އެންމެ ގިނަ ޖިނާއީ މައްސަލަތައް ހުށަހެޅޭ އެއް އަތޮޅަކީ ރ. އަތޮޅުކަމަށްވާތީ، އެ އަތޮޅު ދުވާފަރުގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ގޮތްޕެއް ހުޅުވައިިފި އެވެ.
މި އޮފީސް ހުޅުވައިދެއްވީ މިއަދު އޮތް ރަސްމިއްޔާތެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް އާއި ރ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަބްދުﷲ ރަޝީދު އެވެ.
މިއީ މާލޭގެ މައި އޮފީސް ފިޔަވައި އަތޮޅު ތެރޭގައި ގާއިމް ކުރި ޕީޖީ އޮފީހުގެ 10 ވަނަ ގޮތްޕެވެ.
މި ރަސްމިއްޔާތުގައި ޝަމީމް ވިދާޅުވީ ގާނޫނު ތަންފީޒު ކުރާ މީހުންގެ މަސައްކަތަކީ ހަމައެކަނި ކުށް ކުރާ މީހުންނަށް އަދަބު ދިނުން ނޫން ކަމަށާއި ކުށްކުރާ މީހުން ހަމަ މަގަށް އެޅުވުމަށް މަސައްކަތްކުރުމަކީ ވެސް ޒިންމާއެއް ކަމަށެވެ.
އަދި އެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށްޓަކައި ހުރި ހުރަސްތައް ނައްތާލުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށާއި، ކުދި ކުށް ތަކުގައި ދައުވާލިބޭ މީހާއާއެކު ވެވޭ އެއްބަސްވުންތަކުގެ ދަށުން އަދަބު ލުއިކުރުމަށާއި، އެފަދަ މީހުން މުޖުތަމައުއަށް އަނބުރާ ނެރެވޭނޭ ގޮތް ފަހިކުރުމަށް ޖިނާއީ އިޖުރާތުގެ ގާނޫނަށް އިސްލާހުތަކެއް މިހާރު ހުށަހެޅިފައިވާކަން ވެސް ޕީޖީ ފާހަގަކުރެއްވި އެވެ.

"އެއީ އަލަށް ކުށްކުރާ ކުދިން ސީދާ ޖަލަށް ނުލާ އެހެން ގޮތްގޮތުން އިސްލާހްވާން ފުރުސަތު ހޯދައިދިނުން. އެފުރުސަތުގައި އިސްލާހް ނުވެއްޖެނަމަ ޖަލު ހުކުމް ކުރެވޭނެ. ހާއްސަކޮށް ކުދިކުދި ކުށްތައް ކުރާ ފަރާތްތަކަށް ބެލޭނެ،" ޝަމީމް ވިދާޅުވިއެވެ.
ޕީޖީ ގަބޫލުކުރައްވާ ގޮތުގައި އެފަދަ މީހުން ޖޫރިމަނާ ކުރުމާއި، ޓްރެއިނިން ޕްރޮގްރާމްތަކުގައި ބައިވެރިކުރުވުން ފަދަ ކަންކަން ކޮށްގެން ކުށްކުރާ މީހުން ރަނގަޅު ބައެއް ގޮތުގައި މުޖުތަމައުއަށް ނެރުމަށް މަސައްކަތްތަކެއް ކުރެވިދާނެ އެވެ.












