މިހާރު ކުރިއަށްދާ 30 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގެ ދެ ވަނަ ދުވަހު ކުޅަދާނަ ދެ ދުވުންތެރިން ކަމަށްވާ ހުސެއިން ރިޒާ (ކުޑަރިޒާ) އާއި މުހައްމަދު ރަޝީދު (މޯޑު) އަދި ފީލްޑް އެތުލީޓް ހަސަން ޝައްމޫން މުހިއްމު ކާމިޔާބީތަކެއް ހޯދައިފި އެވެ.
ގައުމީ މުބާރާތުގެ މޮޅު އެތުލީޓުގެ މަގާމު މީގެ ކުރިން ހޯދާފައިވާ ދިވެހި ސިފައިންގެ ކްލަބްގެ ޝައްމޫން މި ފަހަރުގެ ގައުމީ މުބާރާތް ފެށީ ވެސް ރަނގަޅު ފޯމެއްގަ އެވެ. ފުރަތަމަ ދުވަހު ބޭއްވި ޝޮޓްޕުޓް އުކުމާއި ޖެވެއިލިން އުކުމުގެ އިވެންޓުން ޝައްމޫން ވަނީ ރަން މެޑަލް ހޯދައިފަ އެވެ.
ޝައްމޫނަކީ ގައުމީ މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ހޯދި ފުރަތަމަ ފީލްޑް އެތުލީޓެވެ. އޭނާ އެ މަގާމު ހޯދިއިރު، ވަނީ ތިން ރަން މެޑަލް ހޯދައިފަ އެވެ. އެއީ 2016 ވަނަ އަަހަރު އެވެ. ޝައްމޫން އެ ފަހަރުގެ ރެކޯޑާ ހަމަކުރީ އިއްޔެ ފިރިހެނުންގެ ޑިސްކަސް އިވެންޓުން ރަން މެޑަލް ހޯދައިގެންނެވެ.

2016 ވަނަ އަހަރުގެ މުބާރާތުގެ މޮޅު އެތުލީޓުގެ މަގާމު ހޯދި ޝައްމޫން އިންޓަވިއު ދެނީ.-- ފޮޓޯ: މިހާރު
އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި ގައުމީ އެތުލެޓިކްސް މުބާރާތުގެ 1500 މީޓަރު ދުވުމުގެ ރޭހުގައި ކުޑަރިޒާ އަށް ކުރެވުނީ ބޭނުންވި ތަޖުރިބާއެއް ނޫނެވެ. ކުޑަރިޒާ މޮޅުވާނެ ކަމަށް ރޭސް ނިމުމުގެ ކުރިން އުފާފާޅުކުރަނިކޮށް ފަހު ވަގުތު ހުސެއިން ފަޒީލް ހާރުން (ފްލޭޝް) ރޭސް ކާމިޔާބުކުރީ އެވެ. އެ ފަހަރު ރަން މެޑަލް ނުހޯދެވުމުގެ މާޔޫސްކަން ކުޑަރިޒާގެ މޫނުމަތިން ވަރަށް ބޮޑަށް ފެނުނެވެ. އެކަަމަކު، އޭގެ ދެ އަހަރު ފަހުން ކުޑަރިޒާ ވަނީ އިއްޔެ 800 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި މި ފަހަރުގެ ގައުމީ މުބާރާތުގައި ކާމިޔާބެއް ހޯދައިފަ އެވެ.
ދިވެހި ސިފައިންގެ ކްލަބްގެ ފަރާތުން ދުވާ ކުޑަރިޒާގެ ޓައިމިން އަކީ 1 މިނިޓް 59.83 ސިކުންތެވެ. ދެ ވަނަ އަށް ދިޔައީ ސާއިދު ސްޕޯޓްސްގެ އަހުމަދު ވިސާމް އެވެ. އޭނާގެ ޓައިމިން އަކީ 2 މިނިޓް 02.46 ސިކުންތެެވެ. ތިން ވަނަ ހޯދި ދިވެހި ސިފައިންގެ ކްލަބްގެ އަބްދުލް ރަޝީދު އިސްމާއިލް ރޭސް ނިންމީ 2 މިނިޓް 03.77 އިންނެވެ.

