މާލެ އަތޮޅުން ހޮވާލެވޭ އެންމެ ހިދުމަތްތެރި ޒުވާން ކެޔޮޅުގެ އެވޯޑަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހާ ހަމަޔަށް ފިޝަރީޒް މިނިސްޓްރީން އިތުރުކޮށްފި އެވެ.
އެ އެވޯޑަކީ ކ. ގާފަރުގައި މި އަހަރު ފާހަގަކުރާ މަސްވެރިކަމުގެ ދުވަހު، މިހާރު ވެސް މަސްވެރިކަމުގައި އަމަލީ ގޮތުން އުޅޭ އަދި މަސްވެރިކަން ނޫން އެހެން މަސައްކަތެއް އާމްދަނީ ހޯދަން ނުކުރާ މާލެ އަތޮޅުން ހޮވާލެވޭ އުމުރުން 35 އަހަރުން ދަށުގެ ކެޔޮޅަކަށް ދޭ ހާއްސަ އެވޯޑެކެވެ.
އެވޯޑަށް ހުށަހެޅުމަށް މިނިސްޓްރީން އެންމެ ފުރަތަމަ ހުޅުވާލީ އެ އެވޯޑު އިއުލާންކުރުމަށްފަހު، އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު އެވެ. ނަމަވެސް އެކަށީގެންވާ މިންވަރަަކަށް ހުށަހެޅުން ލިބިފައިނުވާތީ، ފިޝަރީޒް މިނިސްޓްރީން ވަނީ މިހާރު އެ އެވޯޑަށް ކުރިމަތިލާ މުއްދަތު އިތުރުކޮށް އާ އިއުލާނެއް ނެރެފަ އެވެ.
އިއްޔެ ނެރުނު އެ އިއުލާނުގެ މުއްދަތު ދެން ހަމަވާނީ އަންނަ ބުރާސްފަތި ދުވަހުގެ 12:00 އަށެވެ.
މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ އެ އެވޯޑަށް ހުށަހަޅާ ފޯމާއި ކްރައިޓީރިއާ އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

އަދި އެ އެވޯޑަށް އަމިއްލަ ހައިސިއްޔަތުން ވެސް ނުވަތަ އެހެން ފަރާތެއްގެ ނަން ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވިފައިވާކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެ އެވެ. އެވޯޑަށް ހުށަހަޅާ ފޯމު ހުށަހަޅަން ޖެހެނީ މިނިސްޓްރީގެ admin@fishagri.gov.mv އަށެވެ.
އެ އެވޯޑު ދޭނީ މަސްވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ޑިސެމްބަރު 10 ވަނަ ދުވަހު، ގާފަރުގައި އޮންނަ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.













