2019 ވަނަ އަހަރު ށ. ނޫމަރާ ފަރަށް އެރި ބާޖު ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށް އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
އެ ބާޖަކީ ނޫމަރާގެ ބަނދަރު ހެދުމަށް ގެނައި އުޅަނދެކެވެ. "މެރިން ޕަވާ-2317" ނަމަކަށް ކިޔާ އެ ބާޖު އަރާފައި ވަނީ ނޫމަރާގެ ނެރުމައްޗާ ދިމާލު ފަރަކަށެވެ. އެ އުޅަނދު އުރިފައި ވަނީ އެ ސަރަހައްދަށް ކައިރިކުރަން އުޅުމުގެ ތެރޭގަ އެވެ.
އެ ސަރަހައްދަކީ އާންމު ގޮތެއްގައިވެސް ކަނޑުގެ އޮއި އާދަޔާ ހިލާފަށް ގަދަ ހިސާބެކެވެ.
އީޕީގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް "އަދަދު" އަށް ވިދާޅުވީ ފަރަށް އެރި ބާޖުގެ ބައިތައް އެ ރަށުގެ ނެރުމައްޗަށް އަޑިޔަށް ގޮސްފައިވާތީ އެ ސަރަހައްދުގައި ވަޅުލެވިފައިވާ ބާޖުގެ ބައިތައް ނަގާ އެތަން މިހާރު ސާފުކޮށްފައިވާ ކަމަށެވެ.
"އެ އުޅަނދުގެ ވެރިފަރާތުން ވަނީ ދިވެހި ބަޔަކާ ހަވާލުކޮށްގެން ސާފުކޮށްފައި. ސާފުކުރުމުން އީޕީއޭން ވަނީ އެ ސަރަހައްދު ބަލާ މޮނިޓާކޮށް ބާޖުގެ އިތުރު ބައިތަކެއް ހުރިތޯ މި މަހު 16 ގައި ބަލާފައި،" ނައީމް ވިދާޅުވި އެވެ.

ނައީމް ވިދާޅުވީ ބާޖު ފަރަށް އެރުމުން ލިބު ގެއްލުމަށް ޖޫރިމަނާ ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ފައިސާ މި ހަފްތާތެރޭ އުޅަނދުގެ ލޯކަލް އެޖެންޓަށާއި ބާޖުގެ ވެރިފަރާތައް އަންގަން ހަމަޖެހިފައިވާ ކަމަށް ނައީމް ވިދާޅުވި އެވެ.
އެ ބާޖު ނޫމަރާ ނެރުމައްޗާ ދިމާލުން ފަރަށް އެރުމުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އެގޮތުން ނެރުމަތި ތިލަވެ އޮޑިދޯނިފަހަރު ވަނުމަށް ދަތިވާ ކަމުގެ ޝަކުވާ ރަށުގެ ރައްޔިތުން ކުރެ އެވެ.
އެކަމާ ގުޅިގެން ނޫމަރާ ކައުންސިލްގެ ރައީސް އަލީ ރަބީއު ވިދާޅުވީ ޖޫރިމަނާ ކުރަން ނިންމާފައިވާ ނަމަވެސް އެ ރަށުގެ ނެރުމަތި ފުން ކޮށް އެކަމަށް ދާއިމީ ހައްލެއް ލިބޭނެ ދުވަހެއް ނޭނގޭތީ އެކަމާ ރައްޔިތުން ވެސް ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
"ޖޫރިމަނާ ކުރިޔަސް އެ ފައިސާ ލިބޭނީ އީޕީއޭއަށް، މީރާއަށް. އަޅުގަނޑުމެން ސަރުކާރުގައި ވެސް އެދޭނަން އަވަސް ހައްލެއް ހޯދައިދެެއްވުމަށް. ޕްލޭނިން މިނިސްޓްރީން ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ނުހިމެނުނަސް 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނޭތޯ މަސައްކަތް ކުރާނެ ކަމަށް،" ރަބީއު ވިދާޅުވި އެވެ.