އިއްޔެގެ އިވެންޓަށް ފަހު ކުޑަރިޒާ (ވ) އޭނާގެ އަންހެނުން އަދި ބެޑްމިންޓަން ތަރި މައިސާއާ އެކު ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ފުރަތަމަ ދުވަހު 10،000 މީޓަރުގެ ރޭސް ކާމިޔާބުކުރި މޯޑު ވަނީ އޭނާގެ ކާމިޔާބީ އަށް އިތުރު ބޮޅެއް ފުރިހަމަކޮށްފަ އެވެ. އިއްޔެ ބޭއްވި 5000 މީޓަރުގެ ދުވުމުގައި ވެސް ފެނުނީ މޯޑު އާއި ފަޒީލް ވާދަވެރިކަމެެކެވެ. މޯޑް އެއް ވަނަ ހޯދީ 16 މިނިޓް 46.36 ސިކުންތުން ނިންމައިގެންނެވެ. ފަޒީލްގެ ޓައިމިން އަކީ 16 މިނިޓް 57.90 ސިކުންތެވެ. ތިން ވަނަ ހޯދި މެރަތަން ރަނާސް މޯލްޑިވްސްގެ މުހައްމަދު އިރުފާން ވަނީ 17 މިނިޓް 06.47 ސިކުންތުން ރޭސް ނިންމައިފަ އެވެ.
ސާއިދާއި ހިމްނާ އަށް އިތުރު ރަން މެޑަލެއް
އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދެވެ، އަދި އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދީ ތަފާތު ރޫހެއް ދުވުމުގައި ދައްކަމުން އަންނަ އައިޝަތު ހިމްނާ ހަސަން އެވެ.
ސާއިދު ފުރަތަމަ ދުވަސް ފުރިހަމަ ކުރީ ދެ ރަން މެޑަލާ އެކު އެވެ. އެ ދެ ރަން މެޑަލް ހޯދީ 100 މީޓަރު ދުވުމާއި 4 ގުނަ 400 ރިލޭ އިވެންޓުންނެވެ. އިއްޔެ ސާއިދު ވަނީ 200 މީޓަރު ރޭސް ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ 21.88 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ އިބާދުﷲ އާދަމްގެ ޓައިމިން އަކީ 22.45 ސިކުންތެވެ. ތިން ވަނަ އަށް ދިޔަ ނުޖޫމް ހަސަން ރޭސް ނިންމީ 23.02 ސިކުންތުންނެވެ.
މި ފަހަރުގެ މުބާރާތުގެ ފުރަތަމަ ދުވަހު 100 މީޓަރު ދުވުން ކާމިޔާބުކުރި ހިމްނާ އިއްޔެ ވަނީ 200 މީޓަރުގެ ރޭސް ކާމިޔާބުކޮށްފަ އެވެ. އޭނާ ރޭސް ނިންމި ޓައިމިން އަކީ 26.13 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔަ ކުޑަ ހުސެން ސްޕޯޓްސް އެސޯސިއޭޝަންގެ މަރިޔަމް ރޫޔާ އަލީގެ ޓައިމިން އަކީ 26.86 ސިކުންތެވެ. ތިން ވަނަ ހޯދި ކުޑަ ހުސެން ސްޕޯޓްސް އެސޯސިއޭޝަންގެ އަހްނާ ނިޒާރު ރޭސް ނިންމީ 27.35 ސިކުންތުންނެވެ.

މި ފަހަރުގެ އިވެންޓެއްގެ ތެރެއިން ޖާއިޝާ ދުވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ޖާއިޝާގެ ކާމިޔާބީތަކަށް ހުއްޓުމެއް ނެތް
ގައުމީ އެތުލެޓިކްސް މުބާރާތުގައި އެންމެ ފަހުން އަހަރުތަކުގައި ވިދަމުން އަންނަ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން ތަމްސީލްކުރާ އައިމިނަތު ޖާއިޝާ ޖުނީޒް ވަނީ މި ފަހަރުގެ މުބާރާތުގައި ވެސް އޭނާގެ ތަފާތު ދައްކައިފަ އެވެ. އިއްޔެ، ބޭއްވި 800 މީޓަރު ދުވުމާއި 5000 މީޓަރު ދުވުމުން ޖާއިޝާ ވަނީ ރަން މެޑަލް ހޯދައިފަ އެވެ.
ޖާއިޝާ 800 މީޓަރުގެ ދުވުމުގެ މެޑަލް ދިފާއުކުރީ ދެ މިނިޓް 30.95 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ ސާއިދު ސްޕޯޓްސްގެ އައިޝަތު ސަމްހާ ޝަރީފްގެ ޓައިމިން އަކީ ދެ މިނިޓް 43.66 ސިކުންތެވެ. ތިން ވަނަ ހޯދި އައިޝަތު ރާނިޔާ ރޭސް ނިންމީ ދެ މިނިޓް 46.53 ސިކުންތުންނެވެ.
ފަސްހާސް މީޓަރުގެ ދުވުމުގައި ޖާއިޝާ ވަނީ ކުޑަހުސެން ސްޕޯޓްސް އެސޯސިއޭޝަނުގެ މަރިޔަމް އަބްދުލްކަރީމް (މަރީ) ފަހަތަށް ޖައްސާލައިފަ އެވެ. ޖާއިޝާ ރޭސް ނިންމީ 21 މިނިޓް 22.61 ސިކުންތުންނެވެ. މަރީގެ ޓައިމިން އަކީ 21 މިނިޓް 30.71 ސިކުންތެވެ. އަދި ތިން ވަނަ އަށް ދިޔަ މެރަތަން ރަނާސް މޯލްޑިވްސްގެ އައިޝަތު ރާނިޔާ ރޭސް ނިންމީ 22 މިނިޓް 05.36 ސިކުންތުންނެވެ.
ތިން ދުވަހުގެ މުއްދަތަށް މި ފަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތް ކުރިއަށްދާއިރު، މިއަދު އޮންނާނީ ފައިނަލް އިވެންޓްތަކެވެ.












