އަސްހަދު އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީ އަށް ހާޒިރުކޮށް މައްސަލަ ބަލަން ފަށައިފި

އަސްހަދު އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީ އަށް ހާޒިރުކޮށް މައްސަލަ ބަލަން ފަށައިފި

ސްރީ ލަންކާގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި ސީޝެލްސްއާ ރާއްޖެ އެއްވަރުވި މެޗުގައި ރާއްޖޭގެ މިޑްފީލްޑަރު އަދި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ސީޝެލްސްގެ ކުޅުންތެރިޔަކަށް ބޯޅަ ނެތީސް ހަމަލާ ދިން މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ބަލަން ފަށައިފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އަސްހަދު ވަނީ ރޭ ޑިސިޕްލިނަރީ ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ. މީގެ ކުރިން އެފްއޭއެމުން ވަނީ އަސްހަދުގެ މައްސަލަ ބަލަން ނިންމާނީ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ކަމަށް ނިންމައިފަ އެވެ.

Advertisement

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އިތުރު ވަގުތުގައި ދެއްކި ހަތަރު މިނިޓްގެ ތެެރެއިން ފުރަތަމަ މިނިޓްގައި އަސްހަދު ކުޅެން އެރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ފަހަތުން ދުވެފައި ގޮސް ސީޝެލްސްގެ ކެޕްޓަން ބެނޮއިޓް މޭރީ މޫނުމަތީގައި ވަރަށް ބާރަށް އުޅަބޮށިން ޖެހި އެވެ. އެއާ އެކު އޭނާ އަށް ރެފްރީ ވަގުތުން ރަތްކާޑެއް ދެއްކި އެވެ.

އެ މެޗަށް ފަހު ގައުމީ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ގާތުގައި އަސްހަދު ކުޅެން އެ ވަގުތު އެރުވުމާއި އޭނާ އަށް ދެއްކި ރަތް ކާޑާ ބެހޭގޮތުން "އަދަދު" އިން ސުވާލުކުރުމުން ބުނީ އަސްހަދުގެ ފަރާތުން ފެނުނު ކަންތައްތައް މެޗު ނިމޭތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކިޔައިދޭން އުނދަގޫވާނެ ކަމަށެެވެ. އެ ހިނގާދިޔަ ކަންތައްތަކުގެ މައުލޫމާތު އެނގޭނީ އަސްހަދާ ވާހަކަ ދެެއްކުމުން ކަމަށް މޮރިއޭރޯ އެ ވަގުތު ބުންޏެވެ.

ޕެނަލްޓީ ޖަހައިގެން ލަންކާ ބަލިކޮށް ސީޝެލްސް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދި މެޗަށް ފަހު އެ ޓީމުގެ ކޯޗު ނެވިލް ވިވިއަން ބޯތު ގާތުގައި ސީޝެލްސް ކެޕްޓަން ބެނޮއިޓަށް އަސްހަދު އެ ގޮތަށް ހަމަލާ ދިނީ ސަބަބެއް އޮވެގެންތޯ "އަދަދު" އިން ސުވާލުކުރުމުން ބޯތު ބުނީ އޭނާ އަށް އެނގޭ ގޮތުގައި ބެނޮއިޓް ގަސްދުގައި އަސްހަދު ރުޅިއަރުވަން ކަމެއް ނުކުރާ ކަމަށެވެ.

"އަހަންނަށް އެނގިފައެއް ނެތް. އަހަރެމެންގެ ކެޕްޓަން (ބެނޮއިޓް) ތި ބުނި ކުޅުންތެރިޔާ (އަސްހަދު) ރުޅި އަރުވަން ކަމެއް ކުރި ކަމެއް. އަނެއްކާ ހަމަލާދިނީ ވެސް އަތުން،" ބޯތު ބުންޏެވެ.

އަސްހަދު އެ ފައުލު ނުކުރިނަމަ އެއީ ރާއްޖެ އަށް މެޗުގެ ފަހު ވަގުތުގައި އެޓޭކެއް ކުރަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެކެވެ. އެކަމަކު، ރެފްރީ ކައިރީގައި ހުއްޓައި ފުޓްބޯޅައިގެ ހުރިހާ ހަމަތަކާއި އުސޫލުތަކާ ހިލާފު ގޮތަކަށް އަސްހަދު ކުރި އެ އަމަލުގެ ސަބަބުން ރެފްރީ ވަގުތުން މެޗު ހުއްޓާލައި އަސްހަދަށް ރަތް ކާޑު ދެއްކީ އެވެ.

އަސްހަދަށް އަދަބެއް ދޭން ޖެހޭ

އުމުރުން 34 އަހަރުގެ އަސްހަދު ނިމިދިޔަ ސާފް ޗެމްޕިއަންޝިޕް ސްކޮޑަށް ނެގުމުން ވެސް ގިނަ ބަޔެއް ފާޑުކިޔާފައިވެ އެވެ. އެއީ މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އަސްހަދު މަދު މެޗެއް ކުޅެފައި ގައުމީ ސްކޮޑުން ޖާގަ ހޯދުމުންނެވެ. އަސްހަދަށް ގައުމީ ޓީމުން ފުރުސަތު ދިނީ އޭނާ ކުޅެމުން އައި ކްލަބް އީގަލްސްގެ ކޯޗިން ޓީމުގެ ވެސް ލަފާގެ މަތިން ކަމަަށް އޭރު ގައުމީ ޓީމުން ބުނެފައިވެ އެވެ.

ރާޖަޕަކްސަ ކަޕްގައި މި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން އަސްހަދަށް އަދަބު ދޭން ޖެހޭ ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެއީ މުސްތަގުބަލުގައި އެހެން ކުޅުންތެރިއަކު މި ފަދަ ކަމެއް ތަކުރާރުކޮށްފިނަމަ މިސާލެއްގެ ގޮތުންނެވެ.

