ރާއްޖެ އަންނަ ބޭރު ބޯޓުފަހަރަށް ފޯރުކޮށްދޭ މެރިން އަދި ޕައިލެޓޭޖު ހުރިހާ ހިދުމަތްތައް އޮޓޮމޭޓްކޮށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ "ބަނދަރު ޕޯޓަލް"އިން އޮންލައިންކޮށް ހިދުމަތްދޭން މިއަދު ފަށައިފި އެވެ.
މި ގެނައި ބަދަލުތަކާއެކު މެރިން އަދި ޕައިލެޓޭޖުގެ ހިދުމަތްތަކަށް ރިކުއެސްޓްކުރުމާއި، އީޓީއޭ ހުށަހެޅުމުގެ އިތުރުން ފައިސާ ބަލައިގަތުމުގެ ހިދުމަތް ލިބޭނީ "ބަނދަރު ޕޯޓަލް" ގައި މި ހިދުމަތްތަކަށް ހާއްސަކޮށްފައިވާ "މެރީން މޮޑިއުލް" މެދުވެރިކޮށެވެ.
މިއަދުން ފެށިގެން މި ހިދުމަތްތަކަށް އެދެވޭނީ ހަމައެކަނި އޮންލައިންކޮށެވެ. މި ބަދަލަށް ދުރާލާ ޝިޕިން އެޖެންޓުން އަހުލުވެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް، ހުސްވި ހަފުތާގެ ތެރޭގައި ބޭއްވި ކަމަށް އެމްޕީއެލް އިން ބުންޏެވެ.
އެމްޕީއެލް އިން ބުނި ގޮތުގައި މެރިން އަދި ޕައިލެޓޭޖްގެ ހިދުމަތްތައް އޮޓަމޭޓްކުރުމާއެކު، އެ ކުންފުނީގެ ކަސްޓަމަރުންނަށް ހިދުމަތް ހޯދުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެން ދާނެ އެވެ.

ޝިޕިން އެޖެންޓުންނާ އެކީ އެމްޕީއެލްއިން ބޭއްވި މައުލޫމާތު ދިނުމުގެ ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: އެމްޕީއެލް
ވިޔަފާރި ބަނދަރުތަކުން އެމްޕީއެލް އިން އާންމުންނަށާއި ޝިޕިން އެޖެންޓުންނަށާއި ބަނދަރުގެ ހިދުމަތްތައް ބޭނުންކުރާ ވިޔަފާރިތަކަށް ޒަމާނީ ފެންވަރުގެ ހިދުމަތްތަކެއް ދިނުމަށް އެ ކުންފުނިން ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި ފެށި މަސައްކަތެކެވެ.
އެގޮތުން އެމްޕީއެލްގެ މައިގަނޑު ހުރިހާ ހިދުމަތްތަކަށް ރިކުއެސްޓް ކުރުމާއި، ލިޔެކިޔުން ހުށަހެޅުމުގެ އިތުރުން ފައިސާ ދެއްކުން އޮންލައިންކޮށް ކުރެވޭނެ ނިޒާމެއް އެ ކުންފުނިން ގާއިމްކޮށްފި އެވެ.
އޭގެ އިތުރުން މިހާރު ފޯރުކޮށްދޭ އޮންލައިން ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށާއި ކުންފުނީގެ އެތެރޭގެ ހިންގުން ހަރުދަނާ ކުރުމުގެ ބޭނުމުގައި ކްލައުޑް ބޭސްޑް އެންޓަޕްރައިޒް ރިސޯސް ޕްލޭނިން ސޮފްޓްވެއާއަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ފަށައިފި އެވެ.










