މިލާން (ނޮވެމްބަރު 22) - އިޓާލިއަން ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން 3-2 އިން އެއް ވަނައިގައި އޮތް ނަޕޯލީ ބަލިކޮށް ޕޮއިންޓުގެ ފަރަގުކުޑަކޮށްފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ނަަޕޯލީ އާއި ދެ ވަނައިގައި އޮތް އޭސީ މިލާން މި ހަފްތާގެ މެޗުތަކުން ބަލިވުމުގެ ފައިދާ އިންޓަ އިން ވަނީ ނަގައިފަ އެވެ. އެއް ވަނައިގައި އޮތް ނަޕޯލީ އާއި ދެ ވަނައިގައި އޮތް މިލާނަށް ވަނީ 13 މެޗުން 32 ޕޮއިންޓް ލިބިފަ އެވެ. ތިނެއްގައި އިންޓަ އޮތީ 13 މެޗުން 28 ޕޮއިންޓާ އެކު އެވެ.
ސެން ސީރޯގައި ރޭ ކުޅުނު މެޗު ފަށައިގެން 17 ވަނަ މިނިޓްގައި އޭރިއާބޭރުން ޖެހި ޝޮޓަކުން ޕިއޯޓްރޭ ޒިއެލީންސްކީ ވަނީ ނަޕޯލީ އަށް ލީޑުނަގައިދީފަ އެވެ. އިންޓަ އިން އެއްވަރުކުރީ މެޗުގެ 25 ވަނަ މިނިޓްގައި ހަކަން ޗަނޮނޮގްލޫ ޖެހި ޕެނަލްޓީންނެވެ. މިއީ އިންޓަގެ ނިކޯލޯ ބަރޭލާ ޖެހި ޝޮޓެއް ނަޕޯލީގެ ޑިފެންޑަރު ކަލީދޫ ކުލިބާލީ އަތުގައި ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ދިން ޕެނަލްޓީ އެކެވެ.
އިންޓަ ކޮޅަށް ނަތީޖާ އަނބުރާލި ގޯލު ޖެހީ އިވާން ޕެރިސިޗް އެވެ. މެޗުގެ 44 ވަނަ މިނިޓްގައި ޗަނޮނޮގްލޫ ނެގި ކޯނަރެއްގައި ޕެރިސިޗް ބޮލުން ފޮނުވާލި ބޯޅަ ނަޕޯލީ ކީޕަރު ޑޭވިޑް އޮސްޕީނާ މަތަކުރި ނަމަވެސް އެ ބޯޅަ އޭރު އޮތީ ގޯލު ރޮނގު ހުރަސްކޮށްފަ އެވެ. އެހެންވެ، ގޯލް ލައިން ޓެކްނޮލޮޖީން ކަށަވަރުކޮށް ގޯލު ބަލައިގަންނަން ނިންމީ އެވެ.
މެޗުގެ 61 ވަނަ މިނިޓްގައި އިންޓަގެ ލަޓާރޯ މާޓީނޭޒް ވަނީ އޭރިއާތެރެއިން ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައި އިންޓަގެ ލީޑުފުޅާކޮށްދީފަ އެވެ. މެޗުގެ 79 ވަނަ މިނިޓްގައި އޭރިއާބޭރުން ނަޕޯލީގެ ޑްރީސް މާޓެންސް ޖެހި މޮޅު ގޯލަކުން އެ ޓީމަށް އުއްމީދެއް ލިބުނެވެ. ނަތީޖާ ހަމަހަމަކުރަން މާޓެންސަށް ލިބުނު ދެ ފުރުސަތުގެ ބޭނުމެއް ވެސް ނުހިފުނެވެ.
ހޯސޭ މޮރީނިއޯގެ ރޯމާ ވަނީ ރޭ ރަށުން ބޭރުގައި 2-0 އިން ޖެނޯއާ ބަލިކޮށްފަ އެވެ. ރޯމާގެ ދެ ގޯލު ވެސް ޖެހީ ގާނާ އަށް އުފަން އުމުރުން 18 އަހަރުގެ ފެލިކް އަފޭނާ ގިޔާން އެވެ. މިއީ ޖެނޯއާގެ ކޯޗުކަމާ އަންދްރޭ ޝެވްޗެންކޯ ހަވާލުވި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. މި މޮޅާ އެކު ރޯމާ އޮތީ 13 މެޗުން 22 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.












