ރާއްޖޭގެ ކްލަބްތަކަށް ހުޅުވާލައިގެން ޓީ20 ކްރިކެޓް ލީގެއް މި މަހު 27 ވަނަ ދުވަހު ފަށަން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ނިންމައިފި އެވެ.
މޯލްޑިވްސް ޓީ20 ކްރިކެޓް ލީގުގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތުގައި އަށް ޓީމެއް ވާދަކުރާނެ އެވެ. އިއްޔެ ހަވީރު ސީބީއެމްގެ "ޖަލީލް މާލަމް"ގައި ބޭއްވި ގުރުއަތުލުމުގެ ރަސްމިއްޔާތުގައި ސީބީއެމްގެ ނައިބް ރައީސް އަހުމަދު ހުސެއިން (ކުޑަދޮނާ) އާއި އެސޯސިއޭޝަންގެ އެހެނިހެން އިސްވެރިން ބައިވެރިވެވަަޑައިގެންނެވި އެވެ.
ޓީ20 ލީގުގައި ބައިވެރިވީ އަށް ޓީމެވެ. އެއީ މާލޭ ސްޕޯޓްސް ކްލަބް، މިލާން ކްރިކެޓް ކްލަބް، އޮއްފު އެފްސީ، ކޯމެޓްސް ކްރިކެޓް ކްލަބް، އައިޒީ ސްޕޯޓްސް، ނިއު ސްޓާ، ކްލަބް ވިޔަންސާ އަދި މާލެ ވެޓެރަންސް ކްލަބް އެވެ.

މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް ކްރިކެޓް ބޯޑުން ފޯމެޓް އޮޅުން ފިލުވައިދެނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
މުބާރާތުގެ ފޯމެޓް ރޭވިފައިވާ ގޮތަށް ބަލާއިރު، ފުރަތަމަ ކުޅޭ ޕްރިމިއާ ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއް ފަހަރު ކުޅޭނެ އެވެ. އެ މެޗުތަކަށް ފަހު ރޭންކިން އެއް ވަނަ އަށް ދާ ޓީމަކީ ޕްރިމިއާ ލީގުގެ ޗެމްޕިއަނެވެ. ދެން އޮތް ފައިނަލް ބުރުގައި ކުޅޭނީ ރޭންކިން ގަދަ ހަތަރު ޓީމެވެ.
ފައިނަލް ބުރު ދެ ސެމީ ސިސްޓަަމަށް ކުޅޭއިރު، އެއް ސެމީގައި ރޭންކިން އެއް ވަނަ ޓީމު ކުޅޭނީ ހަތަރަކާ އެވެ. އަނެއް ސެމީގައި ރޭންކިން ދޭކާއި ރޭންކިން ތިނެއް ވާދަކުރާނެ އެވެ. ދެ ސެމީން މޮޅުވާ ޓީމެއް ފައިނަލުގައި ބައްދަލުކޮށް އެ ތަނުން މޮޅުވާ ޓީމަކީ ޓީ20 ޗެމްޕިއަނެވެ.
ދެ ވަނަ ބުރުގައި ޕްރިމިއާ ލީގުގެ ރޭންކިން ފަހަކުން އަށަކާ ދެމެދުގެ ޓީމުތައް ވެސް ތިން މެޗެއް ކުޅޭނެ އެވެ. އެއީ އޭސީސީ ޕޮއިންޓް އިތުރު ކުރުމުގެ ވިސްނުމުގައި ހިމަނާފައިވާ މެޗުތަކެކެވެ.
ކްރިކެޓް ބޯޑުން ވަނީ ޓީ20 މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކަށް ވެސް މާލީ އެހީތެރިކަމެއްގެ ގޮތުގައި 3000 ރުފިޔާ ދޭން ނިންމައިފަ އެވެ.
އަންނަ ހޮނިހިރު ދުވަހު ޓީ20 ކްރިކެޓް މުބާރާތުގެ ފުރަތަމަ މެޗުގައި ހެދުނު އައިޒީ ނުކުންނާނީ ނިއުސްޓާއާ ދެކޮޅަށެެވެ. ދެ ވަނަ މެޗުގައި މާލެ ސްޕޯޓްސް ކުޅޭނީ ކޯމެޓާ އެވެ. މުބާރާތުގެ މެޗުތައް ރާވާފައިވަނީ ހަފްތާ ބަންދުގައި ހުކުރު އަދި ހޮނިހިރުގައި ކުޅޭ ގޮތަށެވެ.












