ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފި އެވެ.
މިއަދުގެ ވަގުތެއްގައި އިންޑިއާގެ ކޮޗިން އަށް ވަޑައިގަތް މިނިސްޓަރަށް އެ ގައުމުން މަރުހަބާ ދެންނެވީ އެ ގައުމުގެ އަސްކަރިއްޔާގެ ރިއާ އެޑްމިރަލް ޓީވީއެން ޕްރަސާނާ އެވެ.
މި ދަތުރުފުޅުގައި އިންޑިއާގެ ކަންނޫރުގައި އެގައުމުގެ ނޭވަލް އެކަޑެމީއިން ބާއްވާ ޕާސިން އައުޓް ޕެރޭޑް މިނިސްޓަރު މާރިޔާ ބައްލަވާލައްވަން ވެސް ހަމަޖެހިފައިވާކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އަދި އިންޑިއާގައި ތަމްރީނު ހަދަމުންދާ ދިވެހި ސިފައިންނާ ބައްދަލުކުރައްވައި އެގައުމުގެ އެކި ޓްރެއިނިން ފެސިލިޓީތަކަށް ވެސް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށް ހައިކޮމިޝަނުން ބުނެ އެވެ. މާރިޔާ އިންޑިއާއަށް ވަޑައިގެން އުޅުއްވާއިރު، އެ ދަތުރުފުޅާ ގުޅޭގޮތުން ރާއްޖޭގެ ސަރުކާރަކުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ.
މާރިޔާ އިންޑިއާއަށް މި ވަޑައިގަތީ އިންޑިއާއިން ރާއްޖެއަށް އަލަށް އައްޔަނުކުރި ސަފީރު މުނޫ މަހާވަރުއާ މީގެ ދެ ދުވަސް ކުރިން ބައްދަލުކުރެއްވުމަށް ފަހު އެވެ.

މިނިސްޓަރު މާރިޔާ އިންޑިއާގައި މިވަގުތު ހުންނެވިއިރު، އިންޑިއާ، ރާއްޖެ އަދި ސްރީ ލަންކާ ހިމެނޭހެން "އެކްސަސައިޒް ދޯސްތީ" ގެ ނަމުގައި ތިން ގައުމުގެ ދެމެދުގައި ދަނީ ކަނޑުމަތީގެ އަސްކަރީ ތަމްރީނުތަކެއް ކުރިޔަށް ގެންދަމުންނެވެ.