މިދިޔަ އަހަރުތަކުގައި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ފިޔަވަޅު އަޅާފައި އެބަހުއްޓެވެ. އެ ގޮތުން ގައުމީ ސްކޮޑުން ޖާގަ ދީފައި ވަނިކޮށް ޓީމާ އެކު ނުދިއުމުން އަލީ ފާސިރު (ސެންޓޭ) އާްއި އަހުމަދު ރިޒްވާން (ރިޒޭ) ވަނީ 50،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފަ އެވެ. އެ ފައިސާ ދެއްކީ އޭރު އެ ދެ ކުޅުންތެރިން ކުޅެމުން ދިޔަ ކްލަބް އީގަލްސް އިންނެވެ. އަދި ގައުމީ ޓީމުން 2017 ވަނަ އަހަރު ވަކިވި ގޮތުން އަލުން ޓީމުން ފުރުސަތު ހޯދަން އިސްމާއިލް އީސާ (މެސީ) ވެސް ވަނީ މައާފަށް އެދިފަ އެވެ. އަސްހަދުގެ ފަރާތުން މި ފެނުނު އަމަލަކީ ތަޖުރިބާކާރު ކުޅުންތެރިއެއްގެ ފަރާތުން ފެންނަން ޖެހޭ ވަރަށް ވުރެ ދަށު ދަރަޖައިގެ އަމަލެކެވެ.

އަސްހަދު، ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމަށް ކުޅެން ފެށި 2018 ވަނަ އަހަރުގެ މާޗު 27 ވަނަ ދުވަހު ގައުމީ ޓީމުން ރިޓަޔާކޮށްގެން ހުރުމަށް ފަހު އެވެ. އޭޝިއަން ކަޕް ކޮލިފައިންގައި އެރޭ ބޫޓާނާ ދެކޮޅަށް ކުޅެން އޮއްވާ ކުއްލި ގޮތަކަށް އޭނާ ރިޓަޔާކުރީ ކެޕްޓަން ބޭންޑް ނުދިނުމުންނެވެ. ޕްރެސް ކޮންފަރެންސަށް ހާޒިރުނުވާތީ ކަމަށް ބުނެ އަލީ އަޝްފާގް (ދަގަނޑޭ) ސަސްޕެންޑްކުރުމުން އަސްހަދު ހީކުރީ ބޭންޑް ލިބޭނީ އޭނާ އަށް ކަމަށެވެ.

އެކަމަކު، ކެޕްޓަންކަން ދިނީ އަކުރަމް އަބްދުލް ގަނީ (އަކޫ) އަށެވެ. ސެގާޓް ބުނީ އަސްހަދަށް ބޭންޑް ނުދިނީ އެ އަހަރު ރިޓަޔާކުރަން އޭނާ ނިންމާފައިވާތީ ކަމަށެވެ.

އަސްހަދަކީ މީގެ ކުރިން ވެސް އަހުލާގީ މައްސަލަތައް ގިނަ ކުޅުންތެރިއެކެވެ. އެގޮތުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން މެލޭޝިއާ އަށް ގައުމީ ޓީމު ފުރަން ގޮސް ތިއްބާ ކިޓް މެނޭޖަރު ހަސަން ނިޒާރު މުހައްމަދު (ލައްޓި ބޮޑޭ) ގެ ޕާސްޕޯޓް ފޮރުވި މައްސަލައިގައި އޭނާ، ރާއްޖެ ތަށި ނެގި އެ މުބާރާތުގައި ވާދަކުރި ގައުމީ ޓީމުން ސަސްޕެންޑްކުރި އެވެ.

އޭގެ ފަހުން ސިޔާސީ ހަރަކާތްތަކެއްގެ ތެރެއިން ފުލުހުން އޭނާ ދެ ފަހަރެއްގެ މަތިން ހައްޔަރުކުރި އެވެ. އެއާ އެކު ކްލަބް ލެވެލްގެ ބައެއް މެޗުތައް ގެއްލުނެވެ. އޭގެ ތެރޭގައި ކުރީގެ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފްގެ ފޮޓޯއެއް ނެގި މައްސަލައިގައި 2016 ގައި އަސްހަދު ހައްޔަރުކުރި އެެވެ. އެ ފަހަރު އޭނާ ބަންދުކޮށްފައި ހުރުމުން އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު މެޗުތަކެއްގައި ނުކުޅެވުނެވެ.

ވިކްޓްރީ، ވީބީ، ބީޖީ، މާޒިޔާ އަދި ނިއު ރޭޑިއަންޓުގެ ކުރީގެ ކުޅުންތެރިޔާ އަކީ ކުރިން ފޯވާޑެކެވެ. އެކަމަކު ފަހުން މިޑްފީލްޑަރަކަށް ބަދަލުވީ އެވެ. އޭނާ އަކީ މަސައްކަތުގެ ރޭޓު ވަރަށް މަތީ ކުޅުންތެރިއެކެވެ.

އަސްހަދަކީ ރާއްޖޭން 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގެ ތިން ވަނަ ހޯދިއިރު ކާމިޔާބީގައި ބޮޑު ހިއްސާއެއްވި ކުޅުންތެރިއެކެވެ. ރާއްޖޭން ތިން ވަނަ ހޮވި މެޗުގައި ޕެނަލްޓީން އަފްގާނިސްތާން ބަލިކުރިއިރު އަސްހަދު އުކުޅެއް ބޭނުންކޮށް ވެއްޓިގެން ވައްދާލި ޕެނަލްޓީގެ ވީޑިއޯ މުޅި ދުނިޔޭގައި ވެސް މަޝްހޫރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox