ދިވެހިރާއްޖޭގެ ޖަލުތަކުގައި ތިބޭ ގައިދީންގެ ތެރެއިން މަސްތުވުމަށް ދެވިހިފާފައިވާ މީހުންނަށް އަމާޒުކޮށްގެން ހާއްސަ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ހިންގުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ނޭޝަނަލް ޑްރަގް އެޖެންސީއާ ދެމެދު އެވެ. އެ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް އެއް އަހަރު ޖަލުތަކުގައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގާނެ ކަމަށް ކަރެކްޝަންސްއިން ބުނެ އެވެ.
"ޖަލުތަކުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގަން ފެށުމަކީ، މިފަދަ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން އިސްލާހުކޮށް، ހުކުމް ތަންފީޒުކޮށް ނިމޭއިރު ރަނގަޅު ފަރުދުންގެ ގޮތުގައި މުޖްތަމައަށް އެފަރާތްތައް ދޫކުރުމަށް އެމްސީއެސްއިން ކުރަމުންދާ މަސައްކަތްތަކަށް ލިބިދޭ ވަރަށް ބޮޑު ކުރިއެރުމެއް،" އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ކަރެކްޝަންސްގެ ފަރާތުން ނެރުނު ބަޔާނެއްގައިވެ އެވެ.
އެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ހަފްލާއަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަޑައިގެންނެވި އެވެ.
ރާއްޖޭގެ ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ 2500 ވަރަކަށް މީހުން އުޅޭއިރު އޭގެ ތެރެއިން 80 ޕަސެންޓު މީހުންނަކީ މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކުގައި ޖަލަށްލާފައި ތިބި މީހުން ކަމަށް ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގެ ދިރާސާތަކުން ދައްކާ އެވެ.

ރާއްޖޭގެ ޖަލުތަކުގައި ގިނައީ މަސްތުވާތަކެތީގެ ކުށްތަކުގައި ޖަލަށްލާފައިވާ މީހުން ނަމަވެސް މިހާތަނަށް ޕްރޮފެޝަނަލް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގާފައެއް ނުވެ އެވެ. މިހާރު ވެސް ފޭސްތަކަކަށް ބަހާލައިގެން ރިހެބް ޕްރޮގްރާމެއް މާފުށި ޖަލުގައި ހިންގަ އެވެ. އެކަމަކު އޭގައި ދަސްކޮށްދެނީ ލިޔަންކިޔުމާއި ނަމާދު ކުރުމާއި އިނގިރޭސި ބަސް ފަދަ އަސާސީ ކަންކަމެވެ.












