މާލޭގެ އުތުރު ފަރާތުގައި، އިބްރާހިމް ނާސިރުގެ ދައުރުގައި ބިނާކޮށްފައިވާ އަތޮޅު ފިހާރަ ބަރިން، ހުވަދު އަތޮޅު އުތުރުބުރި އަށް ލިބިފައިވާ ފިހާރަ އާއި އެ ބިން ހޯދައި އެތަން ކައުންސިލުގެ ނަމަށް ރަޖިސްޓްރީކުރުމަށް ސިޔާސީ ގޮތުންނާއި ގާނޫނީ ގޮތުން މަސައްކަތް ކުރުމަށް ނިންމައި ގއ. އަތޮޅު ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.
އެ ފިހާރަ ބަރި އަކީ އަތޮޅުތަކަށް ހޭދަކުރާނެ ފައިސާ ހޯދުމަށް 1960 ގެ އަހަރުތަކުގައި އިމާރާތްކުރި ތަނެކެވެ. ނަމަވެސް ފަހުން މައުމޫން އަބްދުލްގައްޔޫމުގެ ދައުރުގައި އަތޮޅުތަކަށް ވަކި ބަޖެޓެއް ދޭން ފެށުމާ އެކު އެ ފިހާރަތައް ކުއްޔަށް ދޫ ކުރީ އެވެ. އެއާ އެކު އެ ފިހާރަތަކުގެ މިލްކުވެރިކަން ސަރުކާރުގެ ދަށަށް ގެނެސްފައިވާއިރު، އެތަންތަނުން ލިބޭ އާމްދަނީގެ ހިއްސާއެއް ކައުންސިލުތަކަށް ގަވައިދުން ދީފައެއް ނުވެ އެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެނައި ބޮޑެތި ބަދަލުތަކާ އެކު އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީގެ 50 ޕަސަންޓް ކައުންސިލުތަކަށް ޖަމާކޮށްދޭން މިހާރު ވަނީ އަލުން ފަށައިފަ އެވެ.
ވަރަށް ބޮޑަށް ބާވެފައިވާ އެ ފިހާރަ ބަރީގައި މިހާރު ހިންގަނީ ހޯލްސޭލް މުދާ ފިހާރަތަކެވެ.
ގއ. އަތޮޅު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އަތޮޅު ފިހާރައިން އަތޮޅުގެ ރައްޔިތުންނަށް މިހާރު ލިބެމުންދާ އާމްދަނީ އިތުރުކޮށް މަންފާ ހޯދައި އަތޮޅުގެ ރައްޔިތުންގެ ތަރައްގީއަށް ބޭނުންވާ ފައިސާ ދެމެހެއްޓެނިވި އަދި މަންފާ ކުރުވަނިވި ގޮތެއްގައި ހޯދުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ނުހަނު ބޭނުންތެރި ކަމެއް ކަމުގައި ދެކޭ ކަމަށެވެ.
އަދި އެ ފިހާރަ އާއި ފިހާރަ ހުރި ބިން އިހުގައި ވެސް ހުރި ގޮތުގެ މަތިން އަތޮޅުގެ ރައްޔިތުންގެ ބެލުމުގެ ދަށަށް ހޯދައި ސަރުކަރުން ކަނޑައަޅާފައިވާ މާލޭގެ ތަރައްގީގެ ޕްލޭނާ އެއްގޮތަށް ބިނާކޮށް ބޭނުންކުރަން ޖެހިފައިވާ ކަމަށް ވެސް ދެކޭ ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އެ ފިހާރައިގެ އިމާރާތްތައް ކުރެވުނު ގޮތް، ބޭނުންކުރަމުން އައި ގޮތާއި، އެތަންތަނުން އަތޮޅަށް ލިބެމުންދިޔަ އަދި މިހާރު ވެސް ލިބެމުންދާ އާމްދަނީގެ މައްޗަށާއި ކަންހިނގާފައިވާ ގޮތުގެ މައްޗަށް ބަލައި ރިއާޔަތްކޮށް، އަތޮޅު ފިހާރަ އަލުން ބިނާކޮށް އަތޮޅު ފިހާރައިން ލިބޭ އާމްދަނީ އާއި އަތޮޅުގެ ރައްޔިތުންނަށް އަތޮޅު ފިހާރައިން ލިބޭ މަންފާ އާއި ފަސޭހަތައް އިތުރުކުރުމަށް މަސައްކަތްކުރުމަކީ ކައުންސިލުގެ މައްޗަށް ލާޒިމުކަމެއް ކަމަށް ދެކޭ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

އެހެންވެ އަތޮޅު ފިހާރަ އާއި އަތޮޅު ފިހާރައިގެ ބިން ހޯދުމުގެ މަސައްކަތް ވަގުތުން ފެށުމަށާއި އަތޮޅު ފިހާރައިގެ ބިމާއި ފިހާރައިގެ ބިން އަތޮޅު ކައުންސިލުގެ ނަމަށް ރަޖިސްޓްރީކުރުމުގައި ސިޔާސީ ގޮތުންނާއި ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތް ކުރުމަށާއި އެ މަސައްކަތަށް ކުރަން ޖެހޭ އެންމެހައި މުއާމަލާތްތަކާއި ހަރަދުތައް އަތޮޅު ކައުންސިލުގެ ބަޖެޓުން ކުރުމަށް ނިންމައި ރައްޔިތުންނަށް އަންގައި ދިނުމަށް ގަރާރު ފާސްކުރީ ކަމަށް ބުނެފައިވެ އެވެ.
އަތޮޅު ފިހާރަތައް އެ އަތޮޅެއްގެ ކައުންސިލާ ހަވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މިދިޔަ އޮގަސްޓް މަހު ރައްޔިތުންގެ މަޖިލީހުގައި ވަނީ ގޮވާލައްވައިފި އެވެ. އެ ފިހާރަތަކަށް އަހަރަކު ގާތްގަނޑަކަށް 20 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭކަން ފާހަގަކުރައްވަމުން، ސަލީމް ވިދާޅުވީ އެތަންތަން އެކީގައި ކައުންސިލުތަކަށް ދޫކޮށްލައިފި ނަމަ، ކައުންސިލުތަކަށް ފައިސާ ނުލިބުމުގެ މައްސަލައަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދާ އެއްގޮތަށް ކައުންސިލުތަކަށް މާލީ ގޮތުން ބޮޑެތި ބާރު ތަކެއް ދީފައިވާއިރު، އޭގެ ތެރޭގައި ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ހާއްސަ ކުރުމުގެ އިތުރުން، ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސެންޓު ކައުންސިލުތަކުން ދޫކޮށްލުން ހިމެނެ އެވެ.
އަދި މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައިވާ ބިމުގެ ކުލީގެ އިތުރުން، ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ އެއްކޮށް ކައުންސިލްތަކަށް މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އޭގެ އިތުރުން ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގުވެސް ކައުންސިލްތަކަށް މިހާރު ގާނޫނުގެ ތެރެއިން އޮތީ ފަހިކޮށްދީފަ އެވެ. މީގެ އިތުރުން ރަށު ލެވެލްގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ޖުމްލަ އަގު ފަސް މިލިއަނަށް ވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫއުތައް ވެސް ކައުންސިލްތަކަށް ހިންގޭ ގޮތް މިހާރު ވަނީ ހަދައިދީފަ އެވެ.











