ރޯމް (21 ނޮވެމްބަރު) - ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީގެ ދެ ލަނޑާ އެކު، އިޓާލިއަން ސެރިއާގައި ރޭ ލާޒިއޯ އަތުން 2-0 އިން ޔުވެންޓަސް މޮޅުވެއްޖެ އެވެ.
ލާޒިއޯގެ ދަނޑުގައި ކުޅުނު މެޗުގައި ބޮނޫޗީ ދެ ލަނޑު ވެސް ޖެހީ ދެ ހާފުގައި ޔުވެންޓަސް އަށް ލިބުނު ދެ ޕެނަލްޓީންނެވެ. މި ދެ ޕެނަލްޓީ ވެސް ބޮނުޗީ ޖެހީ ދާދި އެއް ގޮތަކަށެވެ.
މި މެޗުން މޮޅުވެ، ޔުވެންޓަސް ވަނީ ހަ ވަނައިގައި އޮތް ލާޒިއޯއާ ޕޮއިންޓްގެ ގޮތުން އެއްވަރުވެފަ އެވެ. ހަތަރު ވަނައިގައި އޮތް އެޓަލާންޓާ އާއި ޔުވެންޓަސްއާ ދެމެދު މިހާރު އޮތީ ހަތަރު ޕޮއިންޓްގެ ތަފާތެކެވެ.
ލީގުގައި ރޭ އޭސީ މިލާން އަތުން 4-3 އިން ފިއޮރެންޓީނާ މޮޅުވުމުން، ލީގުގައި ބަލިނުވެ މިލާނުން ދަމަހައްޓަމުން ދިޔަ ރެކޯޑް ވަނީ ނިިމިފަ އެވެ.
މި މެޗުގައި ފިއޮރެންޓީނާ އިން 3-0 ގެ ލީޑެއް ނެގީ އަލްފްރެޑް ޑަންކަން އާއި ރިކާޑޯ ސަޕޮނާރާ އަދި ސާބިއާގެ ފޯވަޑް ޑުސާން ވްލަހޯވިޗް ޖެހި ލަނޑުތަކުންނެވެ.
ދެވަނަ ހާފުގެ ފަސް މިނިޓުގެ ތެރޭގައި މިލާންގެ ތަޖުރިބާކާރު ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް ޖެހި ދެ ލަނޑާއެކު، މިލާން ފަރަގު ކުޑަކުރި އެވެ. އެކަމަކު މެޗުގެ 85 ވަނަ މިނިޓުގައި ވްލަހޯވިޗް ޖެހި ލަނޑާއި އިތުރު ވަގުތުގައި މިލާންގެ ލޮރެންޒޯ ވެނޫޓީ އަތުން ބައިކޮޅަށް ވަތް ލަނޑާއެކު ފިއޮރެންޓީނާ އަށް ވަނީ މޮޅު ލިބިފަ އެވެ.
މި މެޗުގައި ޖެހި ދެ ލަނޑާ އެކު، އިޓާލިއަން ލީގުގައި 2021 ވަނަ އަހަރު ވްލަހޯވިޗް ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 21 އަށް އަރައިފަ އެވެ. މިއީ 1960 ވަނަ އަހަރުގެ ފަހުން އެއް އަހަރުގެ ތެރޭގައި ފިއޮރެންޓީނާގެ ކުޅުންތެރިއަކު ލީގުގައި ކާމިޔާބުކުރި އެންމެ ގިނަ ލަނޑެވެ.
މި މެޗުގައި އިބްރަހިމޮވިޗް ،40، ޖެހި ދެ ލަނޑާއެކު، އޭނާ އަކީ އިޓާލިއަން ލީގު މެޗެއްގައި ދެ ލަނޑު ޖެހި އެންމެ އުމުރުން ދޮށީ ކުޅުންތެރިޔާ އެވެ.
މިލާން އޮތީ ލީގު ތާވަލްގެ ދެވަނައިގަ އެވެ. ފިއޮރެންޓީނާ އޮތީ ހަތް ވަނައިގަ އެވެ. -- ބީބީސީ












