް އޮފް ލޯސް ހާސިލްކުރައްވާފަ އެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޕްރޮސިކުޓަރެއްގެ މަގާމުގައި ތިން އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމުގެ އިތުރުން އެޓޯލްސް ސެކްޝަންގެ ޔުނިޓް ހެޑް އަދި ފެމިލީ އެންޑް ޗައިލްޑްސް ޔުނިޓުގެ ޔުނިޓު ހެޑްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެ އެވެ.













